ތިމާވެށި

ކުނީގެ ގައުމީ ސިޔާސަތު އިސްލާހުކުރުމަށް ބަޔަކު ހޯދަނީ

Mar 21, 2021
1

ކުންޏާއި ވަސީލަތްތައް މެނޭޖް ކުރުމާއި ގުޅޭ ގައުމީ ސިޔާސަތު މުރާޖާކޮށް، އިސްލާހު ކުުރުމާއެކު ސްޓްރެޓެޖީއެއް އެކުލަވައިލުމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

މި މަސައްކަތަކީ ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދަން ވޯލްޑް ބޭންކުގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަންގެ ހިލޭ އެހީގައި ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ބައެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކުންޏާއި ވަސީލަތްތައް މެނޭޖްކުރުމާއި، ގައުމީ ސިޔާސަތުތައް މުރާޖާކޮށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު، ދާއިރާ އިތުރަށް ތަރައްގީ ކުރުން މަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ކުނި މެނޭޖްކުރުމާބެހޭ ބިލްގެ ދެލި ކޮޕީއަށް ގެންނަންޖެހޭ އިސްލާހުތައް ވެސް މިމަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ކަމަށެވެ.

މިމަސައްކަތަށް ޝައުގުވެރިވާ މިދާއިރާގެ ތަޖުރިބާ ހުރި ކޮންސަލްޓެންސީ ފާމްތަކުން ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދައުވަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

މިފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 15 ވަނަ ދުވަހަށެވެ.

ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން މަސައްކަތްތަކެއް ކުރި ނަމަވެސް މި މައްސަލައަށް އެދެވޭ ހައްލެއް އަދި ހޯދައިދެވިފައެއް ނުވެ އެވެ.