ހަބަރު

ޔޫޓިލިޓީ ބިލަށް ކުނީގެ ފީ އިތުރު ކުރަނީ

Jan 12, 2021
6

އުކާލުމުގެ ހިދުމަތަށް ދައްކަން ޖެހޭ ފީ ނުދައްކާ މައްސަލަ ހައްލު ކުރުމުގެ ގޮތުން، ޔޫޓިލިޓީ ބިލުތަކުގެ ތެރެއަށް ކުނީގެ ފީ އިތުރު ކުރަން ވެމްކޯއިން ވިސްނަން ފަށައިފި އެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްވަމުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަލާ ވިދާޅުވީ ވެމްކޯ އަށް ފައިސާ ނުދައްކާ މައްސަލަ ބޮޑު ކަމަށާ، އެކަން ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ވެސް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ހައްލު ލިބެމުން ނުދާތީ މިހާރު އޮތް ހައްލަކީ ޔޫޓިލީޓީ ބިލެއްގެ ތެރެއަށް އެ ބައި ހިމެނުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަން ކުރަން ވެސް ދަތި ތަކެއް ވެއެވެ.

"ފައިސާ ނުދައްކާ މައްސަލަ ހައްލު ކުރަން ގާނޫނަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭ. ރާއްޖޭގެ ޓެކުހުގެ ގާނޫނު ބުނާ ގޮތުން ކުނި މެނޭޖް ކުރުމަކީ ޔުޓިލިޓީ ހިދުމަތެއް ނޫން. އެހެންވެ ވެމްކޯއަށް ދަތިތަކާ ކުރިމަތިވޭ،" މުރުތަލާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ގާތްގަނޑަކަށް 34،000 ގޭބީސީ ހުރެ އެވެ. ނަމަވެސް ވެމްކޯ އިން ކުނި ނަގަން ރަޖިސްޓްރީކޮށްފައިވަނީ 19،000 ގޭބިސީ އިންނެވެ. ފެމްކޯ އިން ކުނި އުކާލަން ގޭގެ އިން ނަގަނީ މަހަކަށް 150ރ. އެވެ. ނަމަވެސް ރަޖިސްޓްރީ ކުރާ ގޭގެ އިން ވެސް ފައިސާ ނުދެއްކުމުގެ މައްސަލަ ބޮޑެވެ.