ހަބަރު

ރާއްޖޭގައި ކުނި ނައްތާލަން އޭޑީބީން 40 މިލިއަން ޑޮލަރު ޕްރޮޖެކްޓެއް

ރާއްޖޭގައި ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމަށް އޭޝިއަން ޑެވެލޮޕްމެންޓް ބޭންކް، އޭޑީބީ އިން 40 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ނިންމައިފި އެވެ.

އޭޑީބީ އިން ބުނީ، އެ ބޭން ކުން ޕްރޮޖެކްޓަށް 33 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށާއި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ކުނި ނެގުމާއި ކުނި ގެންދިއުމާއި ކުނި ނައްތާލުމަށް ޓްރަކްތަކާއި ކުނި ގެންދާނެ ސްޓޭޝަންތަކާއި ކުނި ނައްތާލުމަށް ބޭނުންވާ މެޝީންތައް ހޯދޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 32 ރަށެއްގައި ކުނި ނައްތާލުމުގެ ނިޒާމް އިތުރަށް ހަރުދަނާ ކޮށް 216،000 ރައްޔިތުންނަށް މިކަމުގެ ފައިދާ ކުރާނެ ކަމަށެވެ.

މި އެހީގެ ސަބަބުން ރާއްޖޭގައި ކުނި ނައްތާލުމުގެ ނިޒާމް އިތުރަށް ހަރުދަނާވެ ޓޫރިޒަމް އިތުރަށް ކުރިއަރައިގެންދާނެ ކަމަށް ވެސް ބުންޏެވެ. އަދި މި ޕްރޮޖެކްޓަށް ޖަޕާން ސަރުކާރުގެ ފަރާތުން އެ ގައުމުގައި ގާއިމްކޮށްފައިވާ ޕޮވަޓީ ފަންޑުން ދެ މިލިއަން އިތުރަށް ހަރަދު ކުރާނެ ކަމަށާއި އެ ފަންޑުގެ ދަށުން ރަށްރަށުގައި ކުނި ނައްތާލުމުގެ ސެންޓަރުތައް ގާއިމްކޮށް އަންހެނުނަށް ހާއްސަކޮށް ހަރަކާތްތައް ހިންގުން ހިމެނޭ ކަމަށެވެ.

އޭޑީބީން ބުނީ، 500،000 ޑޮލަރުގެ ޓެކްނިކަލް އެސިސްޓެންސް ފޯރުކޮށްދެވޭނެ ކަމަށާއި އޭގެ ދަށުން ވޭސްޓް މެނޭޖްމެންޓް ކުނި ނެގުމާއި އެކަން މެނޭޖް ކުރުން ހަރުދަނާ ކުރެވިގެންދާނެ ކަމަށެވެ.

މި ޕްރޮޖެކްޓަށް 40 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ ސަރުކާރުން 4.93 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ. މި ޕްރޮޖެކްޓް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރުގެ ކުރީ ކޮޅެވެ.