ކުނި މެނޭޖް ކުރުން

ތިލަފުށީގައި ކުނި އެނދުން އަންނަ މަހު ހުއްޓާލަނީ

މާލޭ ސަރަހައްދުގެ ކުނި ޖަމާކުރާ، ތިލަފުށީގައި ކުނި އެންދުން އަންނަ މަހުން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފި އެވެ.

ކުނި މެނޭޖުކުރުމަށް ސަރުކާރުން މިހާރު ތިލަފުށީގައި ކުރިއަށް ގެންދާ ހާއްސަ މަޝްރޫއުއާ ބެހޭ އެންމެފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ތިލަފުއްޓަކީ މީހުން ދިރިއުޅުން ރައްކާތެރި އަދި ސާފު ރަށަކަށް ހަދާނެ ކަމަށެވެ.

"ތިލަފުށީގެ ކުނި މެނޭޖުކުރުމުގެ މިހާރު ކުރިއަށްދާ މަސައްކަތް ނިމޭއިރު، އެ ރަށަކީ މީހުނަށް ދިރިއުޅެން ރައްކާތެރި އަދި ދުޅަހެޔޮ މާހައުލަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި މަޝްރޫއު ނިމޭއިރު ތިލަފުށީގެ ސަބަބުން މިހާރު މީހުނަށް ލިބޭ އެއްވެސް އުނދަގުލެއް ނުލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ތިލަފުށީގައި އަންދާ ކުނީގެ ސަބަބުން އެ ރަށުގައި އުޅޭ މީހުންނާއި ކައިރީގައި އޮންނަ ވިލިގިނލި އަދި މާލެއަށް ބައެއް ފަހަރު ދުމުގެ އަސަރުކުރެ އެވެ.

ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމަށްވެސް މި މަޝްރޫއުގެ ދަށުން ވަނީ ރޭވިފަ އެވެ. ކުނި އެންދުން ހުއްޓާލުމުގެ މަސައްކަތް އަންނަ މަހު ފަށާނެ އެވެ. އެގޮތުން ތިލަފުށީގައި ހާމަގޮތެއްގައި ކުނި އެންދުން ހުއްޓާލައި ވަގުތީ ހައްލެއް ހޯދުމަށް 20 ޓަނުގެ އިންސިނެރޭޝަން ފެސިލިޓީއެއް ވަނީ ގާއިމުކޮށްފަ އެވެ. މި އިންސިނެރޭޓަރުތައް ބޭނުންކޮށްގެން މެޑިކަލް ވޭސްޓްއާއި ހަޒާރޑަސް ވޭސްޓް މިހާރަށްވުރެ ފުރިހަމަ އަދި ރައްކާތެރިގޮތެއްގައި ނައްތާލެވިގެންދާނެ އެވެ. މި މަސައްކަތް ކުރާނީ އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯ އަދި އެމްއެންޑީއެފް ގުޅިގެން ކަމަށް އެ މިނިސްޓްރީ ބުނެ އެވެ.

ކުނި މޭނެޖުކުރުމަށް ތިލަފުށީގައި ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގެ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރެވޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމައްޓަކައި އޭޝިއަން ޑެވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއިއެކު ވަނީ އެއްބަސްވުމެއް އެކުލަވާލާފަ އެވެ. މި މަޝްރޫއުގެ ދަށުން އޭޑީބީގެ ހިލޭ އެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އިތުރުން ބައެއް އެހެން ފަންޑިން އެޖެންސީތަކުގެ އެހީ އާއި ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ޖުމްލަ 168 މިލިއަން ޑޮލަރު ހޭދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއު ފުރަތަމަ ފޭސް ކުރިއަށް ގެންދިއުމަށް އޭޑީބީ އިން ވަނީ 33 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދޭން ނިންމާފަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅު ފެށިގެންދާނެއިރު، މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ޕްރިލިމިނަރީ ޑިޒައިންތައް މިހާރުވަނީ ހަދާ ނިމިފަ އެވެ. މި މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކުރުމަށް މިއަހަރުގެ ފަހުކޮޅު ބިޑްކުރަން ފެށެމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް މިނިސްޓްރީ ބުންޏެވެ.

މި މަޝްރޫއުގެ ދަށުން ކުރާނެ ކަންކަން

  • ތިލަފުށީގައި ދުވާލަކަށް 500 ޓަނުގެ ކުނި އިންސިނަރޭޓްކޮށް އެއިން ކަރަންޓް އުފެއްދޭނެ ނިޒާމެއް ގާއިމުކުރުން
  • ތިލަފުށީގެ ސައިޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި ތަފާތު ވައްތަރުގެ ކުނި ވަކިވަކިން އުކާލެވޭނެ ގޮތަށް ފަރުމާކުރުން
  • އިންޑަސްޓްރިއަލް ވިލޭޖްގައި ޒަމާނީ ފެންވަރުގެ ޓްރާންސްފާ ފެސިލިޓީއެއް ގާއިމްކުރުން
  • ތިލަފުއްޓަށް ގެންދާ ކުނިތައް ބަންދުކޮށްގެން ގެންދެވޭނެ ނިޒާމެއް ގާއިމްކުރުން

މި މަޝްރޫއު ހިންގުމަށްޓަކައި ސަރުކާރުން ވަނީ ތިލަފުށީގެ ފަޅުތެރެއިން 15 ހެކްޓަރުގެ ސަރަހައްދެއް ކަނޑައަޅާ އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ. އާއި ހަވާލުކޮށްފަ އެވެ. އެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.