ރާއްޖޭގެ ރީތި ކަމުގައި އަބަދު ވެސް ޖެހޭ އެންމެ ބޮޑު "ލައްގަނޑަކީ" ކުނީގެ މައްސަލަ އެވެ. ރާއްޖޭގެ ޓޫރިޒަމަށް ބައި ގަރުނު ވާން ދާއިރު ރިސޯޓުތަކުގެ ގޮނޑުދޮށުންނާއި މޫދު އަޑިން ކުނި ހުސްނުވެ ފެންނަމުން ދިއުން ވަނީ އިގްތިސޯދަށް ވެސް ލިބި ލިބި އޮތް ވަރަށް ބޮޑު ގެއްލުމަކަށް ވެފައި ވެއެވެ. މިއަދާ ހަމައަށް ވެސް އެ މައްސަލަ ހައްލުވުމެއް ނެތި އެބަ އޮތެވެ. ކުންޏާބެހޭ ގޮތުން އެންއައިޖީ ކެޕިޓަލް އިން ހެދި ދިރާސާއެއްގައިވާ ގޮތުން ރާއްޖޭގައި އަހަރެއްގެ މައްޗަށް 365،000 ޓަނުގެ ކުނި އުފެދެ އެވެ. މި އުސް ކުނިފުނިން ރާއްޖެ ސަލާމަތް ކުރުމަށްޓަކައި 2015 ވަނަ އަހަރު ރާއްޖެ މުހިންމު ފިޔަވަޅެއް އަޅައި ގްރީން ޓެކްސް ތައާރަފު ކުރި އެވެ.
މި ހާއްސަ ޓެކްސް ތައާރަފު ކުރިއިރު ބުނަމުން ދިޔައީ މި ޓެކުހުގެ ސަބަބުން ރާއްޖޭގައި އޮތް "ޓޮކްސިކް އައިލެންޑް" ތިލަފުށިން އަރާ ދުމުން ސަމާލަތްވާނެ އެވެ. ކިހާ ރަނގަޅު ބޮޑު ބަދަލެއް ހެއްޔެވެ؟ އެހެން ނަމަވެސް ވަރަށް ވިސްނައިގެން ގްރީން ޓެކްސް ތައާރަފު ކުރިތާ ހަ އަހަރު ވެގެން ދިޔައިރު ވެސް އެ ޓެކުހުގެ ފައިސާއިން މައްސަލަ ހަލެއް ނުވި އެވެ.
ގްރީން ޓެކުހުން ކުނީގެ މައްސަލަ ހައްލު ނުވަނީ ކީއް ވެގެން ހެއްޔެވެ؟ މި ޓެކުހުގެ ފައިސާ ހޭދަކުރަނީ އެންމެ ރަނގަޅު ގޮތެއްގައި ހެއްޔެވެ؟ މިހާތަނަށް މި ޓެކުހުން ކިހާ ފައިސާއެއް ރާއްޖެއަށް ލިބިއްޖެ އެވެ. ފައިސާ ލިބުނަސް ކުނި ފުންޏަށް ހަދާނެ ގޮތެއް ނޭނގެނީ ހެއްޔެވެ؟
"ގްރީން ޓެކްސް ފައިސާ އިން އެއްވެސް ފައިދާއެއް އިންޑަސްޓްރީ [ޓޫރިޒަމް] އަށް. ނޫނީ ގައުމަށް ވެސް ވަމުން ނުދޭ. ކުނީގެ މައްސަލައަކަށް ފައިދާއެއް ނެތް. އެކަމަކު ގްރީން ޓެކްސް ނަގަން ފެށި ފަހުން ވަރަށް ބޮޑު އިންކަމެއް ލިބިފައި ވިޔަސް އެއިން ހިންގުނު އެއްވެސް ކަހަލަ ޕްރޮޑަކްޓިވް މަސައްކަތެއް، މަޝްރޫއެއް ފެންނާކަށެއް ނެތް،" ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ، މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވި އެވެ.
ހަ އަހަރުތެރޭ ތިން ބިލިއަން ރުފިޔާ
ރާއްޖެއަށް ގްރީން ޓެކްސް ތައާރަފު ކުރީ އޮކްޓޫބަރު 2015 ގަ އެވެ. އެއީ ރަންބިސް އަޅާ ކުކުޅު "އޮބާބާއްވައިގެން" ނަގާ ޓެކްސްތަކުގެ ތެރެއިން އެއް ޓެކުހެވެ. ގްރީން ޓެކުހުގެ ގޮތުގައި ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާ އަދި ޓޫރިސްޓް އުޅަނދު ފަހަރުގައި ޗުއްޓީ ހޭދަ ކުރާ މީހުން، ބޮލަކަށް ނަގަނީ ދުވާލަކު ހަ ޑޮލަރެވެ. އަދި ގެސްޓުހައުސް ތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ދުވާލަކު ތިން ޑޮލަރު ނަގަ އެވެ. މިއީ ކޮންމެ ދުވަހަށް ޖެހޭ އަދަދު ބަރާބަރަށް ނެގި ދައުލަތަށް ބަރާބަރަށް ވަންނަ ފައިސާއެކެވެ.
މި ޓެކުހުން މިހާތަނަށް ކިހާ ފައިސާ އެއް ލިބިއްޖެ ހެއްޔެވެ؟ މި ސަރުކާރުން ގްރީން ފަންޑުގެ ރިޕޯޓު ނެރުމުގެ ކުރީގައި މި ޓެކުހުގެ ނަމްބަރުތައް މިހާތަނަށް އޮތީ "ފޮރުވާފަ" އެވެ. އެ ނަމްބަރު ފެންނަނީ ކޮންމެ މަހަކު ސަރުކާރުގެ އާމްދަނީ ރިޕޯޓު ނެރުމުންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި މި ޓެކްސް ތައާރަފު ކުރި 2015 ވަނަ އަހަރު އާމްދަނީއަށް 45 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އަދި 2016 ގައި 633 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. ޖެހިގެން އައި 2017 ވަނަ އަހަރު މި އަދަދު 693 މިލިއަން ރުފިޔާއަށް އުފުލުނެވެ. އޭގެ ފަހުން 2018 ވަނަ އަހަރު 810 މިލިއަން ރުފިޔާއަށް އެރި އެވެ. އަދި 2019 ވަނަ އަހަރު ރެކޯޑު އަދަދަކަށް ޓޫރިސްޓުން އައުމާއެކު ގްރީން ޓެކުހުގެ އާމްދަނީ ވެސް 851 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި 351 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. އެހެންވެ، ވޭތުވެދިޔަ ހަ އަހަރު ތެރޭ ގްރީން ޓެކުހުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ތިން ބިލިއަން ރުފިޔާއަށް އަރަ އެވެ.
ގްރީން ޓެކުހުން މިހާތަނަށް ތިން ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު އެ ފައިސާ އިން ކުރީ ކޮން ކަމެއް ހެއްޔެވެ؟ ގައިމުވެސް ކުނީގެ މައްސަލަ ހައްލެއް ނުވެއެވެ. އަދި މި ޓެކުހުގެ ފައިސާ ބޭނުންކޮށްގެން ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރާއްޖެ ކުނިވުން އިތުރުވީ ކީއް ވެގެން ހެއްޔެވެ؟
ރާއްޖޭގައި އުފެދޭ ކުނީގެ އަދަދު ތަކަށް ބަލާއިރު ކުނީގެ މައްސަލަ ހައްލު ނުކޮށް ބޭއްވީ ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ދޯހަޅި ކަމުން ކަމަށް ބުނެވެން އެބަ އޮތެވެ. އަނެއް ގޮތަކަކީ ކުނީގެ މައްސަލަ ހައްލުނުކޮށް "ގަސްތުގައި" މައްސަލަ ޕާކުކޮށްފައި ބޭއްވީ އެވެ.
މީގެ މައިގަނޑު އެއް ސަބަބަކީ ކުނީގެ 12 ޕަސެންޓް ނުވަތަ ރާއްޖޭގައި އަހަރަކު އުފެދޭ ކުނީގެ 43،134 ޓަނާ އެއްވަރުގެ ކުނި ނިސްބަތްވާ ޕްލާސްޓިކް ފުޅިން ދައުލަތަށް ލިބޭ އާމްދަނީ މަތިވުމެވެ. އެންއައިޖީ ކެޕިޓަލް ކުންފުނިން ހެދި ކުނީގެ ދިރާސާ ދައްކާ ގޮތުގައި ޕްލާސްޓިކް ފުޅިން ދައުލަތަށް އަހަރަކު 148 މިލިއަން ރުފިޔާ ލިބެ އެވެ. އަދި ނުފޫޒު ގަދަ ބޮޑެތި ކުންފުނި ތަކަށް މި ވިޔަފާރިން އަހަރަކު ލިބޭ އާމްދަނީ 900 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އުފުލެ އެވެ.
ކުނީގެ މައްސަލާގައި ދިވެހި ސަރުކާރުތައް ވަނީ ދައުލަތަށް އިހުމާވެފަ އެވެ. އަދި އެ އިހުމާލު ވެފައި ވަނީ ރާއްޖޭގެ އިގްތިސޯދަށް ދެވޭ ބޮޑު ގެއްލުމުގެ ތެރެއަށް ވަަދެގެން ގޮސްފަ އެވެ. ސަރުކާރުގެ "ފިނިކޮޓަރީ" ގައި ތިބި މީހުންނަށް މިކަމުގައި ގެއްލުމާއި ހަލާކު ނުފެނި ލޯ މަރާލައިގެން ތިބި ނަމަވެސް ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންނަށް ކޮންމެ ދުވަކު މިކަމަށް ކުރިމަތިލާން ޖެހެ އެވެ. ލަދު ގަންނާން ޖެހެ އެވެ. މި ކަމުގައި ލަދެއް ހަޔާތެއް ނެތީ ދިވެހި ސަރުކާރެކެވެ.
ކޮންމެ ދުވަހަކު ފޭސް ކުރާ މައްސަލައެއް
ރާއްޖެ އަންނަ ރާޅާ އަޅާ ޓޫރިސްޓުންގެ ތެރެއިން ބޮޑު ބައެއް އަންނަ ތުލުސްދޫގައި ގެސްޓްހައުސް ހިންގާ، އަހުމަދު އަޒްނިލް ވިދާޅުވި ގޮތުގައި ކޮންމެ އަހަރަކު މިލިއަނުން ދައުލަތަށް ޓެކްސް ނަގައި ކުނީގެ މައްސަލަ ހައްލު ނުކޮށް، ތިމާވެށީގައި ނަން ބޯޑު ހިފައިގެން އުޅުމަކީ "ލަދެއް ނުގަނެ" ބޮޑުވެގެން ވައްކަމެއް ކުރަމުން ދިއުމެވެ. އޭނާ ވިދާޅުވާ ގޮތުގައި މި މައްސަލައަކީ ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކުހެން ވަރަށް ބޮޑަށް ސުވާލު ކުރާ ކަމަކަށް ވެފައި އޮވެ އެވެ. އަދި އެ މީހާއަށް އެ ސުވާލު ކުރެވެން އެބައޮތެވެ. ސަބަބަކީ އޭނާ ރާއްޖެ އައިސް ހުރީ އެ މައްސަލަ ހައްލު ކުރަން ޓެކްސް ދައްކައިގެން ކަމަށްވާތީ އެވެ.
"ހަގީގަތުގައި އަހަރެމެން މި އުޅެނީ އަހަރެމެންގެ މަންފާއަކަށް ނޫން. މުޅި ގައުމުގެ މަންފާއަށް. ރާއްޖޭގައި ބޮޑެތި މަޝްރޫއު ހިންގާއިރު އަހަރެމެންގެ ދިރިއުޅުމަށް ފަސޭހައަށް ކުޑަ ކަމެއް ވެސް ކޮށެއް ނުދެވޭ. މިއީ ކިހާ ދެރަކަމެއް،" އަޒްނިލް ވިދާޅުވި އެވެ. "ގެސްޓުން މި އަންނަނީ ފަސްޓް ވޯލްޑުގެ ގައުމުތަކުން... ކުނީގެ މައްސަލަ ހައްލު ނުވާތީ ގިނަ ޓޫރިސްޓުން ސުވާލު ކުރޭ، އަޅުގަނޑުމެން ވަރަށް ލަދުގަނޭ ވެރިންނަށް ތިބޭ ބަޔަކަށް މި ކަންކަން ނުކުރެވޭތީ. މިހާ ކުދިކުދި ކަންތައް ހައްލު ނުވާތީ. ވަރަށް ލަދުވެތި."
ގްރީން ޓެކުހަށް ހަ އަހަރުން ތިން ބިލިއަން ރުފިޔާ ލިބުނުއިރު ވެސް ކުނީ މެނޭޖު ކުރެވޭނެ އިންތިޒާމެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެކަށީގެންވާ ގޮތެއްގައި ހަމަޖެއްސިފައެއް ނެވެ. ރާއްޖޭގައި 150 ރިސޯޓު އޮންނައިރު، ގިނަ ރިސޯޓު ތަކުން އަދި ވެސް ކުނި އުކަން ދިގު ދަތުރުކޮށްފައި އަންނަން ޖެހެނީ މާލެ އަތޮޅަށެވެ. އަދި "ފުޑް ވޭސްޓް" ކަނޑަށް ބަންޑުން ކޮށްލަން އޮންނަނީ ފުރުސަތު ދީފަ އެވެ. މިއީ ތިމާވެށި ވިއްކައި ކައިގެން ބޮއެގެން އުޅޭ ގައުމަކުން ހިންގާ ޖަރީމާ އެވެ. ސަރުކާރުގެ ކަމާބެހޭ ވެރީންގެ ލަދު ކޮބައި ހެއްުޔެވެ؟
ރާއްޖޭގެ ސަރުކާރަށް ކުންޏަށް ހަދާނެ އެއްވެސް ގޮތެއް ނޭނގި އެތައް މިތަނަށް ކުނި އަޅައި ގައުމު މިވަނީ ހަރާބުވެފަ އެވެ. އެއިން ސަލާމަތް ވާނެ ހަމަ އެއްގޮތެއް ނުވެގެން އުޅޭއިރު މި ކުންޏަކީ ވެސް ޑޮލަރަށް ބަދަލު ކުރެވޭ އެއްޗެއްކަން ދިރާސާ ތަކުން އެހުރީ ސާބިތުވެ ފެންނާށެވެ.
ކުރީގެ ގަވަރުނަރު / އަދި އެންއައިޖީ ކެޕިޓަލްގެ ސީއީއޯ އަހުމަދު ނަސީރު ވިދާޅުވި ގޮތުގައި ޕްލާސްޓިކަކީ އިކޮނޮމިކް ވެލިއުއެއް ހުރި އެއިން ފައިދާ ވެސް ނެގިދާނެ އެއްޗެކެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ޕީއީޓީ ފުޅި ވަކި ކޮށްގެން ފްލޭކްސްގެ ގޮތުގައި ކޮށައި ރިސައިކަލްކޮށް އެކްސްޕޯޓް ކުރާ ތަކެތި އެއީ. ހަމައެކަނި މިނަރަލް ވޯޓާއަށް ބޭނުން ކުރާ ފުޅި އެކްސްޕޯޓް ކޮށްގެން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދިދާނެ،" ނަސީރު ވިދާޅުވި އެވެ.
ގްރީން ޓެކްސް ނަގަނީ ޓޫރިޒަމްގެ ތެރެއިން ފައިސާ ހޯދައި ކުނީގެ މައްސަލަ ހައްލު ކުރާށެވެ. ގްރީން ޓެކްސް ތައާރަފު ކުރީ އެހެންވެ އެވެ. ޓޫރިސްޓުން ފައިސާ ދެނީ ވެސް އެހެން ވެގެނެވެ. މި ޓެކުހުން މިހާތަނަށް ލިބުނު ތިން ބިލިއަން ރުފިޔާއަށް ކުރީ ކީއް ހެއްޔެވެ؟ އަދި އެ ފައިސާއިން ކުނީގެ މައްސަލަ ހައްލު ނުވީ ކީއްވެގެން ހެއްޔެވެ؟