ވިޔަފާރި

ތިލަފުށީގެ ކުނީގެ މައްސަލަ ހައްލު ކުރަން ގްރީން ޓެކްސްގެ ފައިސާ ހޭދަކުރާނެ: ޖިހާދު

ގްރީން ޓެކްސްގެ ފައިސާއިން ތިލަފުށީގެ ކުނީގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ މިއަދުން ފެށިގެން ނަގަން ފަށާފައިވާ ގްރީން ޓެކްސްގެ ފައިސާ ހަރަދު ކުރެވޭނީ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ކަމަށެވެ.

"ގްރީން ޓެކްސް ނެގީމަ މިބަލަނީ ތިމާވެށި ހިމާޔަތް ކުރަން ހިންގާ ޕްރޮޖެކްޓްތައް އިތުރު ވެގެންދާނެ ކަމަށް. އިތުރު ހަރުދަނާކަމެއް ލިބިގެން ދާނެ ކަމަށް،" ޖިހާދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގްރީން ޓެކްސްގެ ފައިސާ އިން ރަށްރަށުގެ ގޮނޑު ދޮއްތައް ހިމާޔަތް ކުރުން ފަދަ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

"މި ފައިސާއިން ތިލަފުށީ ވޭސްޓަށް ހައްލު ލިބިގެންދާނެ،" ޖިހާދު ވިދާޅުވި އެވެ.

ދައުލަތުން އަންދާޒާ ކޮށްފައިވާ ގޮތުގައި ގްރީން ޓެކުހުން މި އަހަރު ދައުލަތައް އާމްދަނީގެ ގޮތުގައި 314 މިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި އަންނަ އަހަރު 1.1 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި 2017 ވަނަ އަހަރު މި އަދަދު 1.3 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މި ޓެކްސް ނަގަނީ ޓޫރިސްޓެއްގެ އަތުން ހަ ޑޮލަރެވެ.

ގްރީން ޓެކްސް ނަގަން ހަމަޖެހިފައި ވަނީ ޓޫރިސްޓް ރިޒޯޓްތަކާއި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުންނެވެ. މި ޓެކްސް ނަގަނީ ދުވާލަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. މީރާއަށް ގްރީން ޓެކްސް ބަޔާނާއެކު އިންފޮމޭޝަން ޝީޓް ހުށަހަޅައި ފައިސާ ދައްކަންޖެހެނީ ކޮންމެ ކަލަންޑަރު މަހެއް ނިމުމުން ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިންނެވެ.