މާފުށި

ދައުލަތަށް އާމްދަނީ ހޯދައިދިނުމުން އެއްވަނަ މާފުށްޓަށް

ގްރީން ޓެކްސް އާއި ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ރަށަކީ ކ. މާފުށި ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އެކަން ހާމަކުރީ ޖީއެސްޓީ އާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ވަކި ރަށްރަށާއި އަތޮޅުތަކުން ލިބުނު އާމްދަނީ ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު މިނިސްޓަރު އިބްރާހީމް އާމިރުއާ ކުރެއްވި ސުވާލާއި ގުޅިގެންނެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ވަކިވަކި ރަށްރަށުން ލިބުނު އާމްދަނީގެ މައުލޫމާތު ހޯދާފައިވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށެވެ.

މާފުށިން ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ އަހަރު 16.4 މިލިއަން ރުފިޔާ ލިބުނުއިރު ގްރީން ޓެކްސްގެ ގޮތުގައި 544،857 ރުފިޔާ ލިބިފައިވެ އެވެ. 2020 ވަނަ އަހަރާއި 2019 ވަނަ އަހަރުވެސް ވަކިވަކި ރަށްރަށުުގެ ތެރެއިން ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މާފުށިން ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

ޓީޖީއެސްޓީ އިން 2021 ގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފަސް ރަށް

  • ކ. މާފުށި: 16.4 މިލިއަން ރުފިޔާ
  • އދ. ދިގުރަށް: 3.88 މިލިއަން ރުފިޔާ
  • މަންދޫ: 3.53 މިލިއަން ރުފިޔާ
  • ހދ. ހަނިމާދޫ: 3.17 މިލިއަން ރުފިޔާ
  • ކ. ތުލުސްދޫ: 3.09 މިލިއަން ރުފިޔާ

ގްރީން ޓެކްސް އިން 2021 ގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފަސް ރަށް

  • ކ. މާފުށި: 544،857 ރުފިޔާ
  • އއ. އުކުޅަސް: 113،277 ރުފިޔާ
  • މަންދޫ: 100،824 ރުފިޔާ
  • ހދ. ހަނިމާދޫ: 98،920 ރުފިޔާ
  • ކ. ތުލުސްދޫ: 85،104 ރުފިޔާ

ފިނޭންސް މިނިސްޓްރީން ހާމަކުރި ލިސްޓުގައި މާލެ، ހުޅުމާލެ، ވިލިމާލެ އަދި ވަކިވަކި ރިސޯޓުތަކުން ލިބުނު އާމްދަނީގެ ތަފްސީލު ހިމަނާފައެއް ނުވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ކ. އަތޮޅުގެ ރަށްރަށުންނެވެ.

ކ. އަތޮޅުގެ ނުވަ ރަށުން ޓީޖީއެސްޓީގެ ގޮތުގައި 22.51 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 761،571 ރުފިޔާ ލިބުނެވެ.

އދ. އަތޮޅުގެ 10 ރަށުން ޓީޖީއެސްޓީގެ ގޮތުގައި 8.31 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 234،555 ރުފިޔާ ލިބިފައިވެ އެވެ.

ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ މިހާރު ނަގަނީ 12 އިންސައްތައިގަ އެވެ. ޓޫރިސްޓު ރިޒޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުގަ އެވެ. އަދި ޓޫރިސްޓު ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާނީ އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ތިން އެމެރިކާ ޑޮލަރުގެ ރޭޓުގަ އެވެ.

ބަޖެޓުގެ ތަފާސްހިސާބު

މިއަހަރުގެ ސެޕްޓެމްބަރު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 77.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 759.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު އާންމު ޖީއެސްޓީގެ 251.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް އާންމު ޖީއެސްޓީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ 389.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރުގެ ޖެނުއަރީން ފެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.