ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ތަފުސީލާއެކު ވަކިވަކި އަތޮޅުތައް ވެސަ ހިމެނޭ ގޮތަށް ފިނޭންސް މިނިސްޓްރީން އާއްމު ކުރަން ފަށައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުން ފިނޭންސް މިނިސްޓްރީން ފުރަތަމަ ފަހަރަށް އާއްމުކުރި ޖެނުއަރީ މަހުގެ "ގްރީންޓެކްސް ރިޕޯޓްގައި" ވާ ގޮތުން ގްރީޓް ޓެކުހުން ޖެނުއަރީ މަހު ޖުމުލަ 78 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރިސޯޓުތަކުން 70 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ގެސްޓްހައުސްތަކުން ތިން މިލިއަން ރުފިޔާ މީގެ އިތުރުން ހޮޓާތަކުން 1.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ސަފާރީ އުޅަނދު ފަހަރުތަކުން ވަނީ 2.5 މިލިއަން ރުފިޔާ ލިބިފަ އެވެ.
ޖެނުއަރީ މަހު ގްރީން ޓެކްސް
- ޖުމުލަ 78 މިލިއަން ރުފިޔާ
- އެންމެ ގިނައިން ޓެކްސް ދެއްކީ މާލެ އަތޮޅުން
- ދެވަނައަށް ދެއްކީ ބ. އަތޮޅުން
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބަލައި އާއްމު ކުރަން ފެށި، ގްރީން
ޓެކުސް ރިޕޯޓުގައި މި ޓެކުސް ދައްކާ އަތޮޅުތައް ވަކިވަކިން ހިމަނާފައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން އެންމެ ގިނައިން ގްރީން ޓެކްސް ދައްކަނީ އެންމެ ރިސޯޓު ގިނަ މާލެ އަތޮޅުންނެވެ. މި އަތޮޅުން 28 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. ދެން ގްރީން ޓެކުސް އެންމެ ގިނައިން ދައްކާފައިވަނީ ބ. އަތޮޅުންނެވެ. އެ އަތޮޅުން 6.5 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގެސްޓްހައުސްތަކާއި ރިސޯޓުތަކުން ވެސް އެންމެ ގިނައިން ގްރީން ޓެކުސް ދައްކާފައިވަނީ ވެސް ކ. އަތޮޅުންނެވެ. މި އަތޮޅުގެ ގެސްޓްހައުސްތަކުން 1.2 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި ރިސޯޓުތަކުން ވަނީ 27 މިލިއަން ރުފިޔާ ދައްކާފަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މި ޓެކްސް ދައްކާފައިވަނީ ބ. އަތޮޅުންނެވެ. މި އަތޮޅުގެ ރިސޯޓުތަކުން ހަ މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އަދި ގެސްޓްހައުސްތަކުން ވަނީ 151 މިލިއަން ރުފިޔާ ދައްކާފަ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ނަގަން ފެށި ގްރީން ޓެކުސް ނަގަނީ ގެސްޓްހައުސްތަކަށް އަންނަ މީހުންގެ އަތުން ތިން ޑޮލަރެވެ. އަދި ރިސޯޓުތަކުގައި ތިބޭ މީހުންގެ އަތުން ހަ ޑޮލަރެވެ.