ޓޫރިޒަމް

ގެސްޓް ސްޓޭ އިތުރުވެ ޓީޖީއެސްޓީއަށް ބޮޑު ކުރިއެރުމެއް

ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު ނުވަތަ "އެވްރެޖު ސްޓޭ" އިތުރުވެ ޓޫރިޒަމް ޖީއެސްޓީން އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ބޮޑުތަނުން އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 3.6 ބިލިއަން ރުފިޔާ ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އެވެ. މި އަދަދަކީ މި އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީން ލިބޭނެ ކަމަށް އަންދާޒާކުރި 2.6 ބިލިއަން ރުފިޔާއަށް ވުރެ އިތުރު މިންވަރެކެވެ.

މި އަހަރުގެ މިހާތަނަށް ޓީޖީއެސްޓީން ހަތަރު ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 1.8 ބިލިއަން ރުފިޔާ އެވެ. ޓޫރިޒަމާ ގުޅުންހުރި އެހެން އާމްދަނީ ތަކަށް ވެސް ޓޫރިޒަމް ރަނގަޅު ވަމުން ދިއުމުގެ ސަަބަބުން ދަނީ ކުރިއެރުން ލިބެމުންނެވެ.

މި ބަދަލުގެ ސަބަބުން ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވެސް ވަނީ ކުރިއެރުން ލިބިފަ އެވެ. ކުރިން ސަރުކާރުން އަންދާޒާ ކުރީ މި އަހަރު ޓެކްސްގެ ގޮތުގައި ލިބޭނީ 10.8 ބިލިއަން ރުފިޔާ ކަމަށެވެ. މިހާތަނަށް ބަލާއިރު ޓެކްސްގެ ގޮތުގައި 10.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ގުޅުންހުރި އެހެނިހެން އާމްދަނީ

  • ގްރީން ޓެކްސް 575.1 މިލިއަން
  • އެއާޕޯޓް ސާވިސް ޗާޖު 285.6 މިލިއަން
  • އެއާޕޯޓް ޑިވްލޮޕްމަންޓް ފީ 291.6 މިލިއަން
  • ރިސޯޓް ކުލި 1.4 ބިލިއަން
  • ލޭންޑް އެކުއެޒިޝަން ކޮސްޓް 18.8 މިލިއަން

ޓީޖީއެސްޓީ އިތުރުވެފައިވާއިރު ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވުމަށް ފަހު މި އަހަރު އައި ޓޫރިސްޓުންގެ އަދަދު ވަނީ 800،000 އަށްވުރެ މަތިވެފަ އެވެ. އަދި އަންނަ މަހު މި އަދަދު 900،000 ފަހަނަ އަޅާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ރާއްޖެ އަންނަ
ޓޫރިސްޓުންގެ އަދަދު އިތުރުވިއިރު އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވުމެވެ. ކުރިން ހަތް ދުވަހު ޓޫރިސްޓުން ތިބި ނަމަވެސް މިހާރު ނުވަ ދުވަހު ޓޫރިސްޓަކު ރާއްޖޭގައި މަޑު ކުރެ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ކުރިއަށް ޓޫރިޒަމްގެ މައި ސީޒަން އޮތްއިރު މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. އެމްއެމްއޭގެ ދިރާސާއިން ދެއްކި ގޮތުގައި މި އަހަރު އެންމެ ރަނގަޅު ހާލަތުގައި އަންނާނީ 1.2 މިލިއަން ޓޫރިސްޓުންނެވެ.