ދައުލަތުގެ އާމްދަނީ

ސްޓޭ އިތުރުވެ އާމްދަނީއަށް 613 މިލިއަން ޑޮލަރު

May 31, 2021
1

ޓޫރިޒަމަށް އާމްދަނީ އިތުރުވާނެ އެއް ގޮތަކީ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރު ވުމެކެވެ. މިކަން ރާއްޖޭގެ ބޯޑަރު ހުޅުވުމާއެކު ވަނީ ފާހަގަ ވެގެން ގޮސްފަ އެވެ. ކޮވިޑް-19 އަށްފަހު ދުނިޔެ ހުޅުވަމުން ދިޔައިރު އެކި ގައުމުތަކުގެ ބޯޑަރުގައި ހުރި ދަތިތަކާއެކު ރާއްޖެ އައި ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުުރު ކުރި އެވެ. ނަތީޖާއަކަށްވީ ބޯޑަރު ހުޅުވުމަށް ފަހު އައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރުވެ، ބެޑް ނައިޓަށް އައި ކުރިއެރުން ލިބުނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމަށް 613 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ) ގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މި އަހަރުގެ ފުރަތަމަ ކްއާޓާގެ ކުއާޓަރީ ބްލެޓިންގައިވާ ގޮތުން ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވުމުން ޓޫރިޒަމް ސިނާއަތަށް ލިބޭ އާމްދަނީ ވަނީ އިތުރުވެފަ އެވެ. ކުރިން އެވްރެޖުކޮށް 7.6 ދުވަހު ރާއްޖޭގައި ޓޫރިސްޓުން ތިބި ނަމަވެސް މިހާރު 8.9 ދުވަހަށް ވަނީ އިތުރުވެފަ އެވެ. މި ބަދަލުގެ ސަބަބުން އާމްދަނީއަށް އިތުރުކަން ލިބިފައިވަނީ ހައިއެންޑް ރިސޯޓުތަކަށެވެ.

މި އިތުރުވުމާއެކު ޓޫރިޒަމް އާމްދަނީއަށް ފަސް ޕަސެންޓް އިތުރުވެ، 28 މިލިއަން ޑޮލަރު (432 މިލިއަން ރުފިޔާ) ގެ އިތުރުވުމެއް ވަނީ ފާހަގަ ކުރެވިފަ އެވެ.

ޓޫރިޒަމްގެ އާމްދަނީއަށް އައި އިތުރުވުމާއެކު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަން މަތިވެފަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މި އަހަރު ޓެކުހުގެ ގޮތުގައި ލިބެމުން އަންނަ އާމްދަނީ އުންމީދު ކުރި ވަރަށްވުރެ އިތުރުވަމުން ދާކަން ފާހަގަ ކުރެވެ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ރަނގަޅު ވަމުން ދިއުމެވެ.

"ޓެކުހުގެ އާމްދަނީ އިތުރުވަމުގެ މައިގަނޑު ސަބަބަކީ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވުން. ދެހާސް ނަވާރަ ވަނަ އަހަރު އެވްރެޖުކޮށް ހަ ދުވަސް ސްޓޭ ކުރި ނަމަވެސް މި އަހަރުގެ އެވްރެޖު ސްޓޭ އުޅެނީ 8.9 ދުވަހުގައި،" އަމީރު ވިދާޅުވި އެވެ.

މިއަހަރުގެ ނިމިދިޔަ ތިން މަސް ދުވަހަށް ބަލާނަމަ ރާއްޖޭގެ "ޓްރެޑިޝަނަލް މާކެޓު" ތައް ވަނީ "ގެއްލިފަ" އެވެ. އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ރާއްޖެ އައި ޓޫރިސްޓުންގެ 65 ޕަސެންޓް ހިއްސާ ކުރަމުންދަނީ މެދުތެރޭ ޔޫރަޕުން ނުވަތަ ރަޝިއަން ރީޖަންގެ ގައުމުތަކުން އަންނަ ޓޫރިސްޓުންނެވެ. މީގެ އިތުރުން އޭޝިއަން ރީޖަންގެ ގައުމުތަކުން އައި މީހުންގެ އަދަދު ވެސް 65 ޕަސެންޓް މަތިވި އެވެ. މީގެމައިގަނޑު ސަބަބަކީ އިންޑިއާ މާކެޓު ބޮޑުތަން ރަނގަޅުވުމެވެ. ފުރިހަމަ ތިން މަހު ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު ސޯސް ދެ މާކެޓު ކަމަށްވާ ރަޝިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ 23 ޕަސެންޓް ހިއްސާ ކުރިއިރު އިންޑިއާގެ ހިއްސާއަކީ 21 ޕަސެންޓެވެ.