ރިސޯޓުތަކުގެ ބިމު ކުލިން އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު އިތުރު ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ ހަފުތާގެ މާލީ ރިޕޯޓު ދައްކާ ގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުން ކުލީގެ ގޮތުގައި 57.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މުއްދަތުގައި ކުލީގެ ގޮތުގައި ލިބުނު 41.0 މިލިއަން ރުފިޔާއާ އަޅާބަލާނަމަ ގާތްގަނޑަކަށް 28 ޕަސެންޓުގެ އިތުރު ވުމެކެވެ.
މި އަހަރު ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ބަޖެޓުގައި ޖަހާފައިވަނީ 1.8 ބިލިއަން ރުފިޔާ އެވެ.
ރިސޯޓުތަކުން މިހާތަނަށް ލިބުނު ކުލި އިތުރުވީއިރު، ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދު ހީނަރުވެފައިވާތީ ރިސޯޓްތަކުގެ ކުއްޔާއި ސަރުކާރުގެ އެހެން ބިންތަކުގެ ކުލި އެއް އަހަރު ދުވަހަށް ވަނީ ފަސް ކޮށްދީފަ އެވެ.
މި ބަދަލާއެކު ބަހާލައިގެން ކުލި ދެއްކޭނެ އިންތިޒާމު ސަރުކާރުން ވަނީ ތަނަވަސްކޮށްދީފަ އެވެ. އެހެންވެ ބައެއް ކުންފުނި ތަކުން ކުލި ދައްކަނީ ބަހާލައިގެންނެވެ. ސަރުކާރުން ދިން މި ލުޔާއެކު އަނބުރާ ދައްކަން އެއް އަހަރު ދުވަސް ލިބިގެންދާނެ އެވެ. މިގޮތުން ކުލި ދައްކަނީ ތިން މަހުން އެއްމަހު ކަމަށްވާ ނަމަ، ފަސް ކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ މި އަހަރު ޖޫން އިން ފެށިގެން ހަތަރު ކުއާޓަރަށް ބަހާލައިގެނެވެ. އެއީ މި އަހަރުގެ ޖޫން މަހާއި ސެޕްޓެމްބަރު މަހު އަދި މި އަހަރުގެ ޑިސެންބަރު މަހާއި 2022 ވަނަ އަހަރުގެ މާޗް ގައި ފައިސާ ދައްކާ ގޮތަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މަހުން މަހަށް ކުލި ދައްކާނަމަ ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ މި އަހަރުގެ ޖޫން އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު ދައްކަން ޖެހޭ މިންވަރު ކަމަށެވެ. ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ޖޫރިމަނާއެއް ނުހިނގާނެ އެވެ. އެހެން ނަމަވެސް، މި އަހަރުގެ ޖޫން މަހުން ފެށިގެން އެ ފައިސާ ދައްކަމުން ނުދާ ނަމަ، ޖޫރިމަނާ އާއި އިންޓަރެސްޓް އަރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ 145 ރިސޯޓެއްގެ 33،432 އެނދު ވަނީ އަލުން ހުޅުވާފަ އެވެ.