ވިޔަފާރި

ރިސޯޓާއި ބިންތަކުގެ ކުލި އަހަރު ދުވަހަށް ފަސްކޮށްދީފި

Jun 29, 2020
5

ރިސޯޓްތަކުގެ ކުއްޔާއި ސަރުކާރުގެ އެހެން ބިންތަކުގެ ކުލި އެއް އަހަރު ދުވަހަށް ފަސް ކޮށްދީފި އެވެ،

ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުގެ ތިންވަނަ ކްއާޓަރާއި ހަތަރު ވަނަ ކްއާޓަރަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލީގެ އިތުރުން، މި މަހުން ފެށިގެން އަންނަ ޑިސެންބަރުގެ ނިޔަލަށް ދައްކަން ޖެހޭ ބިމު ކުލި ދައްކަން ޖެހޭނީ، އަންނަ ޖޫން މަހުން ފެށިގެން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މި ލުއިކަން ދޭން ނިންމީ ކޮވިޑް-19 އިގެ ބަލިމަޑު ކަމާއެކު އިގުތިސޯދަށް ދިމާވެފައިވާ ތަދު މަޑުކަމާ، ބަލި ފެތުރުން ކޮންޓްރޯ ކުރުމަށް، އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރި އާއި ރައްޔިތުންނަށް މާލީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައިވާތީ ކަމަށެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށް ދޭން ކަމަށެވެ.

މި ބަދަލާއެކު ފަސްކޮށްދޭ ކުލި އަނބުރާ ދައްކަން އެއް އަހަރު ދުވަސް ލިބިގެންދާނެ އެވެ. މިގޮތުން ކުލި ދައްކަނީ ތިން މަހުން އެއްމަހު ކަމަށްވާ ނަމަ، ފަސް ކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ އަންނަ އަހަރު ޖޫން އިން ފެށިގެން ހަތަރު ކުއާޓަރަށް ބަހާލައިގެނެވެ. އެއީ އަންނަ އަހަރުގެ ޖޫން މަހާއި ސެޕްޓެމްބަރު މަހު އަދި އަންނަ އަހަރުގެ ޑިސެންބަރު މަހާއި 2022 ވަނަ އަހަރުގެ މާޗް ގައި ފައިސާ ދައްކާ ގޮތަށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މަހުން މަހަށް ކުލި ދައްކާނަމަ ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ އަންނަ އަހަރުގެ ޖޫން އިން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު ދައްކަން ޖެހޭ މިންވަރު ކަމަށެވެ. ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ޖޫރިމަނާއެއް ނުހިނގާނެ އެވެ. އެހެން ނަމަވެސް، އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ފައިސާ ދައްކަމުން ނުދާ ނަމަ، ޖޫރިމަނާ އާއި އިންޓަރެސްޓް އަރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.