ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދު ހީނަރުވެފައިވާތީ، މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށާއި ދަރަނި 67 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކޮށްފި އެވެ.
އިގްތިސޯދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ކުރިން ބެލެވިފައި އޮތީ މި އަހަރު އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް އާމްދަނީ 15 ބިލިއަނަށް ދަށްވާނެތީ ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅު ތަކެއް ވެސް އަޅާފައިވާ ކަމަށެވެ.
"ރިކަރަންޓް އެކްސްޕެންޑިޗާ، އެއް ބިލިއަން ރުފިޔާ މަދުކުރަން ފިޔަވަޅުތަކެއް ވަނީ އެޅިފައި. ނަމަވެސް. ކޮވިޑް-19 އާ ގުޅިގެން ސިއްހީ އަދި ޑިޒާސްޓާ މެނޭޖުމަންޓަށް ކުރާ ހަރަދުތަކުގެ އަދަދު އިތުރު ވާނެ. މިހާރު ކޮވިޑް-19 އާ ގުޅޭ ކަންކަމަށް 280 މިލިއަން ރުފިޔާ ހޭދަ ކުރެވިފައިވޭ،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސޮވެރިން ގެރެންޓީ ނުހިމަނައި މި އަހަރު ދައުލަތުގެ ދަރަނި ކުރިން ހުންނާނެ ކަމަށް ބެލެވުނީ 57 ބިލިއަން ރުފިޔާގައި ކަމަށާ، ނަމަވެސް މިހާރު އަންދާޒާ ކުރަނީ ދަރަނި 67 ބިލިއަން ރުފިޔާއަށް އިތުރު ވާނެ ކަމަށެވެ.
"ދަރަނި ހުންނާނެ މިންވަރު މައްޗަށް ދާއިރު، އުފެއްދުންތެރިކަން ވެސް ދަށް ވާނެތީ، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަންޏަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވޭ،" އަމީރު ވިދާޅުވި އެވެ.
އަމީރު ދުނިޔޭގެ ގިނަ ގައުމުތައް ބަންދުވެ އެ ގައުމުތަކުގެ ރެސްޓޯރެންޓުތައް ވެސް ބަންދު ކޮށްފައިވުމުން، މަހުގެ އެކްސްޕޯޓުން ލިބޭ އާމްދަނީ ވެސް މި އަހަރު ބޮޑު ތަނުން ދަށްވާނެ ކަމަށެވެ.
"ބޭރު ފައިސާ ލިބޭ މިންވަރު މަދުވާއިރު، ފައިސާ ހަރަދު ކުރަން ޖެހޭ މިންވަރު ވެސް މަދުވާނެ ކަމަށް ބެލެވޭ. ރާއްޖޭގެ ރިސޯޓުތައް ބަންދުކޮށްފައި ވުމާއެކު އިމްޕޯޓު ދަށް ވާނެ. މީގެ އިތުރުން ސަޕްލައި ޗޭނަށް އަންނަ މަޑުޖެހުމުގެ ސަބަބުން އިމާރާތް ކުރުމުގެ މަސައްކަތްތައް ވެސް މަޑު ޖެހުމާއެކު، އިމާރާތް ކުރަން އެތެކުރާ އެއްޗިހި ވެސް މަދު ވާނެ،" އަމީރު ވިދާޅުވި އެވެ.
ދަރަނި މަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއިރު، ސަރުކާރުން ބުނެފައި ވަނީ އިގްތިސޯދު މިހާރު ވެއްޓިފައިވާ އަނދަވަޅުން ނެގޭނެ ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ދަނީ ދުނިޔޭގެ މާލީ އިދާރާތަކާއެކު މަސައްކަތް ކުރަމުންނެވެ.