ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ގޮތުން ކުރިމަތިވަމުންދާ ގެއްލުންތަކުން ވިޔަފާރިތަކާއި އާއްމުން އަރައި ގަންނަން ތައާރަފުކުރި (2.5 ބިލިއަން ރުފިޔާ އެހީގެ ޕެކޭޖު) އާ ބެހޭ ގޮތުން މިއަދު ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ފަރުދުންނާއި ވިޔަފާރި ތަކަށް ބީއެމްއެލު އިން ނަގާފައި ހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް ހަ މަސް ދުވަހުގެ މުއްދަތަށް ލަސްކޮށްދިނުމުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންދާ ކަމަށާ، އެކަމުގެ ތަފްސީލުތައް ބީއެމްއެލް އިން އާއްމު ކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލޯނު ފަސްކޮށްދޭން ނިންމާފައިވަނީ ކޮވިޑް-19 ގެ ސަބަބުން ގެއްލުންވާ ފަރާތްތަކަށް ކަމަށާ، މި އެހީތެރިކަން ލިބޭނީ އެކަމަށް އެދުމުން ކަމަށެވެ.
ސަރުކާރުން މިއަދު ވަނީ 2.5 ބިލިއަން ރުފިޔާގެ އިގްތިސާދު ރިކަވަރީގެ ޕެކޭޖެއް ނެރެފަ އެވެ. މި ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީ ތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށް ދޭނެ އެވެ. ވޯކިން ކެޕިޓަލްގެ ގޮތުގައި ޖުމްލަ ދެ ބިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރާނެ އެވެ. އެވެ. މި ލޯނު ދޭނީ ހަ ޕަސެންޓުގެ އިންޓްރެސްޓުގައި ތިން އަހަރުން ދައްކާ ގޮތަށެވެ. އަދި ގްރޭސް ޕީރިއަޑުގެ ގޮތުގައި ލޯނު ދައްކަން ފަށަން ހަ މަސް ދުވަސް ލިބޭނެ އެވެ. އަދި އެޕްރީލް މަހާއި މެއި މަހުގެ ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓްގެ ސަބްސިޑީއެއް ދޭން ވެސް ވަނީ ނިންމާފަ އެވެ. އަދި ރާއްޖެއަށް ލިބޭ ބޭރު ފައިސާ މަދުވެފައިވާތީ މަރުކަޒީ ބޭންކުން ވަނީ އިތުރަށް ޑޮލަރު ވިއްކަން ނިންމާފަ އެވެ. އަދި ކުރިމަތިވެފައިވާ ޑޮލަރު ލިބުމުގެ ދަތިތައް ހައްލުކުރަން، 150 މިލިއަން ޑޮލަރު ބޭންކްތަކަށް ދޫކުރަން ނިންމާފައިވެ އެވެ. އަދި ވަޒީފާ ގެއްލޭ މީހުންނަށް ތިން މަހުގެ އެލަވަންސެއް ދޭން ވެސް ވަނީ ނިންމާފަ އެވެ. މިކަމަށް 200 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.
2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖު
- ހަ ޕަސެންޓުގައި ދެ ބިލިއަން ރުފިޔާ ގެ ލޯނު
- ފެން ބިލުން 40 ޕަސެންޓް، ކަރަންޓު ބިލުން 30 ޕަސެންޓް ހެޔޮ ކުރުން
- މަރުކަޒީ ބޭންކުން އިތުރަށް ޑޮލަރު ވިއްކަން ފެށުން
- ބީއެމްއެލް ލޯނުތައް ހަ މަސް ދުވަހަށް ފަސްކޮށް ދިނުން
- ވަޒީފާ ގެއްލޭ މީހުންނަށް ތިން މަހުގެ އެލަވަންސެއް ދިނުން
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.
ރާއްޖޭން ވެސް އެ ވައިރަސް ފެނުމާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ބައެއް ގައުމުތަކުން މީހުން އައުމުން ވެސް ވަނީ މަނާކޮށްފަ އެވެ. މިކަމާ ގުޅިގެން ދައުލަތަށް ބޭރުގެ ފައިސާ އިން ލިބޭނެ 400 މިލިއަނަށްވުރެ ގިނަ ޑޮލަރު ނުލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.