ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރިސޯޓު ކުލި ފަސްކޮށްދީގެން މިއަހަރު 900 މިލިއަން ރުފިޔާ ނުލިބޭނެ

May 24, 2020
3

ކޮވިޑް-19 އާ ގުޅިގެން އިގުތިސޯދަށާއި ވިޔަފާރިތަކަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން، ރިސޯޓުތަކުގެ ކުރިއަށް އޮތް ހަ މަހުގެ ބިމު ކުލި ފަސްކޮށްދިނުމުން މިއަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 900 މިލިއަން ރުފިޔާ ނުލިބޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިއްޔެ އެންއީއޯސީގައި ޕެންޝަން އޮފީހާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރިސޯޓުތަކުގެ ބިމު ކުއްޔަކީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ހިއްސާއަކަށްވާއިރު، މިއަހަރު 1.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައިވެސް ހިމަނާފައިވާނެ ކަމަށެވެ.

ނަމަވެސް، ކުރިއަށްއޮތް ހަ މަހުގެ ބިމު ކުލި ފަސްކޮށް ދިނުމުން މިއަހަރު ދެން ލިބޭނެކަމަށް ލަފާކުރެވެނީ 800 މިލިއަނެއްހާ ރުފިޔާ ކަމަށެވެ.

"އެކަމަކު މިއީ ދައުލަތަށް ގެއްލިގެންދާ އެއްޗެއް ނޫން. އަޅުގަނޑުމެން ކުލި މި ފަސްކޮށްދިނީ. މައާފު ކުރީއެއް ނޫން. އެހެންވީމާ، އަންނަ އަހަރު އެ ބައި ދައުލަތަށް ލިބޭނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ހުރިހާ ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ހުރިހާ ދާއިރާތަކަށްވެސް އެފަދަ ލުއިތައް ދެމުންދާ ކަމަށެވެ.

އެގޮތުން، ރިސޯޓުތަކުގެ އިތުރުން، ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ރަށްތަކާއި، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ކުއްޔަށް ދީފައި ހުރި ބިންތަކުގެ ކުލިވެސް ހަ މަސް ދުވަހަށް ފަސްކޮށްދީފައިވާކަން އަމީރު ފާހަގަކުރެއްވި އެވެ.

އިގުތިސޯދީ ހީނަރުކަމުން އަރައިގަތުމަށް 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ބޮޑެތި އަދި ކުދި ވިޔަފާރިތަކަށް ލޯނު ދިނުމާއި، ވަޒީފާ ގެއްލޭ މީހުނަށް އެލަވަންސް ދިނުން ފަދަ ގިނަ އެހީތަކެއް ވަނީ ހިމަނައިފަ އެވެ.