ގްރީން ޓެކުހުގެ ފައިސާ ޖަމާވާ ގްރީން ފަންޑުގައި މިހާރު ބާކީ ހުރީ 775 މިލިއަން ރުފިޔާ އެވެ.
ފިނޭންސުން އާއްމުކުރާ ގްރީން ފަންޑުގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ވޭތުވެދިޔަ ޖެނުއަރީ އަދި ފެބްރުއަރީ މަހު މި ފަންޑަށް ޖަމާވެފައިވަނީ 186 މިލިއަން ރުފިޔާ އެވެ.
މި މުއްދަތުގައި މި ފަންޑުން 119 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި ފަންޑުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއު ތަކަށެވެ. އެހެންވެ މިހާރު އެ ފަންޑުގައި ބާކީ ހުރީ 775 މިލިއަން ރުފިޔާ އެވެ.
މި ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ ފެބްރުއަރީ މަހު ގްރީން ފަންޑަށް 91.4 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި މުއްދަތުގައި ގެސްޓްހައުސްތަކުން ލިބިފައިވަނީ 2.9 މިލިއަން ރުފިޔާ އެވެ. އަދި ރިސޯޓްތަކުން 84.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ސަފާރީ އުޅަނދު ފަހަރުން ގްރީން ޓެކުހަށް ލިބިފައިވަނީ 1.9 މިލިއަން ރުފިޔާ އެވެ. އަދި ހޮޓާ ތަކުން 1.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ. ނަމަވެސް ޓޫރިޒަމް ގާނޫނަށް މިހާރު ގެންނަން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ޓޫރިޒަމްގެ ބައެއް ދާއިރާތަކުން ނަގާ ގްރީން ޓެކުހުގެ ރޭޓުތަކަށް ބަދަލު ގެންނަން ހުށަހަޅާފައިވެ އެވެ.