ހިލޭ އެހީގެ ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބިފައިވަނީ 2.9 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް 2.9 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މިދިޔަ އަހަރު 16.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ރާއްޖޭގެ ބަޖެޓު ފޫބެއްދުމުގައި ހިލޭ އެހީއަކީ މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން އެންމެ ގިނައިން ހިލޭ އެހީ ލިބިފައިވަނީ 2019 ވަނަ އަހަރު އެވެ. އެހެންވެ އެ އަހަރަކީ "ކޭސް ރިޗް" އަހަރެއްގެ ގޮތުގައި ސަރުކާރުން ބުނެފައިވެ އެވެ. ހިލޭ އެހީ މަތިވެފައިވަނީ އެ އަހަރު ބޭއްވި "ޕާޓްނާޝިޕް ފޯރަމް" އާއި އަވަށްޓެރި އިންޑިއާއިން ދިން ހިލޭ އެހީގެ ސަބަބުންނެވެ. ނަމަވެސް އެ އަހަރުގެ ފަހުން ހިލޭ އެހީއާއެކު އިންޑިއާއިންދޭ ފައިސާގެ ބޮޑު އަދަދެއް ވަނީ ލުއި ލޯނުގެ ގޮތުގައި ދޭން ފަށާފަ އެވެ.