އިބްރާހިމް އަމީރު

މުސާރަތައް ކުޑަކުރަން ނުވިސްނަން: އަމީރު

Jul 5, 2022
1

ހަރަދު ކުޑަ ކުރިނަމަވެސް މުސާރަތައް ކުޑަކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާ، ނަމަވެސް މުސާރަތައް ކުޑަކުރަން ނުވިސްނާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރު ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ހަރަދު ގާތްގަނޑަކަށް 6 ޕަސެންޓަށް ކުޑަ ކުރެވޭނެ ކަމަށެވެ.

"ކޮވިޑުގައި ހުށަހެޅީ 37 ބިލިއަން. އެކަމަކު ހަރަދު ކުރީ 28 ބިލިއަން ރުފިޔާ. އޭރު ވެސް ހަރަދު ކުޑަކުރެވުނު،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ބެލިނަމަވެސް ރިކަރަންޓް ހަރަދުން 22 ޕަސެންޓް ކުޑަކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދުގެ ގިނަ ނަމްބަރުތަކެއް ވިދާޅުވެ ދެއްވަމުން މިނިސްޓަރު ވިދާޅުވީ އަންދާޒާ ކުރި ވަރަށް ވުރެ ވެސް ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ޗައިނާއިން ޓޫރިސްޓުން ނައި ނަމަވެސް ޓޫރިސްޓު އެރައިވަލް 2019 އާ އެއްވަރެއްގައި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.