ޓީ-ބިލް

ބޮޑު އަދަދަކުން ޓީބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ބޮޑު އަދަދަކުން ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން އެތެރޭގެ މާކެޓަށް ހާއްސަކޮށްގެން ހުޅުވާލި ޓީބިލްގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 684 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 295 މިލިއަން ރުފިޔާގެ ޓީބިލެކެވެ. މީގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 205 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ 1,1 ބިލިއަން ރުފިޔާގެ ޓީބިލެ ކެވެ.

ޓީބިލްއަކީ ކޮބާ؟
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ. އެގޮތުން، ރާއްޖޭގައި ހުޅުވާލަނީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހާއި 364 ދުވަހުގެ މުއްދަތަށް ދޫކުރާ ޓީބިލް އެވެ. ޑިސްކައުންޓުކޮށް ދޫކުރާ މި ބިލްތަކުގެ އެންމެ ދަށް ފޭސް ވެލިއު އަކީ އެއް ބިލިއަން ރުފިޔާ އެވެ.ޓީ-ބިލް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮންމެ ހަފުތާއަކު އެމްއެމް އޭގެ ވެބްސައިޓް މެދުވެރިކޮށް ހުޅުވާލަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އަމިއްލަ ފަރުދުންނަށެވެ.

ރާއްޖޭގައި ވިއްކާ ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތައް އުޅޭ ގޮތުން އެއް މަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގަ އެވެ. އަދި ތިން މަހަށް 3.87 ޕަސެންޓުގައި ވިއްކާއިރު ހަ މަހުގެ ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގަ އެވެ. މީގެ އިތުރުން އެއް އަހަރުގެ މުއްދަތުގެ ޓީބިލް ވިއްކަނީ 4.6 ޕަސެންޓުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.