ޓީ-ބިލް

ދެ ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

Mar 23, 2022

ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މިހާރު ވިއްކަން ހުޅުވާލާފައިވާ ޓީބިލްގެ ތެރޭގައި ހިމެނެނީ 3.50 ޕަސެންޓުގައި ވިއްކަން ހުޅުވާލި 28 ދުވަހުން އަނބުރާ ދައްކަން ޖެހޭ 902 މިލިއަން ރުފިޔާގެ ޓީބިލަކާއި 3.87 ޕަސެންޓުގައި ވިއްކަން ހުޅުވާލި 98 ދުވަހުން މުއްދަތު ހަމަވާ 200 މިލިއަން ރުފިޔާގެ ޓީބިލެކެވެ. މީގެ އިތުރުން ހިމެނެނީ 182 ދުވަހުން މުއްދަތު ހަމަވާ 4.23 ޕަސެންޓުގައި ވިއްކާ 190 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުގެ މުއްދަތެއް ދީފައިވާ 4.60 ޕަސެންޓުގައި ވިއްކާ 785 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

ޓީބިލްއަކީ ކޮބާ؟
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ. އެގޮތުން، ރާއްޖޭގައި ހުޅުވާލަނީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހާއި 364 ދުވަހުގެ މުއްދަތަށް ދޫކުރާ ޓީބިލް އެވެ. ޑިސްކައުންޓުކޮށް ދޫކުރާ މި ބިލްތަކުގެ އެންމެ ދަށް ފޭސް ވެލިއު އަކީ އެއް ބިލިއަން ރުފިޔާ އެވެ.ޓީ-ބިލް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮންމެ ހަފުތާއަކު ހުޅުވާލަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އަމިއްލަ ފަރުދުންނަށެވެ.

ޓީބިލް ގަންނަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުންނެވެ. ދައުލަތުން ޓީބިލާއި ބޮންޑް ފުރަތަމަ ތައާރަފް ކުރީ ސެޕްޓެމްބަރު 10، 2006 ގަ އެވެ. މިކަން ކުރުމަށް މިނިސްޓްރީގައި އެކަށީގެންވާ ވަސީލަތާއި ފަންނު ނެތުމުން، އެކަން ހަވާލުކުރީ ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ އަށެވެ.