ފިނޭންސް މިނިސްޓްރީ

3.4 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފި

ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް 3.49 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ޓީބިލު ވިއްކަން އިއުލާނުކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ. 3.3 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން އިއުލާނުކުރި ނަމަވެސް ޓީބިލު ވިއްކުމަށްފަހު އެ މިނިސްޓްރީން ހާމަކުރި މައުލޫމާތުތައް ދައްކާ ގޮތުން 3.4 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފަ އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކާފައިވަނީ 28 ދުވަހުން އަނބުރާ ދެއްކުމަށް 453 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް 333.7 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

އޭގެ އިތުރުން 182 ދުވަހުން އަނބުރާ ދެއްކުމަށް 999.8 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 1.7 ބިލިއަން ރުފިޔާގެ ޓީބިލެކެވެ.

ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތައް އުޅޭ ގޮތުން 28 ދުވަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގަ އެވެ. އަދި 98 ދުވަހަށް 3.87 ޕަސެންޓުގައި ޓީބިލް ވިއްކާއިރު 182 ދުވަހަށް ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގަ އެވެ. މީގެ އިތުރުން 364 ދުވަހަށް ޓީބިލް ވިއްކަނީ 4.6 ޕަސެންޓުގަ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މިމަހުގެ ހަތްވަނަ ދުވަހު 1.52 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.