ޓީ-ބިލް

ޓީބިލް ވިއްކަން އަނެއްކާވެސް ހުޅުވާލައިފި

Sep 20, 2021
1

ދައުލަތުގެ ހަރަދުތައް ފޫބައްދަން، އެތެރޭގެ މާކެޓަށް ހާއްސަކޮށް، އިތުރު ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިިފި އެވެ.

ކޮންމެ ހަފުތާއަކު ޓީ-ބިލް ވިއްކަން ހުޅުވާލާ މުއާމަލާތުގެ ސިލްސިލާގެ ދަށުން މިފަހަރު ފިނޭންސް މިނިސްޓްރީން ވިއްކަން ހުޅުވާލާފައި ވަނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 135 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 170 މިލިއަން ރުފިޔާ ޓީބިލެއްގެ އިތުރުން އިތުރުން، 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 55 މިލިއަން ރުފިޔާގެ ޓީބިލެކެވެ. މީގެ އިތުރުން ހިމެނެނީ 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ 368 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

ޓީބިލްގެ އިންޓްރެސްޓް ރޭޓް

  • އެއް މަހުގެ ޓީބިލް - 3.50 ޕަސެންޓް
  • ތިން މަހުގެ ޓީބިލް - 3.87 ޕަސެންޓް
  • ހަ މަހުގެ ޓީބިލް - 4.23 ޕަސެންޓް
  • އެއް އަހަރުގެ ޓީބިލް - 4.6 ޕަސެންޓް

ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވެސް ހުޅުވާލި އެވެ. ޓީބިލް ގަންނަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުންނެވެ. އެންމެ ފަހުން ޓީބިލް ތަކަށް ބިލިއަނެއްހާ ރުފިޔާ ދައުލަތުން ހޯދާފައިވެ އެވެ.

ޓީބިލް ގަތް ފަރާތްތައް

  • ހަބީބް ބޭންކް ލިމިޓެޑް
  • ބޭންކް އޮފް ސިލޯން
  • ބޭންކް އޮފް މޯލްޑިވްސް
  • އެޗްއެސްބީސީ
  • ކޮމާޝާން ބޭންކް އޮފް މޯލްޑިވްސް
  • އެލައިޑް އިންޝުއަރެންސް
  • ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން
  • މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)
  • ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)
  • ޕެންޝަން އޮފީސް
ޓީބިލްއަކީ ކޮބާ؟
ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ. އެގޮތުން، ރާއްޖޭގައި ހުޅުވާލަނީ 28 ދުވަހާއި 98 ދުވަހާއި 182 ދުވަހާއި 364 ދުވަހުގެ މުއްދަތަށް ދޫކުރާ ޓީބިލް އެވެ. ޑިސްކައުންޓުކޮށް ދޫކުރާ މި ބިލްތަކުގެ އެންމެ ދަށް ފޭސް ވެލިއު އަކީ އެއް ބިލިއަން ރުފިޔާ އެވެ.ޓީ-ބިލް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮންމެ ހަފުތާއަކު ހުޅުވާލަނީ ކޮމާޝަލް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިންވެސްޓްމަންޓް ފަންޑުތަކާއި ޕްރައިވެޓް ކުންފުނިތަކާއި އަދި ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން އަމިއްލަ ފަރުދުންނަށެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ފިސްކަލް ސްޓްރެޓެގީގައިވާ ގޮތުން އެތެރޭގެ މާކެޓަށް ޓީބިލާއި ބޮންޑު ވިއްކައިގެން މި އަހަރު 6.6 ބިލިއަން ރުފިޔާ އަދި އަންނަ އަހަރު 4.7 ބިލިއަން ރުފިޔާ ހޯދުމަކީ އަމާޒެކެވެ.