އެތެރޭގެ މާކެޓަށް ހާއްސަކޮށްގެން ދެ ބިލިއަންނަށް ވުރެ ގިނަ ރުފިޔާގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ވިއްކަން ހުޅުވާލައިފި އެވެ.
ދައުލަތުގެ ބަޖެޓަށް ފައިސާ ހޯދުމަށްޓަކައި ވިއްކާ ޓީ-ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވަނީ މިއަދު އެވެ.
ޓީ-ބިލް ވިއްކަން މި ފަހަރު ހުޅުވާލި 2,020.8 ބިލިއަން ރުފިޔާގެ ޓީބިލްގައި ހިމެނެނީ 28 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 40 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 240 މިލިއަން ރުފިޔާގެ ޓީބިލެކެވެ. މީގެ އިތުރުން 182 ދުވަހުން އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 135 މިލިއަން ރުފިޔާގެ ޓީބިލެއްގެ އިތުރުން 364 ދުވަހުން އަނބުރާ ދައްކަން ޖެހޭ 1.6 ބިލިއަން ރުފިޔާގެ ޓީބިލެއްވެސް ހިމެނެ އެވެ.
މި ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ރާއްޖޭގައި މިހާރު ޓީބިލްގެ ރޭޓްތައް އުޅޭ ގޮތުން އެއް މަހަށް ޓީބިލެއް ވިއްކަނީ 3.50 ޕަސެންޓުގަ އެވެ. އަދި ތިން މަހަށް 3.87 ޕަސެންޓުގައި ވިއްކާއިރު ހަ މަހުގެ ޓީބިލެއް ވިއްކަނީ 4.23 ޕަސެންޓުގަ އެވެ. މީގެ އިތުރުން އެއް އަހަރުގެ މުއްދަތުގެ ޓީބިލް ވިއްކާ އަގަކީ 4.6 ޕަސެންޓުގަ އެވެ.
ޓީބިލް ވިއްކަން ހުޅުވާލިއިރު މިއީ މި މަހުގެ ތެރޭގައި ޓީބިލް ވިއްކާ ދެވަނަ ފަހަރެވެ. ސަރުކާރުން އާއްމުކޮށް ކޮންމެ ހަފުތާއަކު ވެސް ޓީބިލް ވިއްކަ އެވެ. އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މި މަހުގެ އެއްވަނަ ދުވަހު ވެސް ޓީބިލް ވިއްކަން ހުޅުވާލި އެވެ. އެ ފަހަރު ވިއްކަން ހުޅުވާލާފައިވަނީ 2.6 ބިލިއަން ރުފިޔާގެ ޓީބިލެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ދައުލަތުގެ ހަރަދުތައް މެނޭޖު ކުރުމަށްޓަކައި 5.1 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކި އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓީބިލްގެ އައުޓްސްޓޭންޑިން މިހާރު އުޅެނީ 27 ބިލިއަން ރުފިޔާގަ އެވެ.