ފިނޭންސް މިނިސްޓްރީ

އިގްތިސާދީ ފިޔަވަޅުތައް ތަންފީޒުކުރާނަން: ފިނޭންސް

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން މިހާރު އަޅަމުންދާ މާލީ އަދި އިގުތިސާދީ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރަމުންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައި މިވަނީ ބައިނަލްއަގްވާމީ ކްރެޓިޑް ރޭޓިން އެޖެންސީ -- މޫޑީސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަމަހައްޓާފައި ވަނިކޮށެވެ.

މޫޑީސް އިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1 އިން ސީއޭއޭ2 އަށް މިދިޔަ ސެޕްޓެމްބަރު މަހު ދަށްކޮށްފަ އެވެ.

މޫޑީސް އިން ބުނީ ރާއްޖޭގެ ރޭޓިން ދަމަހައްޓަން ނިންމީ ދިވެހި ސަރުކާރުން އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތަކެއް އަޅަމުން ދިޔަ ނަމަވެސް ރާއްޖެއިން ދަރަނި އަދާކުރަން ކުރަންޖެހޭ މަސައްކަތް އަދިވެސް ގޯސްކޮށް ކަމަށް ފެންނާތީ ކަމަށެވެ.

މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދެމެހެއްޓުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި މޫޑީސްގެ ބައެއް ވާހަކަތަކާ ހަވާލާދީ ބުނެފައިވަނީ ރާއްޖެ އަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކާމިޔާބީތަކެއް ލިބުނު ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ އެކު މިދިޔަ ސެޕްޓެމްބަރު މަހު 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހެދުމާއި ޓެކްސް ރޭޓުތަކަށް ގެނައި ބަދަލުތައް އެއީ އިގްތިސާދު ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅުތަކެއްގެ ގޮތުގައި ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. ޓެކްސް ރޭޓުތަކަށް ގެނައި ބަދަލާ އެކު ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރުގެ ބަޖެޓާ އެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއި އަދި ސަބްސިޑީ ދިނުމުގެ އުސޫލަށް ގެންނަ ބަދަލާ އެކު ދަރަނި ދެއްކުމަށް ހުރި ގޮންޖެހުންތަކަށް ލުއިތަކެއް ލިބޭނެ ކަމަށެވެ. އަދި ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް އިއާދަ ކުރަނިވި ހަކަތައިގެ ނިޒާމު ހަރުދަނާ ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"މޫޑީސްގެ ކަންބޮޑުވުންތައް ބަލައިގަނެ މިހާރު އަޅަމުންދާ މާލީ އަދި އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ މިހާރު އަޅަމުންދާ އިގްތިސާދީ ފިޔަވަޅުތަކާ އެކު އިގްތިސާދީ ހާލަތު ރަނގަޅުވެ، ދެމެހެއްޓެނެވި މިންވަރަކަށް ދަރަނީގެ ހާލަތުވެސް ގެނެވޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އަދި އަންނަ އަހަރު ނިމޭއިރު އެ އަދަދު އުޅޭނީ 150 ބިލިއަން ރުފިޔާއަށް ވުރެ މަތީގައި ކަމަށްވެސް ލަފާކޮށްފައިވެ އެވެ.

ދައުލަތުގެ ދަރަނި ދެއްކުމަށް ދިވެހި ދައުލަތުން އަންނަ އަހަރު 700 މިލިއަން ޑޮލަރު ހޭދަކުރާއިރު 2026 ވަނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރާ ކައިރި ކުރެ އެވެ.