ސަރުކާރުގެ ޓްރެޝަރީ ބިލް [ޓީބިލް]ތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަންޖެހޭ ފައިސާ 64.1 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިމަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ޓީބިލްތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަންޖެހޭ އަދަދެވެ. މީގެ ތެރޭގައި ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ސަރުކާރުން އަނބުރާ ދައްކަން ޖެހޭ އަދަދު 35.2 ބިލިއަން ރުފިޔާއަށް އަރަ އެވެ.
ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ ގޮތް
- އެއް މަސް ދުވަސް ތެރޭގައި: 2.5 ބިލިއަން ރުފިޔާ
- ތިން މަސް ދުވަސް ތެރޭގައި: 3.2 ބިލިއަން ރުފިޔާ
- ހަ މަސް ދުވަސް ތެރޭގައި: 4.2 ބިލިއަން ރުފިޔާ
- އެއް އަހަރު ތެރޭގައި: 25.1 ބިލިއަން ރުފިޔާ
- ތިން އަހަރާއި ފަސް އަހަރު ތެރޭގައި: 9.8 ބިލިއަން ރުފިޔާ
- ފަސް އަހަރާއި ހަތް އަހަރުގެ ތެރޭގައި: 1.1 ބިލިއަން ރުފިޔާ
- ހަތް އަހަރާއި 10 އަހަރުގެ ތެރޭގައި: 5.7 ބިލިއަން ރުފިޔާ
- 10 އަހަރާއި އޭގެ ފަހުން: 12 ބިލިއަން ރުފިޔާ
ޑޮމެސްޓިކް އިންސްޓުމެންޓްސްގެ ގޮތުގައި 54.9 ބިލިއަން ރުފިޔާގެ ސެކިއުރިޓީޒް ވިއްކާފައިވެ އެވެ. އޭގެ ތެރޭގައި 29.4 ބިލިއަން ރުފިޔާގެ ޓީބިލާއި 15.8 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބޮންޑް ހިމެނެ އެވެ.
ސެންޓްރަލް ބޭންކްގެ އިތުރުން ކޮމާޝަލް ބޭންކްތަކާއި އަމިއްލަ ފަރާތްތަކަށްވެސް ސެކިއުރިޓީޒް ވިއްކާފައިވެ އެވެ. ޑޮލަރުންވެސް ޓީ-ބިލާއި ޓްރެޝަރީ ބޮންޑް ވިއްކާފައިވެ އެވެ.
ރާއްޖެއިން ބޭރުގައި ސަރުކާރުން ވަނީ 1.5 ބިލިއަން ރުފިޔާގެ ބޮންޑް އަދި 7.6 ބިލިއަން ރުފިޔާގެ ސްކޫކް ވިއްކާފަ އެވެ.
ސަރުކާރުން މިމަހު ވަނީ 3.3 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކަން ހުޅުވާލާފަ އެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިމަހުގެ ހަތްވަނަ ދުވަހު 1.52 ބިލިއަން ރުފިޔާގެ ޓީބިލު ވިއްކާފަ އެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.