މި އަހަރު މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް ގާތްގަނޑަކަށް 1.7 ބިލިއަން ރުފިޔާ ހޭދަވެއްޖެ އެވެ.
ފިނޭންސުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 8.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މި މި މުއްދަތާ ހަމައަށް ބަލާނަމަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7.2 ބިލިއަން ރުފިޔާ އެވެ.
މިހާތަނަށް ހޭދަ ކުރިގޮތް
- ބަޖެޓުގެ ޖުމްލަ ހަރަދު: 8.9 ބިލިއަން
- ރިކަރަންޓް ހޭދަ: 6,5 ބިލިއަން
- މުސާރަ އާއި އިނާޔަތް، ޕެންޝަނަށް 2.7 ބިލިއަން
- އެޑްމިން އަދި އޮޕަރޭޝަން ހޭދަ: 3.8 ބިލިއަން
- ކެޕިޓަލް ހޭދަ 2.7 ބިލިއަން
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރިކަރަންޓް ހަރަދުގެ ގޮތުގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ރިކަރަންޓް ހޭދަ 5,3 ބިލިއަން ރުފިޔާގައި ހުރިނަމަވެސް މި އަހަރު ވަނީ 6.5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އަދި މުސާރަ އާއި ޕެންޝަނަށް ކުރި ހޭދަވެސް މިދިޔަ އަހަރަށްވުރެ ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު މި ހޭދަ 2.4 ބިލިއަން ރުފިޔާގައި ހުރިނަމަވެސް މިހާރު ހޭދަހުރީ 2.7 ބިލިއަން ރުފިޔާގަ އެވެ. އަދި އެޑްމިން އެކްސްޕެންޝަސް ވެސް ވަނީ 2.6 ބިލިއަން ރުފިޔާ އިން 3.8 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.
ހަރަދުތަކުގެ ތެރެއިން ކެޕިޓަލް ހަރަދުވެސް ވަނީ މި މުއްދަތުގައި އިތުރުވެފަ އެވެ. ކެޕިޓަލް ހޭދައިގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް 1.7 ބިލިއަން ރުފިޔާ ހޭދަކުރިނަމަވެސް މި އަހަރުގެ މި މުއްދަތުގައި ހޭދަ އުޅެނީ 2.7 ބިލިއަން ރުފިޔާގަ އެވެ. ކެޕިޓަލް ހަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަމުން ގެންދަނީ އިންފްރާސްޓްރަކްޗާ އެސެސްޓް އަށެވެ. މި ބަޔަކަށް ބިލިއަންހާ ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ރައްޔިތުން މަޖިލީހުން ވަނީ މި އަހަރު 36.9 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ފާސްކޮށްދީފަ އެވެ. ނަމަވެސް މިދިޔަ އަހަރު މިއަދަދު އުޅުނީ 34 ބިލިއަން ރުފިޔާގަ އެވެ.