ރިޕޯޓް

ބިދޭސީން އަތުން ކުނި ކޮތަޅު އަތުލި ދިވެހިން!

މަސައްކަތަށް ނުކުންނަ ގަޑި ޖެހެނީ އެވެ؛ އެންމެން އެ ޖަމާ ވަނީ ކުނި ނަގާ އުކާށެވެ. މިއީ އެ މީހުންގެ ހަމައާދަ އެވެ. ގަދަ ފެއްސާއި ގުރާ ފެހި ކުލައިގެ ފެހި ގަދަ މިހެދުން މާލޭ ތެރެއިން ނުފެންނަ ގަޑިއެއް މަދުވާނެ އެވެ. މި ހެދުމުގައި ގިނައިން ތިބޭނީ ވެސް ދިވެހިންނެވެ. މަސައްކަތް ފަށަން ގާތް ވެއްޖެ އެވެ. ފުރަތަމަ ކިޔަވާނީ ގުރުއާނެވެ. ދެން، އެ ދެނީ މަސައްކަތް ކުރިއަށްދާނެ ގޮތުގެ "ބްރީފިން" އެކެވެ. އެ އަށް ފަހު ކުރަނީ ކަސްރަތެވެ. ހަށިގަނޑުގެ ރަނގަޅަށް "ވޯމް އަޕް" ކޮށްލަނީ އެވެ. މިއީ، ކުނީގެ މައްސަލަ ހައްލެއް ގެނެވޭތޯ ބަލަން، އުފެއްދި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން ލިމިޑެޓް (ވެމްކޯ) މުވައްޒަފުން ކޮންމެ ދުވަހަކު ވެސް މަސައްކަތް ފަށާ ގޮތެވެ.

"މި ތަން [ވެމްކޯ] އެހެން ތަންތަނާ ތަފާތު ވާނެ. މަސައްކަތް ފަށާނީ ވެސް ގުރުއާނުގެ ބަރަކާތުން. ސިސްޓަމެޓިކްކޮށް ފެށިގެން ދާނީ،" ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝިފާއު ވިދާޅުވި އެވެ.

ރާއްޖެއަކީ ސާފުތަނެއްގެ ގޮތުގައި ބޭއްވުމުގެ މަސްހޫލިއްޔަތު ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އަދި މެމްކޯގެ މަސައްކަތް ރަސްމީކޮށް ޖެހިގެން އައި އަހަރުގެ ކުރީކޮޅު އެވެ. ފުރަތަމަ ފެށީ، ވެރިރަށް މާލޭގަ އެވެ. އޭރު، ކުނީގެ މައްސަލަ ހައްލުކުރަން އެކި ގޮތްގޮތަށް ހެދި ހުރިހާ "ފަންޑިތައެއްގެ" އޮތީ ބާތިލްވެފަ އެވެ. މުޅި މާލެ ދިޔައީ ކުނި ވަމުންނެވެ. ކުނި މެހި މިނިވަންކަމާއެކު ވައިގެ ތެރޭގައި އުދުހިނަގަނީ އެވެ. މިފަދަ ވަގުތެއްގައި ގިނަ އަދަދެއްގެ ދިވެހިންނާއެކު ނުކުތް ކުންފުނި ދުއްވަން ޖެހުނީ ގަދަ ކަނޑެއްގަ އެވެ. އެކަމަކު ނަސީބަކީ މި ކަނޑަށް ނުކުތްއިރު އޮޑީގެ ފަޅުވެރިންގެ ހިތްވަރު ގަދަ ކަމެވެ.

ތިބީ، ކެރޭ ފަހުރުވެރި ދިވެހިން

މާލޭގެ 18،000 ގޭބިސީ އިން ނުކިއުކައި ދެމުން ގެންދިޔައީ ޒަމާނުއްސުގެ ބިދޭސީންނެވެ. އެއިރަށް "ފިޓުވާ" ގަވާއިދުތައް އޮތްނަމަވެސް ބިދޭސީންނަށް ކުރެވުނު ގޮތަކަށް ބައިސިކަލްގައި ކުނި ކޮތަޅު ހިފައިގެން ބިދޭސިން ދުއްވަމުން ގެންދިޔައީ އެވެ. ވެއްޓޭ ކުނިކޮތަޅު ދޫކޮށްލަނީ މަގު މައްޗަށެވެ. އެކަމަކު ވެމްކޯ އިން ފެށި މަސައްކަތުން ބިދޭސީންގެ އަތުން މި ކޮތަޅުތައް އަތުލީ އެވެ. މި މަސައްކަތުގައި 1300 އެއްހާ މީހުން މިހާރު މަސައްކަތް ކުރެ އެވެ. މި ކުންފުނީގެ މުވައްޒަފުންގެ 90 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ދިވެހިންނެވެ. އަދި މީގެތެރެއިން 40 ޕަސެންޓަކީ ދިވެހި އަންހެނުންނެވެ.

އެމްޑީ ޝިފާއު ވިދާޅުވި ގޮތުގައި މި މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ބޮޑު ބަޔަކީ ދިވެހިންނަށްވުމަކީ ލިބޭ އެންމެ ބޮޑު އުފާ ކަމަށެވެ.

"ވަރަށް ބުރަ މަސައްކަތެއް މިއީ. ކުނި ނަގަން އުޅޭ ވެށި ފާރަވެރިން އެކުރަނީ ވަރަށް ބުރަ ކަމެއް. އެކަމަކު ވަރަށް އުޅޭ ހިތުން ދިވެހިން މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ސަލާން ޖެހި މީހުން ވަޒީފާގައި

ވެމްކޯ އުފައްދައި އެންމެ ފުރަތަމަ ވެސް ބެލީ ދިވެހިން ވަޒީފާ އަށް ނެރުމަށެވެ. އެހެންވެ، ކުނި ނެގުމުގެ ވަޒީފާގައި އުޅޭނެ ދިވެހިން ހޯދަން އިއުލާނު ކުރި އެވެ. މި އިއުލާނާއެކު ދިވެހިންގެ ގިނަ ބަޔަކު މި ވަޒީފާ އަށް ނުކުރެވެ. ކުރިން ދިވެހިންނަށް ނުކުރެވޭނެ ކަމަށް ގަބޫލުކުރި ކުނި އުކަން ދިވެހިން ނުކުތީ ނިކަން ކެރިގެންނެވެ. މީގެތެރޭގައި ކުރިން މާލޭގެ އެކި ހިސާބުތަކުގައި ސަލާން ޖަހަން އުޅުނު އެތަށް ބަޔަކުވެސް ހިމެނެ އެވެ. މިއަދު އެ މީހުންނަކީ ފަހުރުވެރިކަމާއެކު މަސައްކަތް ކޮށްގެން އާއިލާގެ ހަރަދު ބަރަދު ބަލަހައްޓާ ދިވެހިންނެވެ.

އެމްޑީ ޝިފާއު ވިދާޅުވީ ބޮޑެތި އާއިލާތައް ގެންގުޅޭ މަންމައިން ވެސް ވެމްކޯގެ ވަޒީފާގައި މިހާރު މަސައްކަތް ކުރާ ކަމަށެވެ.


"ނުވަ ދަރިން ގެންގުޅޭ މައިން އެބަ މަސައްކަތް ކޮށްލާ. އަޅެ، ހިތްވަރު ގަދަ ތާ؟ މިހާރު އެ މީހުން ރީތި ދިރިއުޅުމެއްގައި އެ ތިބީ. ކުރިން ބައެއް މީހުން ސަލާން ޖެހީ. އެކަމަކު އެމީހުންގެ [އާއިލާތަކަށް] މިހާރު ޔަގީން ވާނެ ކޮންމެ މަހެއް ނިމޭއިރު މުސާރަ ލިބޭނެކަން،" ވިދާޅުވި އެވެ.

ނުވަ ދަރިން ގެންގުޅޭ މައިން އެބަ މަސައްކަތް ކޮށްލާ. އަޅެ، ހިތްވަރު ގަދަ ތާ؟ މިހާރު އެ މީހުން ރީތި ދިރިއުޅުމެއްގައި އެ ތިބީ. ކުރިން ބައެއް މީހުން ސަލާން ޖެހީ. އެކަމަކު އެމީހުންގެ [އާއިލާތަކަށް] މިހާރު ޔަގީން ވާނެ ކޮންމެ މަހެއް ނިމޭއިރު މުސާރަ ލިބޭނެކަން
މުހައްމަދު ޝަފާއު| ވެމްކޯ އެމްޑީ

ކުނި އުކައި ދިނުމުގެ އިތުރުން މާލެ ތެރެ ކުނި ކެހުމުގައި ވެސް މިހާރު އުޅެނީ ދިވެހިންނެވެ. ކުރިން އެ މަސައްކަތް ވެސް ކުރީ ބިދޭސީންނެވެ. ރޭގަނޑު މީހުން ނިދައި މާލެތެރެ މައިތިރިވުމުން މި މީހުން ނުކުމެ މާލެތެރެ އެފުއް މިފުށަށް ޖަހައި ސާފުކޮށްލަ އެވެ. އެކަމުގައި 200 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރެ އެވެ.

އެމްޑީ ވިދާޅުވީ ކުނި ކަހަނީ ނަމެއްގައި ނޫން ކަމަށާ، އެކަން ކުރަނީ ވެސް ނިކަން ވެގެން ކެރިގެން ކަމަށެވެ.

"ކުނި ކަހަނީ ވެސް ދިވެހިން، ޒުވާން އަންހެން ކުދިން. ވަރަށް ފެންވަރުގައި އެ ކޮށްލަނީ. ސައިކަލް ޒޯނުން، ސައިކަލްތައް ވެސް ދުރުކޮށްލައިގެން، ވަރަށް ރީތިކޮށް އެކަން އެކޮށް ލަނީ،" ޝިފާއު ވިދާޅުވި އެވެ.

ކުރިން ބުނީ ނުވާނެއޭ، މިހާރު ބުނަނީ ވާނެއޭ

ރާއްޖޭގެ ޓޫރިޒަމް ފެށިގެން އޭރު، އައި ބޭރު މީހުން ބުނީ ދިވެހިންނަށް ތިޔަ ކަމެއް ނުވާނެ ކަމަށެވެ. ތިޔަ ނޫން އެހެން ކަމެއް ކުރާށެވެ. އެކަމަކު 45 އަހަރު ފަހުން މިހާރު ބަލާއިރު ދިވެހިންގެ މަސައްކަތުން ރާއްޖޭގެ ޓޫރިޒަމްއަކީ ދުނިޔޭގެ މަރުކާ އަކަށް ހަދައިފި އެވެ. މިކަން ވެސް ވާތަން ފެންނަނީ ހަމަ މި ގޮތަށެވެ. ކުނި ނެގުމުގެ މަސައްކަތް މާލޭގައި ކުރެވިދާނެ ތޯ ބަލަން ފުރަތަމަ އައި މީހުން ބުނި ކަމަށް ވަނީ މާލޭގައި ތިޔަ ކަމެއް ނުވާނެ އެވެ. ސަބަބަކީ މާލޭގެ ގެދޮރު ހުރި ގޮތެވެ. ތާށިކަން ބޮޑުވުމެވެ. ޖާގަ ނެތުމެވެ. ނަމަވެސް، އެކަމަށް ބީރު ކަންފަތެއްދީ ދިވެހިން ކުރި މަސައްކަތުން މި ވަނީ ކާމިޔާބު ހޯދާފަ އެވެ. ނަތީޖާ އަކަށްވީ ބޭރުގެ މާލީ އިދާރާ ތަކުން އެ ކާމިޔާބީ ބަލައިގަނެ، މިކަން ކުރިއަރުވަން ދީލަތިކަމުގެ އަތްތަށް ހުޅުވާލަން މަޖުބޫރުވުމެވެ.

އެމްޑީ ވިދާޅުވީ މި މަސައްކަތަކީ ގޮން ޖެހުން ބޮޑު މަސައްކަތެއް، ނަމަވެސް ކުރެވުނު މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ކުރި އަށް އޮތް އަހަރުތަކުގައި ވެމްކޯ ފެނިގެން ދާނީ ވަރަށް ކާމިޔާބު ކުންފުންޏެއްގެ ގޮތުގައި ކަމަށް އޭނާ އުންމީދު ކުރައްވަ އެވެ.

"އަޅުގަނޑުމެންގެ ކާމިޔާބު ވަމުން ދޭ. މާލީ ގޮތުން ވެސް. ހުރިހާ ގޮތް ގޮތުން އިރާދުކުރެއްވިއްޔާ. ކުރިއަށް އޮތް އަހަރުތަކުގައި އިރާދުކުރެއްވިއްޔާ ކުނި އުކުމުގައި އުޅޭ މުވައްޒަފުން ނަށް ވެސް ހާއްސަ ތަމްރީން ތަކެއް ވެސް ދޭނަން. ކުރިން ގިނަ މީހުން ބުނަނީ ތިޔަ ކަމެއް. އޭރު ބުނަނީ ތިއީ ހަމަ އިމްޕޮސިބަލް ކަމެކޭ. އެކަމަކު މިހާރު ގިނަ ބަޔަކު ގަބޫލު ކުރޭ ދިވެހިންނާއެކު މި ކަންވާނެކަން. މިހާރު ވަރަށް ޕޮޒިޓިވް ފީޑްބެކް ލިބޭ. އެކަމަކު ރަނގަޅު ކުރަން ޖެހޭ ކަންކަން ހުންނާނެ ތާ؟،" ޝިފާއު ވިދާޅުވި އެވެ.

ކުނި އުކުން ވެސް އައިޓީއާ ގުޅިއްޖެ؟

ވެމްކޯ އަށް ނިމިދިޔަ، ރޯދަ މަސްވީ ހަތަރު އުދަރެސް ފެނުޖެހެން "ކައިރިވި" މަހަކަށެވެ. ކުންފުނި ރަނގަޅަށް ހިނގައި ނުގަނެއުޅެނިކޮށް ރޯދަ މަސް ފެށުމާއެކު ފެނިގެން ދިޔައީ ކުނި ނުނެގި މާލެތެރެ "ކުނިވި" ތަނެވެ. ނަމަވެސް ވިސްނުންތެރިކަމާއެކު ކުރި މަސައްކަތުން އެ ކަމުން އަރައިގަތެވެ. މިއަދު އެ ކުންފުންޏަކީ އައިޓީގެ ދާއިރާ އިން ވެސް ހިންގުމުގެ ނިޒާމު ފުރިހަމަވަމުންދާ ކުންފުންޏެކެވެ.

ޝިފާއު ވިދާޅުވީ ވެމްކޯއަކީ މިހާރު ހިންގުމުގެ ދާއިރާގެ ތެރެ އަށް އައިޓީގެ ފަސޭހަތައް ގެނެސްދީފައިވާ ކުންފުންޏެއް ކަމަށެވެ.

"މިހާރު ކުނި އުކާލެވޭ ގޭގެ މައުލޫމާތު އޮފީހަށް ވަގުތުން އެނގޭނެ. އަޅުގަނޑު ވެސް ވަގުތުން އޮފީހުގައި ހުރެގެން ބަލައިލަން ކިހިނެއް ތޯ ކުނި ނެގުން އެ ދަނީ. މި ސިސްޓަމުން ވަރަށް ފަސޭހަވެގެންދޭ. މިހާރު އެނގޭނެ ކީއްވެގެން ތޯ މި ވެނި ހިސާބަކުން އެ ލަސްވަނީ. އެހެންވެ، މެނޭޖުމަންޓަށް ވެސް ލިބޭ އެ ކަންކަން ރަނގަޅު ކުރަން ފުރުސަތު. ވެމްކޯ ބިލް ވެސް މި ފޮނުވަނީ މެސެޖަކުން ފޯނު ތަކަށް. ބިލް ދެއްކޭ ލޮކޭޝަން ތަކެއް ވެސް ހުންނާނެ،" އެމްޑީ ވިދާޅުވި އެވެ.

މި ހުރިހާ ކާމިޔާބީއާއެކު ވެމްކޯގެ ދުވެލި އެންމެ ފިތެއްވެސް މަޑުކުރަން، އެމްޑީ ޝިފާއު ބޭނުންފުޅެއް ނޫނެވެ. އެމްޑީގެ ވިސްނުން ހުރީ މުސްތަގުބަލުގައި އެ ކުންފުނި ވަރުގަދަކޮށް ދިވެހިންނަށް އިތުރު ވަޒީފާތަކެއް ހޯދައިދިނުމެވެ. ވިޔަފާރީގެ އާ ކުޑަދޮރުތައް ހުޅުވައި ކުންފުނި އެމަގަށް ގެންދިއުމަށެވެ. ކުނީގެ މައްސަލަ ހައްލު ކުރަން ނުކުމެތިބި ފެހި ލަޝްކަރު އޮތީ ކުނި ކޮތަޅު ބިދޭސީންގެ އަތަށް ދޭ ގޮތަކަށް ނޫނެވެ.