ތޮއްޖެހިފައިވާ މާލޭގެ ކުނީގެ މައްސަލަ ބޮޑުވެ ބޮއްސުންލާފައި ވަނިކޮށް ވެމްކޯ ވަނީ ސާބަސް ރައްދުވާވަރުގެ މަސައްކަތްކޮށް ނަތީޖާ ނެރެފަ އެވެ. އެކަމަކު ވެމްކޯއިން އެ ހިތްވަރު ކުރިޔަސް މި ރޯދަ މަހު އަދި މިހާތަނަށް ވެމްކޯއަށް އޮތީ ސުމެކެވެ. ގެއިން ނުކުމެލިޔަސް ކުންޏެވެ. ގެއަކަށް ވަންނަން ދިޔައަސް ކުންޏެވެ. ގޭ އޮޅި މަތީގައި ވެސް ކުންޏެވެ. މި ރޯދަމަހުގެ މިހާތަނަށް އަދި އޮތީ މިހާލެވެ. ވެމްކޯގެ ޔުނިފޯމް އެޅި ވަރުގަދަ ލަސްކަރަކަށް ކުނި ބަލައެއް ނާދެވެ އެވެ.
ވެމްކޯއަށް ސުމެން ދޭން ޖެހެނީ ރޯދަ މަހުން މިއަދަށް ފަސްދުވަސް ވާއިރު އަދިވެސް މޭލޭގެ ބައެއް ގޭގެ އާއި ތަންތަނުން ފުރަތަމަ ދުވަހު ނެރުނު ކުނިތައް އުކާނުލެވި ބަހައްޓަން ޖެހިފައިވާތީ އެވެ. ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހު މާލޭގެ ގިނަ ގެތަކަށް ވެމްކޯގެ ހިލަމެއް ނުވެ އެވެ. ގެއަކުން ތިން ހަތަރު ކުނި ކޮތަޅަށްވުމުން ގިނަ ބަޔަކު އެ ކުނިތައް ނެރެ ބަހައްޓަނީ ގެ ހުންނަ މަގެއްގެ ކަންމަތީގަ އެވެ. ނުވަތަ ގެއަށް ވަދެގެން ދާ ގޯޅިގަނޑުގެ ތެރޭގަ އެވެ. އެއްބަޔަކު ކުނިތައް ނެރެ ބަހައްޓަނީ ދިމާ ހާމައަށެވެ. ކުނި ނަގަން އަންނަ ބަޔަކަށް ފަސޭހައިން ފެންނަ ގޮތަށް، ފެންނަ ހިސާބަކަށް ނެރެން ވެގެން ނެރެނީ ކަމަށް ވެދާނެ އެވެ. އެންމެން ނެރެމުން ނެރުމުން ގޮސް ރޯދަ މަހުގެ މި ހަތަރު ދުވަހުގެ ކުނިން ކޮންމެ ގެެއެއްގައި ގޮނޑެއް ހެދިއްޖެ އެވެ. ވެމްކޯއަކަށް ނާދެވެ އެވެ.
ރޯދަމަހު ކުނި އުކަން ވެމްކޯއިން ފުަރަތަމަ ކަނޑައެޅީ ރޭގަނޑު ހަތަރު ގަޑިއިރެވެ. އެއީ ރޭގަނޑު 8:00 އިން ދަންވަރު 12:00 އަށެވެ. ވެމްކޯގެ މުވައްޒަފުން ތިބި އަދަދާއި މާލޭގެ ތިން ލައްކައެއްހާ މީހުން ދިރިއުޅޭ ގޭބިސީތަކުގެ އަދަދަށް ބަލާއިރު މި ހަތަރު ގަޑިއިރަކީ ކުނި ނެގުން ފަދަ މަސައްކަތަކަށް އެއީ މަދު ވަގުތު ކޮޅެކެވެ.
ވެމްކޯގެ ރޯދަ ކުނި ކަލެކްޝަން ފެއިލްވެ، ރައްޔިތުން ރަތަށް އަރަންޖެހުނު ސަބަބަކީ މިއީއެވެ. މިކަމަށް މާފަށް އެދުމަށްފަހު ބުރާސްފަތި ދުވަހު ވެމްކޯއިން ބުނީ ކުނި ނަގަން ހަތަރު ގަޑިއިރު ހަމަޖެއްސީ ކުންފުނިން ހިންގި ސާވޭއަކަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް މީގެ ފަހުން ދެ ދަންފަޅިއަކަށް ބަހާލައިގެން ހަވީރާއި ރޭގަނޑު ކުނި ނަގާނެ ކަމަށެވެ. މާލެ ސާފުކޮށް ބާއްވަން މަސައްކަތްކުރާނެ ކަމަށެވެ.
އެކަމަކު ލޯ ކުރިމަށްޗަށް ފެންނަ މަންޒަރު އަދިވެސް ބަދަލެއް ނުވެ އެވެ. ގެތަކާއި ކަންމަތިތަކާއި ގޯޅިތަކުގައި އަދިވެސް އޮތީ ކުންޏެވެ. "ފެހި" މީހުންނަކަށް ނާދެވެ އެވެ.
"މި ގޭގެ ކޮންމެ ފްލޯއެއްގެ ލިފްޓު ކައިރީގައި ކުނިކޮތަޅުތައް ބަރިބަރިއަށް އަދިވެސް އެހުރީ. ދުވާ ވަހުން ނޯށް ދަމާލަން ނުކެރޭ މިހާރު. މަގުމައްޗަށް ނުނެރެން މިތިބެނީ ވާރޭވެސް ވެހޭތީ މަގުތައް އިތުރަށް ގޮނޑުވާނެތީ،" ހެންވޭރު އާޓިފިޝަލް ބީޗު ކައިރީ ހުރި ގެއެއްގެ ވެރިއަކު ބުންޏެވެ. ފޭސްބުކާއި ޓުވިޓަރުގައި ވެސް ހުސް މި ޝަކުވާ އެވެ.
ކުނި ފުނިޖެހިފައި އޮތީ ހަމައެކަނި މާލޭގެ އެތެރޭގެ މަގުތަކުގައެއް ނޫނެވެ. މާރުކޭޓު ސަރަހައްދު ވެސް އޮތީ ކުނިން ތަޣައްޔަރުވާން ކައިރިވެފަ އެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ވެސް ނުރައްކާތެރި ކަމެކެވެ. ރާއްޖެ ހުޅަނގު މޫސުމުގެ ނަކަތަށް ލާފައި އޮއްވައި މަގުތައް ނަޖިސްވެ މާހައުލު ތަޣައްޔަރުވުމަކީ ބަލިތައް ހީގަނެ ފެތުރިގަންނާނެ ކަމެކެވެ. ހަމައެކަނި ވެމްކޯއަށް ބަރޯސާވެ ނުތިބެ ފަރުދީ ޒިންމާ އިސްކުރަންޖެހެނީ މިސަބަބާ ހެދި އެވެ.
އަމިއްލައަށް ވެސް ކުނި އުކޭނެ!
ގޭގައި އުފެދޭ ކުނި މާ ގިނަވާނަމަ، ކުންޏާ ހެދި އުނދަގޫ ވާނަމަ، ކުނިތައް މަގުމައްޗަށް ނެރެ މަގުތަކުގައި ކުނިކުރަން ބެހެއްޓުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ގެއާ މަގުތަކާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟ ގޭގައިވެސް އުޅެނީއެވެ. މަގު މައްޗަކީ އަދި މާގިނަ މީހުން ހިނގައި އުޅޭ ތަނެވެ. އެހެންކަމުން އަމިއްލަ ފަރުދީ ޒިންމާ އަދާކުރަން އިސްކަންދޭނަމަ ހާލަތު މިއަށްވުރެ ރަނގަޅުވީހެވެ. އަމިއްލަ ކުނިކޮޅު އަމިއްލައަށް އުކާލެވުމުން އެ ކުނިކޮޅާ ހެދި ބޯ ގާނަން ނުޖެހި އެ ރިހުމުން ވެސް މިންޖުވެދާނެ އެވެ.
ވެމްކޯގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީހަކަށް އަމިއްލައަށް ކުނި އުކާލެވޭނެ އެވެ. މި ރޯދަމަހު ހުކުރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައި ކުނި އުކާ ސަރަހައްދު ހުންނާނީ ހެނދުނު 11:00 އިން ހަވީރު 5:00 އަށް ހުޅުވާފަ އެވެ. އަދި ރޭގަނޑު ހަތަކުން ދަންވަރު ތިނަކަށް ވެސް ކުނި އުކޭނެ އެވެ.
ހުކުރު ދުވަސްތަކުގައި ކުނި އުކާ ސްޓޭޝަން ހުޅުވާނީ ހެނދުނު 10 އިން 11:30 އަށެވެ. އަދި މެންދުރު ފަހު 2:00 އިން ހަވީރު 5 އަށް، އަދި ރޭގަނޑު 7:00 އިން ދަންވަރު 3:00 އަށެވެ.
ތިމާ އުޅޭ މާހައުލު ސާފުކޮށް ބޭއްވުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ކަމަށް ބަލައިގެން ތިބެގެންވެސް ވާކަށް ނެތެއް ނޫންހެއްޔެވެ؟