ވެމްކޯ

ގެއެއްގެ ތެރެއަށް ބޮޑުކަމުދިޔަ ވެމްކޯގެ މުވައްޒަފެއް ސަސްޕެންޑްކޮށްފި

ވެމްކޯގެ މުވައްޒަފަކު މާލޭ ގެއަކުން ކުނި ނަގަން ވަދެ އެ ގޭގެ ތެރެއަށް ބޮޑުކަމުދިޔަ މައްސަލައެއްގައި ސަސްޕެންޑްކޮށްފި އެވެ.

ވެމްކޯގެ މުވައްޒަފު ސަސްޕެންޑްކޮށްފައި ވަނީ އޭނާ ކުނި ނަގަން ވައިން ގޭތެރެއަށް ބޮޑުކަމު ގޮސްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ ވަރަށް ބޮޑަށް ފާޑު ކިޔަމުން ދަނިކޮށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ކުނި ނަގަން އެ އިމާރާތައް ވައިން އިރުވެސް ބޮޑުކަމުދާން ބޭނުންވެފައި ހުރިކަން އޭނާގެ ހަރަކާތްތަކުން އެނގެ އެވެ.

ލިފްޓް ކައިރީ ހުރުމަށްފަހު އޭނާ ދެން ދަނީ ގޭގެ ސިޑިއާއި ދިމާލަށެވެ. އެއަށްފަހު އިރުކޮޅަކުން އަނެއްކާ ލިފްޓް ކައިރިއަށް އައިސް ބެލްޓް ރަނގަޅުކޮށް ފަޓުލޫނުގެ ޒިބު އަޅުވާތަން ފެނެ އެވެ.

ވީޑިއޯ އާންމު ކުރި ފަރާތުން ވަނީ އެ އިމާރާތުގައި ގޭސް ފުޅިއެއް ބަހައްޓާފައިވާ ދިމާލުގައި ބޮޑުކަމުގޮސްފައި ހުރި ނަޖިސްތައްވެސް ވީޑިއޯގައި އާންމުކޮށްފަ އެވެ.

ވެމްކޯއިން ބުނީ މި މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި އެ އަމަލު ހިންގި މުވައްޒަފު މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ވެމްކޯގެ މުވައްޒަފެއްގެ ފަރާތުން އެފަދަ އަމަލެއް ފެނުމުން މައާފަށް އެދޭ ކަމަށާއި އެފަދަ އަމަލެއް ތަކުރާރު ނުވާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ. މިފަދަ އަމަލު ތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށްވެސް ވެމްކޯއިން ބުންޏެވެ.