މާލެއިން ކުނު އުކުމުގެ މަސައްކަތް ކުރާ ބިދޭސީން ހުއްޓުވައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ އެ މަސައްކަތް ހަވާލު ކުރީ ރަނގަޅު ފެންވަރުގައި، ފަސޭހަކަމާއެކު އެ މަސައްކަތް ކުރާށެވެ. އެގޮތަށް އެއްބަސްވެ، މުޅި މާލެއިން ކުނި އުކުމުގެ މަސައްކަތް ވެމްކޯއިން ކުރާތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ. ނަމަވެސް އެ ކުންފުނިން ހިދުމަތް ދޭ ގޮތާ މެދު ގިނަ ބަޔަކު ހިތްހަމަ ނުޖެހި ޝަކުވާތައް ވަނީ ގިނަވާން ފަށައިފަ އެވެ.
މާލޭގައި ކުނި އުކާލުމުގެ މަސައްކަތް ކުރެވޭވީ ރެޖިސްޓާކޮށްފައިވާ ވަކި ބަޔަކަށް ކަމަށާއި އެއާ ހިލާފަށް ކުނި އުކާލާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ނިންމާ، އަމަލު ކުރަން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެގޮތަށް އަމަލު ކުރަން ފެށުމުން އާންމުކޮށް ގޭގެއިން ކުނި އުކައިދޭން ދިޔަ ބިދޭސީންނަށް އެ މަސައްކަތެއް ނުކުރެވޭނެ އެވެ. އެހެންކަމުން ކުރިޔާލައި ވެމްކޯއިންނާއި އެންވާރަމަންޓް މިނިސްޓްރީން ދިޔައީ އެކަން އަންގާ އިއުލާން ކުރަމުންނެވެ.
ނަމަވެސް އެ ގަވައިދަށް އަމަލު ކުރަން ފަށައި ކުނި އުކައިދޭ ބިދޭސީން ގޭގެއަށް ވަނުން ހުއްޓުވާލި އިރު، މާލޭގެ ގިނަ ގެތަކެއް ވަނީ ވެމްކޯއިން ކުނި އުކައި ދިނުމުގެ ހިދުމަތް ލިބިގަތުމަށް ރެޖިސްޓްރީ ނުކޮށެވެ. އަދި ކުނިތައް އުކާ ނުލެވޭތީ އެ މައްސަލަ ވަރަށް ހޫނުވެ، ބައެއް ފަރާތްތަކުން ރުޅި އައިސް މާލެ ތެރެއަށް ކުނި އަޅަން ފެށި އެވެ. އަދި މަގު މައްޗައް ކުނި އުކާ ނުލާ ގެތަކުގައި އެތަށް ހަަފްތާއެއް ވަންދެއް ކުނި އުކާ ނުލެވި ގިނަ އަދަދަކަށް ކުނި ޖަމާވެފައި ހުރި މައްސަލަތައް ދިޔައީ ފެންމަތިވަމުންނެވެ.
ދިމާވި ބޮޑު މައްސަލައަކީ ގިނަ ބަޔަކު ރެޖިސްޓްރީ ނުކޮށް އޮއްވާ އާ ގަވައިދާ އަމަލު ކުރަން ފެށިގެން ދިޔުމުން އެއްފަހަރާ އެތަށް ބަޔަކު ވެމްކޯއިން ރެޖިސްޓްރީވުމަށް ހުށަހެޅުމެވެ. ނަތީޖާއަކަށްވީ ވެމްކޯއަށް އެ ހުރިހާ އެންމެނަށް އެއްފަހަރާ ރެޖިސްޓްރީ ކުރުމަށް ދަތިތަކާ ކުރިމަތިވެ، ރެޖިސްޓްރީ ކޮށްދިނުމުގައި ގިނަ ވަގުތުތަކެއް ހޭދަވުމެވެ.
އެއްބައި މީހުން ބުނާ ގޮތުގައި ރެޖިސްޓްރީ ކުރަން ހުށަހެޅިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ދިޔަ އިރު ވެސް ރެޖިސްޓްރީއެއް ނުކުރެ އެވެ. އަދި އެ ހުރިހާ ދުވަހެއް ކުނި އުކާނުލެވި، މައްސަލަ ދިޔައީ އިތުރަށް ހޫނުވަމުންނެވެ. މިއީ ވެމްކޯއިން ކުރާ މަސައްކަތްތަކަށް ފާޑު ކިޔުންތައް އަމާޒުވާން ފެށި ހިސާބެވެ.
އޭގެ ދުވަސްތަކެއް ފަހުން މިހާރު ވެމްކޯގައި ގިނަ އަދަދަކަށް މީހުން ރެޖިސްޓާކޮށްފައި ވެއެވެ. ނަމަވެސް މިހާރު ވަނީ އެހެން މައްސަލަތަކެއް ފެންމަތިވާން ފަށާފަ އެވެ. އަދި ވެމްކޯގެ ހިދުމަތްތަކާ މެދު އިތުރަށް ހިތްހަމަ ނުޖެހުން ފާޅުކޮށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވާން ފެށުމެވެ.
ޝަކުވާތައް ކުރި އާންމު މީހަކު ބުނި ގޮތުގައި ވެމްކޯގައި އެންމެ ފުރަތަމަ ރެޖިސްޓްރީ ކުރި މީހުންގެ ތެރެއިން އޭނާ ހިމެނެ އެވެ. ނަމަވެސް ވެމްކޯއިން ކުނި ބަލާ ދިއުން ވަރަށް ބޮޑަށް ލަސްވެ އެވެ. ބައެއް ފަހަރު ކުނި ނުނަގާ އެތައް ދުވަހެއް ވެއެވެ.
"މުޅި ގޭގަ ނުބައި ވަސް ހިފައިފަ މިހުރީ، އެންމެ ފަހުން ވެމްކޯއިން ކުނި އުކަން އައީ މިދިޔަ ހަފުތާގަ، އެ މީހުންނަށް ބަރާބަރަށް ކޮންމެ ދުވަހު ކުނި އުކާލަދޭކަށް ނާދެވޭ، ބިދޭސީން ކޮންމެ ގޮތަކަށް ކުނި އުކިޔަސް އެ މީހުން ގަވައިދުން އާދޭތާ، އެކަމަކު ގަވައިދުން ކުނި އުކާ ނުލެވުމަކީ ވަރަށް ބޮޑު މައްސަލައެއް، ވަރަށް ބޮޑު ދަތިތަކާ ކުރިމަތި ލާން ޖެހޭ، ކުދި ކުދި ތަންތަންކޮޅުގަ މިހެން އުޅޭ އިރު ދޮރު މަތީގަ ކުނި ފުންޏެއް ޖަހައިގެން ނޫޅެވޭނެ ދެއްތޯ،" އޭނާ ބުންޏެވެ.
ފުރަތަމަ ރަޖިސްތާ ކުރުމުގައި މައްސަލަތައް ދިމާވެ އަދި މިހާރު އެކަށީގެންވާ ހިދުމަތްތަކެއް ނުދެވޭތީ ވެމްކޯއަށް ވަނީ ގިނަ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. ގަވައިދުން ނާންނަ މައްސަލަ އިތުރަށް ބެލި އިރު ރަޖިސްޓާކޮށްފައި ތިބި ވަރަށް ގިނަ ގެތަކަށް އެ މައްސަލަ ދިމާވެ އެވެ. އަދި އެ މައްސަލާގައި ގިން ބައެއްގެ ޝަކުވާތައް ބޮޑުވެ ކަންބޮޑުތައް ފާޅުކުރެ އެވެ. ވޭސްޓް ކަލެކްޝަންގެ ހިދުމަތް ދޭތާ މަސް ދުވަސްވެފައިވާ އިރު މިފަދަ މައްސަލަތައް ވެސް އަދިވެސް ހައްލުވާތަނެއް ނުފެނެ އެވެ.
އާންމުން ޖައްސާ އަނެއް މައްސަލައަކީ ކުނި އުކާލަން ވަކި ގަޑިއެއް ނުބަލާ ވަން މައްސަލަ އެވެ. އަދި އެއަށް ފަހު އެ ގަޑިއެއްގައި ދިމާ ނުވެއްޖެ ނަމަ އެކަށީގެންވާ ވަރަށް ގުޅޭތޯ މަސައްކަތް ނުކޮށް ކުނިތައް ބަހައްޓާފައިދާތީ އެވެ.
އަވަސްއާ ވަހަކަދެއްކި މީހަކު ބުނި ގޮތުގައި އޭނާގެ ގެޔަށް ކުނި އުކާލަން ގޮސް ހުރިހާ ފްލޯއަކުން ކުނިތައް ތިރިޔަށް ބޭލުމަށް ފަހު ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓެވެ. އަދި އެއަށް ފަހު އެ ކުނިތައް ނުނަގާ ދިޔައީ އެވެ. އެތައް އިރެއް ފަހުން އެ މަައްސަލަ ޖައްސަން ގުޅުމުން ބަޔަކު ފޮނުވާ ކަމަށް ބުނެ އެ ރޭ ދަނވަރުގެ ވަގުތެއްގައި ވަދެ ކުނިތައް ގެންދިޔައީ އެވެ.
ވެމްކޯއިން ފަށައިގން ކުރަމުން މި އަންނަނީ ރަނގަޅު މަސައްކަތެކެވެ. އެއްވެސް ހަމައެއް އުސޫލެއް ނެތި ކުރާ ކަމެއް ނިޒާމެއްގެ ތެރެއަށް ފައްތާ، އެކަށީގެންވާ ވަސީލަތްތައް ބޭނުންކޮށްގެން މިވަނީ ކުނި އުކާލުމުގެ މަަސައްކަތްތައް ފަށާފަ އެވެ.
ނަމަވެސް ރައްޔިތުންނާ އެހާ ބޮޑަށް ގުޅުން ހުރި ކަމަކަށް އިންގިލާބީ ބަދަލެއް ގެންނަ އިރު އެކަން ފެށުމުން ބޮޑެތި ދަތިތައް ދިމާވާ ގޮތަށް އެކަން ކުރުން ރަނގަޅެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް ރާވާލަން ޖެހެ އެވެ. އަދި މަސައްކަތް ފަށައިގަނެ ބިދޭސީން އަތުން އެ މަސައްކަތް ނަގަން ޖެހޭނީ ވެސް އެއް ވެމްކޯއަށް މުޅި މާލެ ރެޖިސްޓާވެ ހުރިހާ ގޮތަކަށް ތައްޔާރުވެ ނިމޭ ހިސާބުންނެވެ. އަދި ކުނި އުކާލުމުގައި ގަވައިދުން އާދެވޭ ވަރަށް ވަސީލަތްތައް ގާއިމް ކުރެވި މުއައްޒިފުންތައް ތައްޔާރު ކުރެވިގެންނެވެ.
އެ ނޫން ނަމަ ހުދު ގަމީހަކުން ހަމައެކަނި ކަޅު ތިކި ފެންނަ ގޮތަށް، ކިތަންމެ ރަނގަޅު މަސައްކަތެއް ކުރިޔަސް ބޮޑު ވާހަކައަކަށް ދެކެވޭނީ މައްސަލަތަކުގެ ވާހަކައެވެ. އަދި މިހާރު މި މައްސަލަތަައް ދަ ގޮތަށް ބަލާފައި އާންމުން ހުރިހާ ރުޅިގަނޑެއް ބާލުވާނީ ކުނި އުކާލަންދާ އެންމެ އާދައިގެ މުވައްޒަފަށެވެ. އެހެންކަމުން ގޮތްތަކެއް ކަނޑައަޅާ މިހާރު ދިމާވެފައި ހުރި މައްސަލަތައް ވީހާވެސް އަވަހަކަަށް ހައްލު ކުރަން ޖެހެ އެވެ.