ދައުލަތުގެ އާމްދަނީ

ޕްލާސްޓިކް ފުޅިން ދައުލަތަށް އަހަރަކު 148 މިލިއަން ރުފިޔާ ލިބޭ: ދިރާސާ

ޕްލާސްޓިކް ފުޅި އުފައްދަ ކުންފުނިތަކުން ދިވެހި ދައުލަތަށް އާމްދަނީގެ ގޮތުގައި އަހަރު 148 މިލިއަން ރުފިޔާ ލިބޭ ކަމަށް ދިރާސާ އަކުން ދައްކައިފި އެވެ.

މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އިން ހަވާލު ކޮށްގެން، ދިވެހި ކުންފުންޏެއް ކަމަށްވާ އެންއައިޖީ ކެޕިޓަލުން ހެދި އެއް ފަހަރު ބޭނުން ކުރެވޭ ބާވަތުގެ ޕްލާސްޓިކްގެ ސަބަބުން ރާއްޖެއަށް ކުރާ އިގްތިސޯދީ އަދި އިޖްތިމާއީ އަސަރުތަކާބެހޭ ދިރާސާގެ ރިޕޯޓްގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ޕްލާސްޓިކް ފުޅި އުފައްދާ ވިއްކައިގެން އަމިއްލަ ކުންފުނިތަކަށް އަހަރަކު 933 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ލިބެ އެވެ.

އަދި ޕްލާސްޓިކް ފުޅި ވިއްކައިގެން ގާތްގަނޑަކަށް 148 މިލިއަން ރުފިޔާގެ އާމްދަނީ މިގޮތުން ކުރެވޭ ވިޔަފާރީގެ ތެރެއިން ޖީއެސްޓީ ހިމެނޭ ގޮތަށް، ދައުލަތުގެ މާލިއްޔާ އަށް ލިބެމުންދެ އެވެ.

ރާއްޖޭގައި އަހަރަކު 143 މިލިއަން ފުޅި އުފައްދާ

އެންއައިޖީގެ ދިރާސާ ދައްކާ ގޮތުން ރާއްޖޭގައި އުފެދޭ ކުނީގެ 12 ޕަސެންޓް ނުވަތަ އަހަރަކު 43،143 ޓަނާ އެއްވަރުގެ ކުންޏަކީ ޕްލާސްޓިކްގެ ބާވަތްތަކެވެ. ފެނާއި ލުއި ބުއިމުގެ ގޮތުގައި ރާއްޖޭގައި އަހަރަކު 3300 ޓަނު ނުވަތަ 143 މިލިއަން ފްލާސްޓިކް ފުޅި އަންނަނީ އުފައްދަމުންނެވެ. އަދި 2014 އިން 2018 އަށް ޕްލާސްޓިކް އިމްޕޯޓް ކުރި މިންވަރު ވަނީ އަހަރަކު 17 ޕަސެންޓް އިތުރުވެފަ އެވެ. އަދި 2018 ގެ ރާއްޖެގެ ޖުމްލަ އިމްޕޯޓްގެ ހަތަރު ޕަސެންޓަކީ ޕްލާސްޓިކާއި ރަބަރުގެ ބާވަތްތަކެވެ. ރާއްޖޭގައި ގޭބިސީތަކުގެ 57 ޕަސެންޓް ފެނުގެ ގޮތުގައި ބޭނުން ކުރަނީ ޕެޓް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ކަމުގައިވިއަސް، ގައުމުގައި އުފެދޭ ކުނީގެ ނިސްބަތުން ޕެޓް ފުޅީގެ ހިއްސާއަކީ ހަމައެކަނި އެއް ޕަސެންޓެވެ.

ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމު ފުރުއްވާ އެންއައިޖީ ކެޕިޓަލްގެ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން ގައުމީ އުފެއްދުންތެރިކަމުގެ ދެ ޕަސެންޓް ނިސްބަތްވާ ފުޅީގައި ބުއިން ބަންދުކުރާ ވިޔަފާރިއަކީ ނިސްބަތުން ބޮޑު ގައުމީ އިގްތިސޯދީ އުފެއްދުމުގެ ދާއިރާ އެވެ.

ބިއްލޫރި ފުޅިއަކީ ހައްލެއް ނޫން

މި ދިރާސާގައި ބުނެފައިވާ ގޮތުން ޕްލާސްޓިކް ފުޅި ބިއްލޫރި ފުޅިއަށް ބަދަލު ކުރުމަކީ އެކަށީގެންވާ ހައްލެއް ކަމަށް ނުފެނެ އެވެ. މީގެ މައިގަނޑު ސަބަބަކީ ސަބަބަކީ ޖައްވު ހޫނުވުމަށް މެދުވެރިވާ "ގްރީން ހައުސް ގޭސް" ބޭރުވާ މިންވަރު ޕްލާސްޓިކަށް ވުރެ ވެސް ބިއްލޫރި އުފެއްދުމުން ބޮޑު ވުމެވެ. މީގެ އޭގެ އިތުރުން، ބިއްލޫރި ފުޅިއަކީ ގެންގުޅުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުން ނިސްބަތުން އުނދަގޫ އެއްޗަކަށް ވުމާއެކު، ބިއްލޫރި ފުޅިއަށް ބަދަލު ކުރުމަކީ އޭގެ ބޭނުންކުރާ ފަރާތްތަކަށް ނިސްބަތުން އަގު ބޮޑު ވާނެ ކަމެއް ކަމަށް ފެންނާތީ އެވެ.

މި ދިރާސާގައި ކުނީގެ މި ބޮޑު މައްސަލައަށް ގެނެވިދާނެ ހެއްލުތައް ވެސް ބުނެދީފައިވެ އެވެ. އެގޮތުން ޕެޓް ފުޅިއާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ އެކްސްޓެންޑަޑް ޕްރޮޑިއުސާ ރެސްޕޮންސިބިލިޓީ (އީޕީއާރު) ނުވަތަ އުފައްދާ ފަރާތްތަކުގެ ޒިންމާ ބޮޑު ވާނެ ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުން ތަންފީޒުކުރަމުންދާ ކުނި ނައްތާލުމުގެ އަމަލީ މަސައްކަތްތަކުގެ ބޭނުންތެރިކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. މީގެ އިތުރުން ކުނި ނައްތާލުމުގެ ނިޒާމަކީ ހުރިހާ ގޮތަކުން ބެލިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުރި އަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ޕްލާސްޓިކް އެއްކޮށް، ޖަމާކޮށް، ރީސައިކަލް ކުރެވޭނެ އިންތިޒާމު ތަކެއް ހަމަޖެއްސުމުގެ މުހިންމުކަން ރިޕޯޓުގައި ފާހަގަ ކުރި އެވެ. ހާއްސަކޮށް އެއްކުރެވޭ ޕްލާސްޓިކް ކުނި ކުދިކޮށް، ފިއްތާ، ޖަމާކޮށް، ބޭރަށް އެކްސްޕޯޓު ކުރުމުގެ ފައިދާތައް ފާހަގަ ކޮށްފައިވެ އެވެ.