ހަބަރު

ވޯޓަށް އެހުން ފަސްކުރި އިސްލާހުތަކަށް ވޯޓަށް އެހުން މާދަމާ

ފާސް ކުރުމަށް ބޭނުންވާ ވަރަށް މެންބަރުން މަޖިލީހަށް ހާޒިރުވެފައި ނުވާތީ ވޯޓަށް އެހުން މިއަދު ފަސްކޮށްލި އިންތިހާބުތަކާ ބެހޭ ގާނޫންތަކަށް ވޯޓަށް އެހުމަށް މާދަމާ މަޖިލީހުގައި ތާވަލުކޮށްފި އެވެ.

ބޭރު ގައުމުތަކުގެ ސިޔާސީ ހިމާޔަތްކަން ހޯދާފައިވާ ފަރާތްތަކަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަން ޖެހޭ އިދާރީ ފީ 100،000 ރުފިޔާއަށް ބޮޑު ކުރަން އެ ގާނޫނަށް ހުށަހެޅި އިސްލާހު އަދި އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ގިނަ އިސްލާހުތަކެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ނިންމެވި ގޮތަށް ފާސް ކުރުމަށް މިއަދު ބޭއްވި މަޖިލީހުގައި މަސައްކަތް ކުރި ނަމަވެސް މެންބަރުން ހަމަ ނުވާތީ އެ މައްސަލަތަކުގައި ވޯޓަށް އެހުން އެހެން ޖަލްސާއެއްގައި އޮންނާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނީ އެ ތިން މައްސަލަ އެކަންޏެވެ. އެއީ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ރިޔާސީ އިންތިހާބުތަކާ ބެހޭ ގާނޫނު ހުށަހަޅާފައިވާ އިސްލާހާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަދި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅޭ ގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން ނިންމެވި ގޮތުގެ ރިޕޯޓަށް ގޮތެއް ނިންމެވުމެވެ.

އެ ބިލުތައް ފާސްވާ ވަރަށް މިއަދު މެންބަރުން މަޖިލީހަށް ހާޒިރުވެފައި ނުވާ އިރު ރައީސް އަބްދުﷲ ޔާމީން ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ގިނަ މަޖިލީސް މެންބަރުންތަކެއް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ފޮނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް އާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސެއިން އާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އަދި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވެސް ރައީސްގެ ދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.