ހޮހޮޅައިން ކުދީން ސަލާމަތްކުރާނެ ގޮތަކީ ކޮބާ؟

ތައިލެންޑުގެ ތޭމް ލުއާންގް ހޮހޮޅައިގެ ތެރޭގައި ކުޑަކުދީންގެ މައްޗަށް ހިމެނޭ ފުޓުބޯޅަ ޓީމެއްގެ 12 ކުދިންނާއެކު އެކުދިންގެ ޒުވާން ތާށިވި ހަބަރަކީ ދުނިޔެ ހައިރާންކޮށް ރޮއްވާލި ހަބަރެކެވެ. އެ ކުދީނާއި ކޯޗު ހޮހޮޅައިގެ ތެރޭގައި ދިރިތިއްބާ ފެނުންވީ ވެސް ހައިރާން ކުރުވި އަދި އުފަލުން ރޮއްވާލި ކަމަކަށެވެ. ނަމަވެސް، އެ ކުދިން ސަލާމަތުން އެ ހޮޅައިގެ ތެރެއިން ނެރުމަށް އޮތް ވަގުތު މިހާރު ވަނީ ކުޑަތަންވެފަ އެވެ. މިހާރުވެސް ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވަމުން އަންނަ އިރު، އެކުދިން ސަލާމަތް ކުރަން ހުއްޓާ ނުލައި މަސައްކަތް ކުރާ ޓީމްތަކަށް އޮތީ އާދައިގެ ގޮންޖެހުމެއް ނޫނެވެ. ސުވާލަކީ އެ ނުރައްކާތެރި ހޮހޮޅައިގެ ތެރެއިން އެ ކުދިންނާއި ކޯޗް ސަލާމަތް ކުރެވިދާނެ ހެއްޔެވެ؟ އަދި އެކަމަށް އޮތް މަގަކީ ކޮބައި ހެއްޔެވެ؟

ތައިލެންޑްގެ ޗިއާން ރައީއަށް ނިސްބަތްވާ އެ ކުދީން ވަދެ ތާށިވެފައި ތިބި ތޭމް ލުއާންގް ހޮހޮޅައިގެ ބައެއް ސަރަހައްދުތަކުގެ އުސްމިނުގައި 10 މީޓަރު ހުރެއެވެ. ހޮހޮޅައިގެ އަނެއް ބައި ސަރަހައްދުތަކަކީ ބޮޑު މީހަކު އަރިއަރިއަށް ޖެހި ގަދަކަމުން ކިރިޔާ ވަދެވޭހާ ހަނި ދިމަ ދިމާއެވެ. މުސޫން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، އަދިވެސް އެ ހޮހޮޅައިގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވަމުން އެބަދެ އެވެ. އެ ކުދިން ސަލާމަތުން ބޭރަށް ނެރެން ޖެހޭ މަސައްކަތް ވަރަށް ބޮޑުވެފައި އުނދަގުލެވެ. އަދި އެއީ ވަރަށް ބޮޑެތި ނުރައްކާތަކާއި ކުރިމަތިލާންޖެހޭނެ ވެސް މަސައްކަތެކެވެ.

ގުދުރަތީ ގޮތުން އެ ސަރަހައްދު އުފެދިފައިވާ ގޮތުން ހުޅަނގު މޫސުން ނިމި ހޮހޮޅައިގެ ތެރޭގައި ހެދިފައިވާ ފެން ހިނދެންދެން ގާތްގަނޑަކަށް ހަތަރު މަސް ދުވަހު އެ ކުދިން ހޮހޮޅައިގެ ތެރޭގައި ތިބެންޖެހިދާނެ އެވެ. އެއީ ތައިލެންޑު ސިފައިން ކުރިން ވެސް ބުނަމުން އައި ގޮތެކެވެ. އެހެން ނަމަވެސް ނުރައްކަލަކީ އެ ހޮހޮޅައިގެ ތެރޭގައި އަދިވެސް ފެންބޮޑުވަމުންދާތީ އެވެ. އަދި އިތުރަށް އެހާ ގިނަ ދުވަހު އެކުދިންނަށް ހޮހޮޅައިގެ ތެރޭގައި ތިބެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދޭތީ އެވެ.

އެ ސުވާލުތައް އޮތީ ސަބަބަކާއިލައިގެނެވެ. އެއީ ފެންބޮޑުވެގެން ހޮހޮޅައިގެ ތެރޭގައި ވައި ދައުރުވުމަށް ހުރަސް އެޅިއްޖެނަމަ، އެ ކުދިންނަށް އޮކްސިޖަން ނުލިބިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އެހާލަތަށް ގޮސްފިނަމަ އެއީ ރެސްކިއު ޓީމްތަކަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިފަދަ ބޮޑެތި ގޮންޖެހުންތަކާއެކު އެ ކުދިން ސަލާމަތުން ހޮހޮޅައިން ނެރޭނީ ކިހިނެއް ހެއްޔެވެ؟ އެހެން ނަމަވެސް 12 ކުދިންނާއި ކޯޗްގެ ފުރާނަ ސަލާމަތް ކުރުމަށް އެ ގޮތެއް ހޯދަން މަޖުބޫރެވެ.

ފުރަތަމަ ގޮތަކީ ޑައިވް ކުރުން

ހޮހޮޅައިގެ ތެރެއިން ޑައިވްކޮށްގެން އެ ކުދިން ނެރުމަކީ އެންމެ އަވަސް މަގެވެ. އެހެންބނަމަވެސް، ދުނިޔޭގެ ކުޅަދަނާ އަދި ނަން ހުރި ޑައިވަރުންނަށް އެކުދިން ތިބި ސަރަހައްދަށް ގޮސް އެނބުރި ނުކުންނަން ބަރާބަރު 11 ގަޑިއިރު ހޭދަ ކުރަން ޖެހެ އެވެ. އެއީ ކަނު އަނދިރީގައި އެ ކުދިންނާއި ހަމައަށް ދާން ހަ ގަޑިއިރު އަދި އެނބުރި ނުކުންނަށް ފަސް ގަޑިއިރެވެ.

އޭގެ ތެރެއިން ގިނަ ކުދިންނަށް ރަނގަޅަށް ފަތަން ނޭނގޭ، ޑައިވް ކުރުމުގެ އެއްވެސް ތަޖުރިބާ އެއް ވެސް ނެތް ކުދީންނެވެ. އެ ކުދީން ގޮވައިގެން، ކަނު އަނދިރީގެ ތެރެއިން ޑައިވްކޮށްފައި ނުކުތުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ދުނިޔޭގެ ހުރިހާ ތަޖުރިބާކާރުން ވެސް ބުނަނީ އެހެނެވެ.

  • ޓީމު ކޯޗާއެކު ހޮހޮޅައަށް ވަނީ ނުވަ ދުވަސް ކުރިން
  • އެ ކުދިން ފެނުނީ ހޮހޮޅައިގެ ހަތަރު ކިލޯމީޓަރު އަޑިން
  • ވަރުދެރަ ނަމަވެސް، މުޅި ޓީމުގެ ހާލު ރަނގަޅު
  • ކުދީން ފެނުނީ އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނަށް

ހޮހޮޅައިން ނުކުންނަށް އޮތް މަގުގައި، ވައި ފުޅި އަޅައިގެން ނުދެވޭ ވަރުގެ ހަނި ހިސާބެއް ވެއް އޮވެ އެވެ. އެހެންވުމުގެ ސަބަބުން އެ ކުދިންނަށް ޖެހޭނީ އެ ހިސާބު ފްރީ ޑައިވް ކުރާށެވެ. މިއީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.
ބްރިޓިޝް ކޭވް ރެސްކިއު ކައުންސިލްގެ ފަރާތުން ބިލް ވައިޓްހައުސް ވިދާޅުވާ ގޮތުގައި ގޮންޖެހުމާ އެއްވަރަށް މިއީ ހުރިހާ ގޮތަކުން ވެސް އޮތް ނުރައްކަލެކެވެ.

"މި ނުރައްކާ ކުދިންނާ އެއްވަރަށް ބޮޑެތި، ތަމްރީނު ލިބިފައިވާ ފުރިހަމަ ޑައިވަރުންނަށް ވެސް އެބައޮތް، މިއީ އާދަޔާހިލު ކަމެއް. އެކަމަކު މިއީ ކުރެވޭނެ ކަމެއް ބޭނުން ވަނީ ވަގުތުކޮޅެއް އަދި އެއީ ރަނގަޅު ވަގުތު ކޮޅަކަށް ވާންޖެހޭނެ،" ބިލް ވިދާޅުވި އެވެ.

މި މަސައްކަތަކުގައި ފަރުވާތެރިވެ ކެތްތެރި ކަމާއެކު އޮތް ޓީމްތަކުގެ ޓެކްނިކަލް ޕްލޭނެއް އެބައޮތެވެ. އެއީ އެ ކުދިން ނެރުމުގެ ކުރިން ޑައިވް ލައިންތައް އެޅުމާއެކު ވައި ފުޅިތައް ހޮހޮޅައިގެ އެކި ހިސާބުތަކުގައި ބެހެއްޓުމެވެ. އަދި އެކުދިންނަށް ފުލް ފޭސް މާސްކާއި ފިންސު ބޭނުން ކުރާނެ ގޮތާއި، ޑައިވް ކުރާ ގަޑީގައި ނޭވާލާން ގެންގުޅޭ އުކުޅުތައް ދަސްކޮށް ދިނުމާއެކު ފަސޭހައިން ހަޖަމްވާނެ ކާނާއަށް މިވަގުތު އެކުދިން ހާނުވައިލައި މިޒާޖާއި ތޮބީއަތުގައި ބިރެއް ނެތް ބަޔަކަށް ބަދަލު ކޮށްލުމެވެ.

ބިލް ވިދާޅުވި ގޮތުގައި އޮތް ހުރިހާ ނުރައްކަލާ އެއްވަރުގެ ނުރައްކަލަކަށް ކުދިން ބިރު ގަތުން ވެދާނެ އެވެ. އެކަން ކުޑަ ކުރުމަށް ބޭނުންވާ ވަސީލަތްތަކާއެކު އެކަމަށް ހާއްސަ މީހުންގެ އެހީ މިހާރު ވެސް ގެންދަނީ ބޭރުން ކުރަމުންނެވެ.

މި ނުރައްކާ ކުދިންނާ އެއްވަރަށް ތަމްރީނު ލިބިފައިވާ ފުރިހަމަ ޑައިވަރުންނަށް ވެސް އެބައޮތް، މިއީ އާދަޔާހިލު ކަމެއް. އެކަމަކު މިއީ ކުރެވޭނެ ކަމެއް ބޭނުން ވަނީ ވަގުތުކޮޅެއް އަދި އެއީ ރަނގަޅު ވަގުތު ކޮޅަކަށް ވާންޖެހޭނެ،
ބިލް ވައިޓްހައުސް | ބްރިޓިޝް ކޭވް ރެސްކިއު ކައުންސިލް

އާންމުކޮށް ޑައިވް ކުރާއިރު ވައިފުޅި ބުރަކަށި މަތީގައި އަޅާފައި އޮންނަ ނަމަވެސް، ހޮހޮޅަތަކުގައި ޑައިވް ކުރާއިރު ވައި ފުޅި އަޅަނީ އަރި މައްޗަކަށް ނުވަތަ ބަނޑުމަތީގަ އެވެ. ސަބަބަކީ، ހަނި ދޭތެރެތަކުން ދާއިރު، އެއްވެސް ދިމާއެއްގައި ވައިފުޅި އަޅައިގެންފާނެތީ އޮންނަ ނުރައްކަލުން ސަލާމަތް ވުމެވެ.


ކުދިން ތާށިވެފައި ގޮތް ދައްކައިދޭ ވިޑިއޯއެއް

މީގެ އިތުރުން، އެއިން ކޮންމެ ކުއްޖަކާއެކު ދޭއް ނުވަތަ ތިން ޑައިވަރުން ޑައިވްކޮށް އެކުގައި ދާނެ އެވެ. އެއީ އެކުދިން ކުޑަކަމުން ވައި ފުޅި ހިފަހައްޓައި ދިނުމަށާއި އެއްވެސް ކުއްޖަކު މާބޮޑަށް ހާސްވެ ބިރުން އޮވެގެން ޑައިވް ކުރިޔަ ނުދޭންވެގެނެވެ.

ކޮންމެ ކުއްޖަކު ވެސް އެ ކަނު އަނދިރީގެ ތެރެއިން ޑައިވްކޮށްފައި ދާއިރު އޮންނާނީ ގެއްލިދާނެތީ، ޑައިވަރަކާއި ކުރު ވަލަކުން ގުޅާލެވިފަ އެވެ. ބޮޑަށް ފެންހެދިފައިވާ ސަރަހައްދުތަކުގައި، އެކުދިން 10 ނުވަތަ 15 މިނެއްޓު ޑައިވް ކުރަންޖެހިދާނެ ކަމަށް ލަފާކުރެވެ އެވެ.

ދެވަނަ ގޮތަކީ ލޯވަޅެއް ތޮރުފުން

ކުދީން ސަލާމްތް ކުރުމަށް އޮތް ދެވަނަ އޮޕްޝަނަކީ، ހޮހޮޅައިގެ މަތިން ރޮބަޓްގެ އެހީގައި ލޯވަޅެއް ތޮރުފައިގެން، ސީދާ މަތިން އެ ކުދިން ނެގުމެވެ. އެކަމަކު މިކަމަކީ ވެސް ވަރަށް ދަތި ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެވެ. ސަބަބަކީ، ހޮހޮޅަ ހިމެނޭ އެ ފަރުބަދައިގެ މައްޗަށް ޑްރިލް ކުރެވޭ ވަރުގެ އާލާތާއި ވެހިކަލްތައް އަރުވަން ބޭނުންނަމަ، ފުރަތަމަ ޖެހޭނީ މަގުތަކެއް ހަދާށެވެ. އެ މަގުތައް ހަދަން، ބޮޑެތި ހިލަތައް ގޮއްވާލަން ޖެހޭނެ އެވެ. މީގެ އިތުރުން، އެއްވެސް ސާވޭ އެއް ދިރާސާ އެއް ނުކޮށް އެ ކުދިން ތިބި ސަރަހައްދާއި ދިމާލުން ތޮރުފައިލުން ވާނީ ރައްކާތެރި ނޫން އަދި ވަރަށް ނާދިރު ވެސް ކަމަކަށެވެ.

ތިންވަނަ ގޮތަކީ ފެން ހިނދެންދެން ތިބުން

ހޮހޮޅައިގެ ތެރޭގައި އަދިވެސް ފެންބޮޑުވަމުން އެބަދެ އެވެ. އަދި އެހާ ގިނަ ދުވަހު އެކުދިންނަށް ހޮހޮޅައިގެ ތެރޭގައި ތިބެވިދާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ، ފެން ބޮޑު ވެގެން ހޮހޮޅައިގެ ތެރޭގައި ވައި ދައުރުވުމަށް ހުރަސް އެޅިއްޖެނަމަ، އެ ކުދިންނަށް އޮކްސިޖަން ނުލިބިދާނެ ކަމުގެ ބިރު ވަނީ ހީވެފައި އޮތުމެވެ.

މިހާރު ކާބޯތަކެއްޗާއި، ބޯފެނާއި، ބޭސް ފޯރުކޮށްދެވިފައިވާ އިރު، އެކުދިން ސަލާމަތް ކުރެވެންދެން އެކުދިން ކައިރީގައި ކަނޑުމަތީ ސިފައިގެން ދެ ޑޮކްޓަރަކު ތިބެން ވަނީ ވޮލަންޓިއާ ކޮށްފަ އެވެ. އަދި އެ ކުދިން ތިބި ސަރަހައްދުގައި ފެންބޮޑުވިޔަ ނުދޭން، ބޮޑެތި ޕަމްޕު ބޭނުން ކޮށްގެން ފެން ހިނދުމުގެ މަސައްކަތް ހިނގަ ހިނގާ އެބައޮތެވެ.

އެހެން ނަމަވެސް، ހުޅަނގު މޫސުން އަދި ފެށުނީ އެވެ. މި މޫސުމުގައި ބޯކޮށް ވާރޭވެހުމުގެ ފުރުސަތު ބޮޑެވެ. އެހެން ވެއްޖެނަމަ، ފެން ހިންދޭ ވަރަށް ވުރެ އަވަހަށް ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

ހޮހޮޅައިގެ ތެރޭގައި ދިމާވެދާނެ ނުރައްކާތައް

ތާށިވެފައިތިބި ކުދިންގެ ތެރޭގައި 11 އަހަރާއި 16 އަހަރާއި ދެމެދުގެ 12 ކުޅުންތެރިންނާއި އެކުދިންގެ 25 އަހަރުގެ ކޯޗު ހިމެނޭއިރު، އެ ޓީމު މިހާރު ތިބީ ހޮހޮޅައިގެ ތެރޭގައި ވަށައިގެން ފެން ހެދިފައިވާ އުސް ފަރުބަދަ ކޮޅެއްގެ މަތީގަ އެވެ. އެހާ އަޑީގައި ޖައްވު ވަރަށް ފިނިވާނެތީ، ހައިޕޮތާމިއާގެ ރިސްކު ވަރަށް ބޮޑެވެ.

އަދި ތިބި ތަނުގެ ގޮތުން ބޯ މައްޗަށް ހިލަ ގަނޑެއް ވެއްޓުމުގެ ބިރުވެސް އޮތް އިރު، އެ ކުދިންގެ ސަލާމަތަށް އެންމެ ބޮޑު ބިރެއް ކުރިމަތިވާނީ ފެންގަނޑު އިތުރަށް ބޮޑުވެއްޖެ ނަމަ އެވެ. ހޮހޮޅައިގެ އިތުރު ސަރަހައްދުތަކެއްގައި ފެން ބޮޑުވެއްޖެނަމަ، ވައި ދައުރުވުން ހުއްޓި އެ ކުދިން ތިބި ހިސާބަށް އޮކްސިޖަން ފޯރުމަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

އެކުދިންނަށް ފޯރުކޮށްދެވޭ އެހީ

އެތަކެއް ދުވަހަށް ބޭނުންވާ ވަރަށް މިހާރު ވެސް ކާބޯތަކެއްޗާއި، ބޯފެނާއި، ބޭހުގެ އިތުރުން ސިފައިން އާންމުކޮށް ބޭނުންކުރާ ހައިކެލަރީ ޖެލްގެ އިތުރުން ޕެރެސެޓަމޯލް ވެސް ވަނީ ފޯރުކޮށްދެވިފަ އެވެ. އަދި ކުރިއަށްއޮތް ހަތަރު މަސް ދުވަހަށް ވާ ވަރަށް ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާބޮޑު ޒަހަމްތަކެއް އެކުދިންނަށް އަދި މިހާތަނަށް ލިބިފައި ނުވާތީ، ޑައިވަރުން މިހާރު ދަނީ އެކުދިންނަށް ޑައިވް ކުރަން ދަސްކޮށްދެމުންނެވެ. އެކުދިން ކައިރީގައި 24 ގަޑިއިރު ޑޮކްޓަރަކާއި ނަރުހެއް ތިބުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފަ އެވެ. އެތަކެއް ސަތޭކަ ވައި ފުޅިތަކާއެކު ޑައިވަރުންގެ ޓީމުން ވަނީ ހޮހޮޅައިގެ ވަކި ހިސާބެއްގައި މަރުކަޒެއް ވެސް ގާއިމުކޮށްފަ އެވެ.

ނަފްސާނީ ގޮތުން ކުދިންނަށް ކޮށްފާނެ އަސަރު

ނަފްސާނީ ގޮތުން އެންމެ ބޮޑަށް އަސަރު ކުރާނީ ކަނު އަނދިރީގައި އެ ހާ ގިނަ ދުވަހު ތިބެންޖެހުން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެހެން ކަމުން، ގިނަ އަދަދެއްގެ ޓޯޗު ފަދަ އަލި ކުރެވޭނެ އާލާތްތައް އެ ކުދިންނަށް ވަނީ ފޯރުކޮށްދެވިފަ އެވެ. އަދި އެކުދިންނާ އެކު އަބަދުވެސް ބަޔަކު ތިބޭނެ އެވެ. މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ އެ ކުދިން ތިބި ސަރަހައްދާ ހަމައަށް ކަރަންޓާއި ފޯނު ލައިނެއް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކޮންމެ ގޮތަކަށް އެ ކުދިން ސަލާމަތް ކުރަން ރެސްކިއު ޓީމްތަކުން ނިންމި ނަމަވެސް، އެ ފަދަ ނުރައްކަލާ ކުރިމަތިލުމުގެ ކުރިން، އެ ކުދިންގެ އާއިލާތަކާއި ވާހަކަ ދައްކާލެވޭ ގޮތް ވެއްޖެ ނަމަ، އެކުދިންނަށް އިތުރު ހިތްވަރެއް ލިބޭނެ އެވެ. އެއީ ތަޖުރިބާކާރުން ލަފާދީފައިވާ ގޮތެވެ. -- އަވަސް