ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި 17 ދުވަސް ވަންދެން ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކޮށް ކުރީ މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައި އޮތް ބޮޑު އަދި ނުރައްކާތެރި އޮޕަރޭޝަނެއްގަ އެވެ.
ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމުގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ އޭގެ ނުވަ ދުވަސް ފަހުންނެވެ.
އެ ކުދިން ސަލާމަތްކުރި ފަހުން، އެ ބިރުވެރި ހާދިސާ އާއި ގުޅޭ މައުލޫމާތުތައް ފުރަތަމަ ފަހަރަށް އެ ކުދިން ވަނީ މުޅި ދުނިޔެއަށް ކިޔާދީފަ އެވެ.
އެ ކުދިން ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޓީމު ޖޯޒީގައިތިބި އެ ކުދިންވަނީ ދުރާލާ ރޭވިފައިވާ ސުވާލުތަކަށް ޖަވާބުދީފަ އެވެ.
އެ ކުދިން ހޮހޮޅައިގައި ތާށިވި ގޮތް!
އެ ކުދިންގެ ކޯޗު، 25 އާކޭ ބުނީ އެ ކުދިން ގޮވައިގެން ޖޫން 23 ގައި ހޮހޮޅައަށް ވަނީ އެއް ގަޑިއިރު ތެރޭ އެނބުރި ނުކުންނަށް ހިތުއަޅައިގެން ކަމަށެވެ. އެ ކުދިން ހޮހޮޅައަށް ވަނީ އެތަނުން އެއް ކުއްޖެއްގެ އުފަންދުވަސް ފާހަގަ ކުރަންކަމަށް ކުރިން ރިޕޯޓުކޮށްފައި ވީނަމަވެސް، އާކޭ ވަނީ އެ ހަގީގަތެއް ނޫން ކަމުގައި ހާމަކޮށްފަ އެވެ. ނަމަވެސް، އެތަނުން އެއް ކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކުރަން ގޭގައި ކުޑަ ޕާޓީއެއް ރާވާފައިވާތީ، އެ ދުވަހު ހަވީރު 5.00 ގެ ކުރިން ގެއަށް ދާންޖެހޭ ކަމަށް ބުނި ކަމަށް އާކޭ ބުންޏެވެ.
"އަހަރުމެން ހަމަ ރީތިކޮށް ހިނގާފައި އުޅުނީ. އެކަމަކު އެނބުރި ނުކުންނަން އައި މަގުމަތީގައި އެނގިއްޖެ ތާށީވީކަން،" އާކޭ ކިޔައިދިނެވެ.
ނުކުމެވޭނެ މަގު ބަންދުވެއްޖެކަން އެނގުނީ، އައި މަގުމަތީގައި ފެންގަނޑު ހެދެން ފަށާފައިވާ ތަން ފެނިގެން ކަމަށްވެ އެވެ.
"އެއް ބައި ކުދިން އެހި މަގު އޮޅުނީހޭ ވެސް. އެކަމަކު އަހަރެން ބުނިން ރަނގަޅު ކޮޅަށޭ މިދެވެނީ،" އާކޭ ބުންޏެވެ. ހޮހޮޅައިން ނުނިކުމެވޭނެ ކަން އެނގުމުން، ދެން ބެލީ ފެން ނުހެދޭ އުސް ތަންކޮޅެއް ފެނޭތޯ ކަމަށާއި، އެ ތާނގާ މަޑުކުރަން ނިންމީ އޭނާ ކަމަށް، އާކޭ ބުންޏެވެ.
"ފާރުތަކުން ފެން ފައިބާ ދިމާލެއްގަ މަޑުކުރީ. އެރޭ ނިދުމުގެ ކުރިން ދުއާ ކުރިން. އަހަރެމެން އޭރު ހީކުރީ ޖެހިގެން އައި ދުވަހު ފެންގަނޑު ހިނދި އޮފިޝަލުން އަހަރެމެން ހޯދަން އަންނާނެކަމަށް. އޭރު އެހާ ބިރެއް ނުގަނެ،" ހޮހޮޅާގައި ތަށިވާން މެދުވެރި ސަބަބު އާކޭ ހިއްސާކުރި އެވެ.
އެހާ ގިނަ ދުވަހު ހޮހޮޅާގައި ކުރީ ކީއް؟
އާކޭ ކިޔައިދިން ގޮތުގައި، އެތަނުން ނުކުމެވޭނެ އިތުރު މަގެއް ފެނޭތޯ ފުރަތަމަ މަސައްކަތް ކުރެވުނު ކަމަށާއި ފަހުން އެ ކުދިން މާބޮޑަށް ވަރުދެރަވުމުގެ ސަބަބުން އެ މަސައްކަތް ހުއްޓާލީ ކަމަށެވެ. ނަމަވެސް، ބަޔަކު އައިސް ސަލާމަތް ކުރަންދެން މަޑުނުކޮށް، ގަލާއި ދަނޑި ބޭނުންކޮށްގެން ހޮހޮޅައިގެ ފާރުން ލޯވަޅެއް ކޮނެވޭތޯ ވެސް މަސައްކަތް ކުރި ކަމަށް އާކޭ ބުންޏެވެ.
އެއް ކުއްޖަކު ބުނީ އެމީހުން އެހާ ގިނަ ދުވަހު ދިރިތިބީ ހަމައެކަނި ފެން ބޮއިގެން ކަމަށެވެ. "ހަމައެކަނި ފެން. ކާއެއްޗެއް ނުކަން،" އެ ކުއްޖާ ބުންޏެވެ.
"އަހަރެން މަސައްކަތް ކުރީ ކާއެއްޗެއްސާ ދޭތެރޭ ނުވިސްނޭތޯ. ކާއެއްޗެހި މަތިން ހިތަށް އެރީމަ އިތުރަށް ބަނޑުހައިވޭ،" 11 އަހަރުގެ ޗަނިން ބުންޏެވެ.
ވަގުތު ދުއްވަން އެކުދިން ޗެކާސް (ތިން ހަމަ) ކުޅުކަމަށްވެ އެވެ.
އެކުދިން ދިރިތިއްބާ ފެނުނު ވަގުތުކޮޅު!
އެ ކުދިންގެ ތެރެއިން ހަމައެކަނި އިނގިރޭސިން ވާހަކަ ދައްކަން އެނގޭ 14 އަހަރުގެ އަދުލް ސެމޮން ބުނީ، އެ ކުދިން ދިރިތިއްބާ އެންމެ ފުރަތަމަ ފެނުނު އިނގިރޭސިވިލާތުގެ ދެ ޑައިވަރުން ފެނުމާއެކު އޭނާއަށް ބުނަން އެނގުނީ "ހަލޯ" އެކަނި ކަމަށެވެ.
"އަހަރެމެން ތިބީ ގަލެއްގެ މަތީގައި އިށީނދެގެން. އެހެން ތިއްބާ އިވުނީ ބަޔަކު ވާހަކަ ދައްކާ އަޑު. ކޯޗު ބުނީ އަޑުމަޑުކޮށް އަޑުއަހާބަލާށޭ،" ހޮހޮޅައިގެ ތެރޭގައި ތިބޭތާ ނުވަ ދުވަސް ފަހުން ދިރިތިއްބާ ފެނުނު ވަގުތުކޮޅު އަދުލް ސިފަކޮށްދިނެވެ.
"އަހަރެން ވަރަށް ހައިރާންވި އެމީހުންނަކީ އިނގިރޭސިން ކަން އެނގުމުން. އެމީހުން އެހީ އަހަރެމެންގެ ހާލު ކިހިނެއްހޭ. އަހަރެން ބުނިން ހާލު ރަގަޅޭ، ކަލޭމެން އެއްވެސް އެހީތެރިކަމެއް ބޭނުންހޭ. އެމީހުން ބުނީ ނޫނެކޭ އަވަހަށް ގާ މައްޗަށް އަރާށޭ. ދެން އެމީހުން އެހީ ކިތައް ކުދިންހޭ ތިބީ."
ބަނޑުހައިވެގެން ހިސާބުގެ އެއްވެސް މިންވަރެއް ސިކުނޑިއަށް ނުވަންނަ ކަމަށް އަދުލް ބުންޏެވެ.
މަރުވި ޑައިވަރާއި ގުޅޭގޮތުން އެކުދިން ޝުއޫރުތައް!
ތައިލަންޑު ކަނޑުގެ ސިފައިންގެ ކުރީގެ ޑަައިވަރު ޕެޓީ އޮފިސަރު ސަމަން ގުނާން މަރުވީ، ތާށިވެފައިތިބި ކުދިންނަށް ވައި ފުޅި ތަކެއް ފޯރުކޮށްދިނުމަށްފަހު ހޮހޮޅައިން އެނބުރި ނުކުންނަށް އައި މަގުމަތީގަ އެވެ. ނޭވީން މިހާރު ރިޓަޔާކޮށްފައިވާ ސަމަން، 38 އެނބުރި އައި އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށެވެ. އޭނާ މަރުވީ ޖުލައި ހަވަނަ ދުވަހު އެވެ.
ނަމަވެސް، ސަމަން މަރުވި ވާހަކަ އެކުދިން ގާތު ބުނީ ޖުލައި 16 ވަނަ ދުވަހު އެވެ. އެކަމާއި ގުޅިގެން ސުވާލުކުރުމުން، އެ ކުދިންގެ ކޯޗު ބުނީ، އެ ވާހަކަ އަޑު އިވުމާއެކު ހުރިހާ ކުދިން ވެސް ވަރަށް ހިތާމަކުރި ކަމަށެވެ.
"އެ ކުދިން ގަބޫލުކުރަނީ ސަމަން މަރުވީ އެކުދިންގެ ސަބަބުން ކަމަށް. ސަމަންގެ އާއިލާއަށް އެފަދަ ބޮޑު ހިތާމައަކާއި ކުރިމަތިލާންޖެހެނީ އެ ކުދިންގެ ސަބަބުންނޭ،" އާކޭ ބުންޏެވެ.
"ސަމަން އޭނާގެ ފުރާނަ ގުރުބާންކުރީ، އަހަރެމެންގެ ފުރާނަ ސަލާމަތްކުރަން. އަހަރުމެން ރަގަޅު، ހެޔޮ ދިރިއުޅުމެއް އުޅެންޖެހޭ ސަމަންގެ ގުރުބާނީއަށްޓަކައި."
އާކޭ ބުނީ ހުރިހާ ކުދިންވެސް ސަމަންގެ ހަނދާނުގައި ބުޑިސްޓު ހާމުދުރުންގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށެވެ.
އެކުދިން ނެރުނީ ވަކި ތަރުތީބަކުން ނޫން!
ބޯކޮށް ވާރޭވެހި ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވަމުން އަންނާތީ އެ ކުދިން ނުނެރެވި ވަގުތު ކުޑަތަންވަމުން އަންނަކަމަށް ބުނެ އެ އޮޕަރޭޝަން ފެށާ، އެ ކުދިން ސަލާމަތްކުރީ ތިން ދުވަސް މަތިންނެވެ. އާކޭ ބުނީ، އެ އޮޕަރޭޝަން ރޭވިފައިވާ ގޮތް ވަރަށް ތަފްސީލުކޮށް އެ ކުދިންނާއި ހިއްސާ ކުރިކަމަށާއި، އެހާ ބިރުވެރި ގޮތަކަށް ނެރެންޖެހޭތީ އެކުދިންނަށް ސެޑެޓިވް އެއް ޑެން ނިންމިކަމަށެވެ.
ނަމަވެސް، އެކުދިން ނެރުނީ އެންމެ ވަރުދެރަ ކުދިން ބަލައިގެން ނޫންކަމަށާއި، އެންމެ ފުރަތަމަ ދާނެ ބަޔަކު ކަނޑައެޅީ އެކުދިން އަމިއްލައަށް ކަމަށް އާކޭ ބުންޏެވެ.
ވަރަށް އުފާވެރި މާހުލެއްގައި ކުރިއަށް ދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހާދިސާގެ ސަބަބުން ލިބުނު ފިލާވަޅުތަކުގެ އެހީގައި މުސްތަގުބަލު ބިނާ ކުރާނެ ކަމަށް ހުރިހާ ކުދިން ބުންޏެވެ.
މިހާރު އެ ކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވީ ނަމަވެސް، އިއްޔެ ނޫސް ކޮންފަރަންސްގެ ފަހުން ޓީމުގެ އެއްވެސް މެމްބަރަކު ދެން މީޑިއާ އާއި ވާހަކަ ނުދައްކާނެ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. ގެއަށް ދޫކޮށްލި ނަމަވެސް، އެ ކުދިންގެ ނަފްސާނީ ހާލަތު ކައިރިން ބަލަމުން ގެންދާނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.