ދުނިޔެ

ހޮހޮޅައިގެ ހާދިސާ ތައި ޓީމު ދުނިޔެއާ ހިއްސާކޮށްފި

Jul 19, 2018

ބެންގްކޮކް (ޖުލައި 18) - ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި 17 ދުވަސް ވަންދެން ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމު ފުރަތަމަ ފަހަރަށް އެ ހާދިސާގެ މައުލޫމާތު ހިއްސާކޮށްފި އެވެ.

އެ ކުދިން ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ހާދިސާ ހިނގައި ދިޔަ ގޮތް ވަނީ މުޅި ދުނިޔެއަށް ކިޔާދީފަ އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމުގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ އޭގެ ނުވަ ދުވަސް ފަހުންނެވެ.

އެ ކުދިންގެ ތެރެއިން ހަމައެކަނި އިނގިރޭސިން ވާހަކަ ދައްކަން އެނގޭ 14 އަހަރުގެ އަދުލް ސެމޮން ބުނީ، އެ ކުދިން ދިރިތިއްބާ އެންމެ ފުރަތަމަ ފެނުނު އިނގިރޭސިވިލާތުގެ ދެ ޑައިވަރުން ފެނުމާއެކު އޭނާއަށް ބުނަން އެނގުނީ "ހަލޯ" އެކަނި ކަމަށެވެ.

ޓީމު ޖޯޒީ ލައިގެން ތިބި ކުދިންގެ ތެރެއިން، އެއް ކުއްޖަކު ބުނީ އެމީހުން އެހާ ގިނަ ދުވަހު ދިރިތިބީ ހަމައެކަނި ފެން ބޮއިގެން ކަމަށެވެ. "ހަމައެކަނި ފެން. ކާއެއްޗެއް ނުކަން،" އެ ކުއްޖާ ބުންޏެވެ.

"އަހަރެން މަސައް ކަތްކުރީ ކާއެއްޗެއްސާ ދޭތެރޭ ނުވިސްނޭތޯ. ކާއެއްޗެހި މަތިން ހިތަށް އެރީމަ އިތުރަށް ބަނޑުހައިވޭ،" 11 އަހަރުގެ ޗަނިން ބުންޏެވެ.

ވަރަށް އުފާވެރި މާހުލެއްގައި ކުރިއަށް ދިޔަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ހާދިސާގެ ސަބަބުން ލިބުނު ފިލާވަޅުތަކުގެ އެހީގައި މުސްތަގުބަލު ބިނާ ކުރާނެ ކަމަށް ހުރިހާ ކުދިން ބުންޏެވެ.

އެ ކުދިންގެ ކޯޗު، އާކޭ ބުނީ އެ ކުދިން ގޮވައިގެން ހޮހޮޅައަށް ވަނީ އެއް ގަޑިއިރު ތެރޭ އެނބުރި ނުކުންނަށް ހިތުއަޅައިގެން ކަމަށެވެ. ނަމަވެސް، ވަކި ހިސާބަކުން ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވާން ފެށުމުން، ހޮހޮޅައިން ނުނިކުމެވޭނެ ކަން އެނގުނު ކަމަށެވެ.

ދެން ބެލީ ފެން ނުހެދޭ އުސް ތަންކޮޅެއް ފެނޭތޯ ކަމަށާއި، އެ ތާނގާ މަޑުކުރަން ނިންމީ އޭނާ ކަމަށް، އާކޭ ބުންޏެވެ. އާކޭ ކިޔައިދިން ގޮތުގައި، އެތަނުން ނުކުމެވޭނެ އިތުރު މަގެއް ފެނޭތޯ ފުރަތަމަ މަސައްކަތް ކުރެވުނު ކަމަށާއި ފަހުން އެ ކުދިން މާބޮޑަށް ވަރުދެރަވުމުގެ ސަބަބުން އެ މަސައްކަތް ހުއްޓާލީ ކަމަށެވެ. ނަމަވެސް، ބަޔަކު އައިސް ސަލާމަތް ކުރަންދެން މަޑުނުކޮށް، ގަލާއި ދަނޑި ބޭނުންކޮށްގެން ހޮހޮޅައިގެ ފާރުން ލޯވަޅެއް ކޮނެވޭތޯ ވެސް މަސައްކަތް ކުރި ކަމަށް އާކޭ ބުންޏެވެ.

އާކޭ ބުނި ގޮތުގައި ކުރިން ރިޕޯޓް ކުރެވިފައިވާ ގޮތާއި ހިލާފަށް ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ކޮންމެވެސް ވަރަކަށް ފަތަން އެނގޭ އެވެ.

ތައިލަންޑުގެ ނޭވީ އާއި އެކި ގައުމުތަކުގެ ޑައިވަރުން ހިމެނޭ ގޮތަށް އެތަކެއް ސަތޭކަ ޑައިވަރުންނެއް ހަރަކާތްތެރިވި މި އޮޕަރޭޝަންގައި 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކުރީ ތިން ދުވަސް މަތިންނެވެ.

މިހާރު އެ ކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވީ ނަމަވެސް، އިއްޔެ ނޫސް ކޮންފަރަންސްގެ ފަހުން ޓީމުގެ އެއްވެސް މެމްބަރަކު ދެން މީޑިއާ އާއި ވާހަކަ ނުދައްކާނެ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. ގެއަށް ދޫކޮށްލި ނަމަވެސް، އެ ކުދިންގެ ނަފްސާނީ ހާލަތު ކައިރިން ބަލަމުން ގެންދާނެ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެފައި ވެއެވެ.