ދުނިޔެ

ތައި ހޮހަޅައިގެ ހާދިސާ: މުހިންމު ސުވާލުތަކެއްގެ ޖަވާބު!

Jul 14, 2018
6
81.3%
12.5%
6.3%

ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި 17 ދުވަސް ވަންދެން ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކޮށް ކުރީ ހައިރާން ކުރުވި ބޮޑު އަދި ނުރައްކާތެރި އޮޕަރޭޝަނެއްގަ އެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ހޯދި މި ނުރައްކާތެރި އޮޕަރޭޝަންގައި ގާތްގަނޑަކަށް 100 އެއްހާ ޑައިވަރުން ވަނީ ހަރަކާތްތެރިވެފަ އެވެ. ފުރާނަ އަތްމައްޗަށް ލައިގެން ކަނު އަނދިރީގައި، ވައި ފުޅި އަޅައިގެން ވެސް ނުދެވޭ ހަނި ސަރަހައްދުތަކުން ފަތަންވެސް ނޭނގޭ ކުދިންތަކެއް ކާމިޔާބު ކަމާއެކު ނެރުމުގެ މި އޮޕަރޭޝަންގެ ތަފްސީލުތަކާއި މައުލޫމާތުތައް މަޑުމަޑުން އަންނަނީ ތިލަވަމުންނެވެ.

ނަމަވެސް، މިހާދިސާ ދިމާވާން މެދުވެރިވި މި ސަބަބާއި އެ އޮޕަރޭޝަނާއި ގުޅޭ ގޮތުން ގިނަ މީހުންގެ ހިތްތަކުގައި އަދިވެސް ވަނީ އެތަކެއް ސުވާލެއް އުފެދިފަ އެވެ.

ޓީމު ހޮހޮޅައަށް ވަނީ ކީއްކުރަން؟

މި ދުވަސްކޮޅު އެ ސަރަހައްދަށް ވިއްސާރަ ކޮށް ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވުމުގެ ނުރައްކާއޮތް އިރު، ޓީމުގެ ކޯޗު އެ ކުދިން ގޮވައިގެން ހޮހަޅައަށް ވަތން ސީދާ ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް، އެ ދުވަހު ޓީމު ކުޅެން ހަމަޖެހިފައިވާ މެޗެއް ކެންސަލް ވުމުން، ކޯޗު ވަނީ ޓްރެއިނިންގެ ސެޝަނެއް ރާވާފަ އެވެ. ފޭސްބުކް ޗެޓުގައި އެ ކުދިންގެ ބެލެވެނިވެރިންނާއެކު ހަދާފައިވާ ގުރޫޕުގައި، ދަނޑަށް މުޅި ޓީމު ބައިސްކަލުގައި ދާނެ ވާހަކަ ވަނީ ބުނެފަ އެވެ. ނަމަވެސް، ހޮހޮޅައަށް ދާ ވާހަކަ އެއް ބުނެފައެއްނުވެ އެވެ.

އެ ދުވަހަކީ އެތަނުން އެއް ކުއްޖެއްގެ އުފަން ދުވަސް ކަމުން، އެ ޓީމުގެ ބައެއް ކުދިން 700 ބާތުގެ އެކި ވައްތަރު ކާ އެއްޗެހި ގަތް ކަމަށް އެ ސަރަހައްދުގައި ހުންނަ ފިހާރައަކުން ވަނީ ބުނެފަ އެވެ. ބެލެވޭ ގޮތުގައި، ހޮހޮޅައިގެ ތެރޭގައި އުފަން ދުވަސް ފާހަގަ ކުރަން އެ ކުދިން ކޯޗަށް ވެސް ދައުވަތު ދިނީ އެވެ.

ލަފާ ކުރެވޭ ގޮތުގައި، އެ ޓީމު ހޮހޮޅައިގެ ފުދޭ ވަރަކަށް އެތެރެއަށް ވަދެ ތިއްބާ ފެންބޮޑުވާން ފެށުމުން، އުސްތަންކޮޅެއް ހޯދަން ހޮހޮޅައިގެ ތެރެއަށް އިތުރަށް ވަންނަން މަޖުބޫރުވީ އެވެ.

އެހާ ގިނަ ދުވަހު ދިރިތިބެވުނީ ކިހިނެއް؟

މިއީ އެންމެ ގިނަ ހިތްތަކަށް އަރާނެ ސުވާލެވެ. ޖޫން 23 ވަނަ ދުވަހު ހޮހޮޅައަށް ވަތން ކުދިން ދިރިތިއްބާ ފެނިފައިވަނީ އިނގިރޭސި ވިލާތުގެ ދެ ޑައިވަރުންނަށް ނުވަ ދުވަސް ފަހުންނެވެ. އެ ހުރިހާ ދުވަހަކު އެ ކުދިން އަރުން އެތެރެވީ، އެ ތަނުން އެއް ކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކުރަން ގެނައި ކާ އެއްޗެހި ކަމަށް ބެލެވެ އެވެ. ބޮޑަށް ބެލެވޭ ގޮތުގައި، ހިފައިގެން ވަތން ކާއެތިކޮޅު ރަނގަޅަށް ބަހައިގެން ދިރިތިބެވުނީ ކޯޗުގެ ދުރު ވިސްނުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާގެ ބައިން ވެސް ބޮޑު ބައެއް ދިނީ އެ ކުދިންނަށް ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ފުޓުބޯޅަ ޓީމަކަށް ވާތީ، އެ ކުދިން ފިޓުކޮށް ތިބުން ވެސް އެ ކުދިން އެހާ ގިނަ ދުވަހު ދިރިތިބި ސަބަބެއްގެ ގޮތުގައި ވެސް ތަޖުރިބާކާރުން ލަފާކުރެ އެވެ. ހޮހޮޅައިގެ ތެރޭގައި ހެދިފައިވާ ތަޣައްޔަރު ފެން ބުއިމުގެ ބަދަލުގައި، ކޯޗުގެ އިރުޝާދާގު މަތިން އެ ކުދިން ބުއީ، ހޮހޮޅައިގެ ހިލަ ފާރުތަކުން ފޭބި ފެން ކަމަށް ވެސްވެ އެވެ.

ނަމަވެސް އެ ކުދިން ދިރިތިއްބާ ފެނުމާއެކު، ކަމާބެހޭ ފަރާތްތަކުން ވަނީ ކާނާއާއި ބޯފެން އަދި ބޭސް ފޯރުކޮށްދީފަ އެވެ. ފުރަތަމަ އެ ކުދިންނަށް ދިނީ ސިފައިން އާންމުކޮށް ބޭނުންކުރާ ހައި ޕްރޯޓީން ޖެލް ކަމަށްވެ އެވެ.

އެ ކުދިން ތިބީ ކަނުއަނދިރީގައިތަ؟

އެ ކުދިން ފެނުނުއިރު އެ ކުދިންގެ އަތުގައި ހުރީ އެންމެ އާދައިގެ ޓޯޗުތަކެކެވެ. އެހެން ކަމުން އެ ނުވަ ދުވަސް ތެރެއިން ގިނަ ދުވަހު، އެ ކުދިން ތިބީ އެއްވެސް އަލިކަމެއް ނެތި ކަމަށް ބެލެވެ އެވެ. ނަމަވެސް، އެ ކުދިން ފެނުމާއެކު އެތަން އަލި ކުރާނެ އާލަތްތައް ހިފައިގެން އެ ކުދިން ނެރެވެންދެން ކައިރީގައި ޑޮކްޓަރަކާއި ތައިލެންޑު ނޭވީގެ ތިން ޑައިވަރުން ތިއްބެވެ. ނަމަވެސް އެހާ ގިނަ ދުވަހު ދުނިޔޭގެ އަލިކަމެއް ނެތި ތިބެންޖެހުމުގެ ސަބަބުން ލޮލަށް ގެއްލުމެއް ވެދާނެތީ، އެ ކުދިން ސަލާމަތް ކޮށްގެން ނެރުނީ އަވި އައިނު އަޅުވައިގެންނެވެ.

ހޮހޮޅައިގެ ތެރޭގައި އެއްވެސް ޖަނަވާރެއް އުޅުނުތަ؟

ހޮހޮޅައިގެ ތެރެއިން އެއްވެސް ޖަނަވާރެއް ފެނިފައި ނުވާކަމަށް އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ޑައިވަރުންވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، މީދަލާއި ވާލުގެ އަސަރެއްކޮށްފައިވެދާނެތީ އެ ކުދިން ސަލާމަތް ކުރުމަށްފަހު ހޮސްޕިޓަލުން ވަނީ އެ ކުދިންނަށް ރޭބީސް އިންޖެކްޝަން ދީފަ އެވެ.

އެ ކުދިން ނެރެން އެހާ ގިނަ ދުވަސް ނެގީ ކީއްވެ؟

އެ ހޮހޮޅައިގެ ބައެއް ސަރަހައްދުތައް 33 ފޫޓަށް ވުރެ އުސް އިރު އަނެއް ބައި ސަރަހައްދުތަކަކީ ފިތި ބާރުވެގެން ވައި ފުޅި އަޅައިގެން ނުދެވޭހާ ހަނި ސަރަހައްދުތަކެކެވެ. ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ އެ ކުދިން ވަތން ގޮތަށް ފައި މަގުގައި ނިކުމެވޭނެ ހުރިހާ މަގެއް އޮތީ ބަންދުވެފަ އެވެ.

ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައެއްގައި ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިންނާއި އެ ކުދިންގެ ކޯޗާއެކު ތާށިވީ، ޖޫން 23ގައި: އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ ނުވަ ދުވަސް ފަހުން.

އެ އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި ބޭފުޅުން އެންމެ ފުރަތަމަ ވިސްނީ ފެންގަނޑު ހިނދެންދެން އެ ކުދިން ހޮހޮޅައިގެ ތެރޭގައި ބޭތިއްބުމަށެވެ. ނަމަވެސް، މޫސުން ގޯސްވެ ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވާތީ އެ ކުދިން ތިބި ސަރަހައްދުގައި ފެންބޮޑުވުމުގެ ނުރައްކާ އޮތުމުން، ކިތަންމެ ނުރައްކާ ބޮޑު ނަމަވެސް، އެ ކުދިން ޑައިވްކޮށް ނެރެން މަޖުބޫރުވީ އެވެ. ވިއްސާރައިގެ ސަބަބުން، ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވެއްޖެ ނަމަ، އެ ކުދިން ތިބި ހިސާބަށް އޮކްސިޖަން ފޯރުމަށް ހުރަސްއެޅޭނެ ކަމުގެ ބިރު އޮތުމުންނެވެ.

އެ ކުދިން ތިބި ސަރަހައްދަށް ގޮސް އެނބުރި ނިކުންނަށް ޖުމްލަ 11 ގަޑިއިރު ހޭދަވާ ކަމަށްވެ އެވެ. އެއީ އެ ކުދިންނާއި ހަމައަށް ދާން ހަ ގަޑިއިރު އަދި އެނބުރި ނުކުންނަށް ފަސް ގަޑިއިރެވެ.

ހޮހޮޅައިން ފެން ހިންދައިގެން ނުނެރުނީ ކީއްވެ؟

ޑައިވް ނުކޮށް ނެރެވޭ ވަރަށް ބޮޑެތި ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މައްސަކަތް ކެނޑެނޭޅި ކުރި އެވެ. ނަމަވެސް، ބޯކޮށް ވާރޭވެހޭތީ، ޕަމްޕުތަކަށް ފެން ހިންދޭ ވަރަކުން އަލުން ފެން ބޮޑުވަމުން ދިޔަ ކަމަށްވެ އެވެ. އެހެން ކަމުން، ޕަންޕުތައް ބޭނުންކުރީ ހޮހޮޅައިގެ ތެރޭގައި އިތުރަށް ފެންބޮޑުވިޔަ ނުދިނުމަށެވެ.

ހޮހޮޅައިގެ ތެރެއިން ފެންހިންދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: ރޮއިޓާސް

ތިން ދުވަސް މަތިން އެކުދިން ނެރުނީ ކީއްވެ؟

ބޯކޮށް ވާރޭވެހި ހޮހޮޅައިގެ ތެރޭގައި ފެންބޮޑުވަމުން އަންނާތީ އެ ކުދިން ނުނެރެވި ވަގުތު ކުޑަތަންވަމުން އަންނަކަމަށް ބުނެ އެ އޮޕަރޭޝަން ފެށީ އާދީއްތަ ދުވަހެވެ. ފުރަތަމަ ދުވަހު ހަތަރު ކުދިން ސަލާމަތް ކުރުމަށްފަހު އޮޕަރޭޝަން މެދުކަނޑާލީ އިކުއިޕްމަންޓުތަކާއި ވައި ފުޅިތައް އާކުރުމަށް ކަމަށް ބުނެ އެވެ. ޖެހިގެން އައި ދުވަހު އޮޕަރޭޝަން އަލުން ފަށާ ހަތަރު ކުދިން ސަލާމަތް ކުރުމަށްފަހު އަނެއްކާވެސް އޮޕަރޭޝަން މެދުކަނޑާލި އެވެ. ބާކީ ތިބި ހަތަރު ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތް ކޮށްގެން ނެރުނީ އަންގާރަ ދުވަހެވެ.

އެ ކުދިން ނެރުނީ ކިހިނެއް؟

ހޮހޮޅައިގެ ހަތަރު ކިލޯމީޓަރު އެތެރޭގައި ތިބި ކުދިން، ޑައިވްކޮށްގެން ނެރުނީ ކޮންމެ ކުއްޖަކާއެކު ދެ ޑައިވަރުން ތިބެގެންނެވެ. އެ ކުދިން ތިބީ ޑައިވަރަކާއި ވަލަކުން ގުޅާފަ އެވެ. އެ ކުދިން އަޅުވާފައިވަނީ ފުސް ފޭސް މާސްކެވެ. އެކުގައި ޑައިވް ކުރާއިރު، ޑައިވަރުންނަށް އެހީތެރިވެ ދިނުމަށް ޑައިވް ލައިނެއް އަޅާފައިވާއިރު، ވައި ފުޅި އަޅައިގެން ނުދެވޭ ހިސާބުތަކުގައި، ފުޅި އަތަށް ނަގައިގެން ޑައިވަރުންގެ އެހީގައި އެކުދިން ގެންދެވުނެވެ. ނަމަވެސް، ހާއްސަކޮށް ހަނި ސަރަހައްދުތަކުގައި އެކުދިން ހާސްވެދާނެތީ އެ ކުދިން ނެރުނީ "ހޭނައްތާލައިގެން" ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

އެއްވެސް މީހަކު މަރުވިތަ؟

ތައިލަންޑު ކަނޑުގެ ސިފައިންގެ ކުރީގެ ޑަައިވަރު ޕެޓީ އޮފިސަރު ސަމަން ގުނާން މަރުވީ، ތާށިވެފައިތިބި ކުދިންނަށް ވައި ފުޅި ތަކެއް ފޯރުކޮށްދިނުމަށްފަހު ހޮހޮޅައިން އެނބުރި ނުކުންނަށް އައި މަގުމަތީގަ އެވެ. ނޭވީން މިހާރު ރިޓަޔާކޮށްފައިވާ ސަމަން، 38 އެނބުރި އައި އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށެވެ. އޭނާ މަރުވީ ޖުލައި ހަވަނަ ދުވަހު އެވެ.

އެކުދިންގެ އާއިލާ އާ ބައްދަލުވެއްޖެތަ؟

ތިން ދުވަސް މަތިން ސަލާމަތް ކުރެވުނު ހުރިހާ ކުދިންނާއި ކޯޗުގެ ހާލުވެސް ރަނގަޅު ކަމަށް ތައިލަންޑުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް، ހުރިހާ ކުދިންގެ ސިއްހީ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި، އިތުރު ހަތް ދުވަސް ވަރު އަދި ހޮސްޕިޓަލުގައި ތިބެންޖެހިދާނެ ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އާދީއްތަ ދުވަހު ސަލާމަތް ކުރެވުނު ހަތަރު ކުދިންގެ އާއިލާތަކަށް މިހާރު އެ ކުދިން ދެކިލުމުގެ ފުރުސަތު ވެސް މިހާރު ވަނީ ދެވިފަ އެވެ. ނަމަވެސް، އެ ކުދިން އަދިވެސް ކަރަންޓީނު ކުރެވިފައިވާތީ، އެ ކުދިންނާއި ސީދާ ބައްދަލުކުރުމުގެ ފުރުސަތު އަދި ނުދޭ ކަމަށް ވެސް އޮފިޝަލުން ބުންޏެވެ.

އަދި އެކުދިންނަށް މިހާތަނަށް އެއްވެސް ހަރުކާނާއެއް ދީފައިނުވާއިރު، ހޮހޮޅައިގެ ތެރޭގައި އޮކްސިޖަން ލެވެލް ދަށްކަމުން، އެ ކުދިންގެ ހާލަތު އަދިވެސް ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ބިޔަ އޮޕަރޭޝަންގެ ހަރަދު ހަމަޖެއްސީ ކިހިނެއް؟

އެތަކެއް ދުވަހަކަށް ދިގު ދެމިގެންދިޔަ ބިޔަ އޮޕަރޭޝަންގެ ގިނަ ހަރަދުތައް ކޮށްފައިވަނީ ތައިލަންޑު ސަރުކާރުންނެވެ. ނަމަވެސް، ބޭރު އެހެން ގައުމުތަކުގެ އެހީތެރިކަން ވެސް ލިބުނުކަމަށްވެ އެވެ. މި އޮޕަރޭޝަންގައި އެތަކެއް ހާސް ސިފައިންނާއި، ފުުލުހުންނާއި، އާންމުންގެ މީހުން ހަރަކާތްތެރިވެފައިވާއިރު ތައިލަންޑުގެ ބައެއް ވިޔަފާރިވެރިން ވަނީ ކާބޯތަކެއްޗާއި ޓްރާންސްޕޯޓް އެމީހުންގެ އަމިއްލަ ހަރަދުގައި ފޯރުކޮށްދީފަ އެވެ. މީގެ އިތުރުން، ބޭރުން ގެނައި ތަޖުރިބާކާރު ޑައިވަރުންގެ ޓިކެޓް ބެންކޮކް އެއާވޭސް އަދި ތާއި އެއާވޭސް އިން ވަނީ ހަމަޖައްސައިދީފަ އެވެ.

ބޭރުގެ އެހީތެރިކަމެއް ނެތި އެ ކުދިން ސަލާމަތްކުރެވުނީސްތަ؟

ކޭވް ޑައިވިންގް އަކީ ވަރަށް ޓެކްނިކަލް ހުނަރެކެވެ. މުޅި ދުނިޔޭގައި ވެސް މިކަމަށް ހާއްސަ ވަރަށް މަދު ޑައިވަރުންތަކެއް އުޅޭއިރު، ތައިލަންޑުގެ ކަނޑުގެ ސިފައިންނަށް އެހީތެރިކަމެއް ނުލިބި އެ އޮޕަރޭޝަން ކާމިޔާބު ނުވީހެވެ. ބޭރުން ގެނައި ތަޖުރިބާކާރު ޑައިވަރުންގެ އިރުޝާދާއި އެއްގޮތަށް އޮޕަރޭޝަން ގެންދަން ތައިލަންޑު ސަރުކާރުން ދިން އެއްބާރުލުމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.

ކޯޗަށް ފިޔަވަޅު އަޅާނެތަ؟

ކުޑަކުދިންތަކެއް ގޮވައިގެން މަނާ ތަނަކަށް ވަނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ސިފަކޮށް އެއް ބަޔަކު ވަނީ އެ ކުދިންގެ ކޯޗަށް ވަރަށް ފާޑުކިޔާފަ އެވެ. ނަމަވެސް، އެކުދިންގެ ބެލެނިވެރިން ވަނީ ކުރިން ހާމުދުރެއްގެ ގޮތުގައި މަސައްކަތްކުރި 25 އަހަރުގެ ޒުވާން ކޯޗަށް މާފުކޮށްފަ އެވެ. އަދި އެކުދިން ސަލާމަތުން ތިބީ އޭނާގެ ސަބަބުން ކަމަށް، އެ ކުދިން އެންމެ ފުރަތަމަ ހޯދި ޑައިވަރުންވެސް ވަނީ ބުނެފަ އެވެ. އެހެން ކަމުން، އޭނާ އަށް އެއްވެސް ފިޔަވަޅެއް އަޅާނެ ކަމަކަށް ނުބެލެވެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހާސް

ޔޫރަޕު މީހުން އަޅަނުލިކަން ފާހަގަކުރަން.

މޭހުކޯން

މޭހުކޯން ބުނެލަން އޮތީ ހަމަ ރަނގަޅޭ

އަލީ މޫސަ

ބޭރުގެ އިޝޫ ތަކަށް މިކަހަލަ ތަފުސީލު ރިޕޯޓު ރާއްޖޭގެ ނޫސްތަކުން ނުފެނޭ. މިފަހުން މި ފެނުނީ އަވަސްއިން ގެނެސްދިން ދެ ރިޕޯޓު އެކަނި

ރަދީފް

ހެހެހެހެ.ބީބީސީގަ އިން އާޓިކަލްއެއް ވޯޑް ޓު ވޯޑަށް ތަރުޖަމާކޮއްފަ.ގޯހެއް ނޫން.

އަޖައިބު

ރާއްޖެ ކީއްކުރަން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ހަބަރާއި މަޢުލޫމާތު ހޯދަނީ ދުނިޔޭގެ ޚަބަރު ފަތުރާ ބޮޑެތި ވަސީލަތްތަކުން. ބީ ބީ ސީ ، ސީ އެން އެން، އަލްޖަޒީރާ، އޭއެޕްޕީ ، ރޮއިޓަރސް ، މިތަންތަނުން. ރާއްޖޭގެ ނެތް ދުނިޔޭގަ ހިނގާ މިފަދަ ހުރިހާތަނަށް ނޫސްވެރިން ގޮސްގެ މަޢުލޫމާތާއި ޚަބަރު ހޯދޭނެހާ ވަސީލަތްތަކާއި، ޚަރަދު ކުރާނެ ފައިސާއެއް، ރާއްޖޭގެ ނޫސްވެރިން ތަރުޖަމާ ކޮށްގެން ވިޔަސް މިވަރު ކޮށްދޭކަމަށް ޓަކައިވެސް އުފާކުރަން ޖެހޭ..

ބަދީއު

ހުރިހާ އެންމެނެއް ބީބީސީއެއް ނުކިޔާނެ ދޯ. އިނގިރޭސި ކިޔަން ނެންގޭ މީީހުންނަށް މި ލިޔުން ހަމަ ވަރަށް ބޭނުންތެރި.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910