ތައިލަންޑުގެ ހޮހޮޅައެއްގެ ތާށިވެފައިތިބި 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތް ކުރުމުގެ ނުރައްކާތެރި އޮޕަރޭޝަންގައި ގާތްގަނޑަކަށް ސަތޭކަ އެއްހާ ޑައިވަރުން ވަނީ ހަރަކާތްތެރިވެފަ އެވެ. 17 ދުވަސް ފަހުން އެކުދިން ސަލާމަތުން ނެރެފައިވާއިރު، އެ އޮޕަރޭޝަންގައި ތައިލަންޑު ނޭވީގެ ޑައިވަރުންނާއެކު އެކި ގައުމުތަކުގެ އެތަކެއް ތަޖުރިބާކާރު ޑައިވަރުންނެއް އެހީތެރިވެދީފައިވަނީ އެހިތެރިވެދީފަ އެވެ.
އެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ކުރީގެ ތައިލަންޑު ނޭވީ ޑައިވަރެއް މިދިޔަ ހުކުރު ދުވަހު ވަނީ މަރުވެފަ އެވެ. މިހާތަނަށް އެ އޮޕަރޭޝަންގައި ހަރަކާތްތެރި ޑައިވަރުންގެ މާބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ޖެހިލުންކުޑަ ބަތަލުންގެ ގޮތުގައި މުޅި ދުނިޔަ ސިފަކޮށްފައިވާ އޭގެ ތެރެއިން ބައެއް ޑައިވަރުންގެ މައުލޫމާތު މިހާރު ވަނީ ތިލަވެފަ އެވެ.
ޖޯން ވޮލަންތަން އާއި ރިޗަޑް ސްޓެންޓަން
ހޮހަޅައިގެ ތެރޭގައި ތާށިވިތާ ނުވަ ދުވަސް ފަހުން، ކަނު އަނދިރީގައި ތިބި އެ ކުދިންނަށް އެންމެ ފުރަތަމަ އިވުނު އަޑަކީ އިނގިރޭސި ވިލާތުގެ ޖޯން ވޮލަންތަންގެ އަޑެވެ.
އިނގިރޭސި ވިލާތުގެ ތަޖުރިބާކާރު ދެ ޑައިވަރުން ކަމުގައިވާ ޖޯން އާއި ރިޗަޑްގެ އިތުރުން އެމީހުންނާއެކު މަސައްކަތް ކުރާ ރޮބަޓް ހާޕާ އެ ކުދިން ހޯދުމުގެ މަސައްކަތާއި ގުޅުނީ ސީދާ ތައިލަންޑު ނޭވީގެ އެދުމުގެ މަތިންނެވެ. އެ ތިން ޑައިވަރުން ތައިލަންޑަށް އައީ އެ ކުދިން ގެއްލިގެން ހޯދާތާ ތިން ވަނަ ދުވަހެވެ.
އައިޓީ ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ޖޯން އާއި ކުރީގެ ފަޔާ ޑިޕާޓްމަންޓުގެ ރިޗަޑް އަކީ ވޭލްސް ގެ ކޭވް ރެސްކިއު ޓީމުގެ ދެ މެމްބަރުންނެވެ.
ޑރ. ރިޗަޑް ހެރިސް
އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައިވާ ޑރ. ހެރިސް އަކީ ތަޖުރިބާކާރު ކޭވް ޑައިވަރެކެވެ. އޭނާ އަކީ އެ ކުދިންނާއި ކޯޗުގެ ސިއްހީ ހާލަތު ބެލުމަށްފަހު އެ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި އެންމެ މުހިންމު އެއް ރޯލެއް އަދާކުރި ޑައިވަރެވެ.
އެ ކުދިން ދިރިތިއްބާ ފެނުނު ހަބަރު ލިބުމާއެކު، އެ ވަގުތު ޗުއްޓީގައި ހުރި ޑރ. ރިޗަޑް ހެރިސް ވަނީ ޗުއްޓީ ކުރުކޮށްލައި، އެ އޮޕަރޭޝަންގައި ބައިވެރިވެފަ އެވެ. އެ ކުދިން ސަލާމަތް ކުރެވެންދެން ތަޖުރިބާކާރު ޑައިވަރެއް ކަމުގައިވާ ރިޗަޑް ހަފްތާއަކަށް ވުރެ ގިނަ ދުވަހު އެ ކުދިންގެ ކައިރީގައި ހޮހޮޅައިގެ ތެރޭގައި މަޑުކުރި އެވެ.
އެ ކުދިން ސަލާމަތް ކުރުމަށްފަހު، ހޮހަޅައިން އެންމެ ފަހުން ނުކުތީ އޭނާ ކަމަށްވެ އެވެ.
ތައިލަންޑު ނޭވީ ޑައިވަރުން
ތައިލަންޑު ނޭވީގެ އެތަކެއް ޑައިވަރުންނެއް އެ ކުދިން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި އެވެ. މިހާތަނަށް އެއިން އެއްވެސް މީހެއްގެ މައުލޫމާތެއް ތައިލަންޑު ނޭވީން ހާމަކޮށްފައިނުވި ނަމަވެސް، ޕާކު ލޯހަންޝޫން ނަމަކަށް ކިޔާ ޑޮކްޓަރަކާއި އިތުރު ތިން ނޭވީ ޑައިވަރުން ވަނީ ރިޗަޑް އާއެކު ހަފްތާއަކަށް ވުރެ ގިނަ ދުވަހު އެ ކުދިންގެ ކައިރީގައި ހޮހޮޅައިގެ ތެރޭގައި މަޑުކޮށްފަ އެވެ.
ސަމަން ގުނާނު
ތައިލަންޑު ކަނޑުގެ ސިފައިންގެ ކުރީގެ ޑަައިވަރު ޕެޓީ އޮފިސަރު ސަމަން ގުނާން މަރުވީ، ތާށިވެފައިތިބި ކުދިންނަށް ވައި ފުޅި ތަކެއް ފޯރުކޮށްދިނުމަށްފަހު ހޮހޮޅައިން އެނބުރި ނުކުންނަށް އައި މަގުމަތީގަ އެވެ.
ނޭވީން މިހާރު ރިޓަޔާކޮށްފައިވާ ސަމަން، 38 އެނބުރި އައި އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށެވެ. އޭނާ މަރުވީ ޖުލައި ހަވަނަ ދުވަހު އެވެ.
ބެން ރޭމެނަންޓްސް
ބެލްޖިއަން ރައްޔިތެއްކަމުގައިވާ ބެން އަކީ ތައިލަންޑުގެ ޕުކެޓުގައި ޑައިވް ޝޮޕެއް ހިންގާ ތަޖުރިބާކާރު ޑައިވަރެކެވެ. އެންމެ ފުރަތަމަ އެ ކުދިން ދިރިތިއްބާ ހޯދުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑުކަމަށްވެ އެވެ.
ކްލައުސް ރާސްމުސެން
ކްލައުސްއަކީ ތައިލަންޑުގައި އެތަކެއް އަހަރެއް ވަންދެން ދިރިއުޅެމުން އަންނަ ޑެންމާކުގެ ރައްޔިތެކެވެ. އޭނާ ވަނީ ތައިލަންޑުގެ އެތަކެއް ޑައިވް ސްކޫލެއްގައި މަސައްކަތް ކޮށްފަ އެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ބެން ރޭމެނަންޓްސް ގެ ޑައިވް ކުންފުނީގައި އިންސްޓްރަކްޓަރަކަށެވެ.
ކްލައުސްއަކީ އޭޝިޔާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގައި ޑައިވް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ޑައިވަރެކެވެ.
މީކޯ ޕާސީ
ފިންލަންޑުގެ ރައްޔިތެއް ކަމަށްވާ މީކޯ އަކީ ޓެކްނިކަލް ޑައިވަރެކެވެ. އޭނާ އަކީ ތައިލަންޑުގައި ހިންގާ ޓެކްނިކަލް ޑައިވިންގް ސެންޓަރުގެ ފައުންޑަރެވެ.
ޖުލައި ދެވަނަ ދުވަހު އޭނާ އެ ނުރައްކާތެރި އޮޕަރޭޝަނާ ގުޅުނީ ކައިވެންޏަށް އަށް އަހަރު ފުރުން ފާހަގަ ކުރަން އަންހެނުންނާއެކު ހެދި ޕްލޭނު ކެންސަލް ކުރުމަށްފަހު އެވެ.
އައިވަން ކަރަޒިކް
އައިވަން ތައިލަންޑަށް ދިރިއުޅުން ބަދަލުކުރީ ޕާސީއަށް ވުރެ ދެ ތިން އަހަރު ފަހުންނެވެ. ޕާސީގެ ޑައިވް ސެންޓަރު މިހާރު ހިންގަނީ ޑެންމާކުގެ އައިވަން އާއެކީގަ އެވެ.
އެރިކް ބްރައުން
ކެނެޑާގެ ރައްޔިތެއް ކަމަށްވާ އެރިކް އަކީ ވެންކޫވާގައި މަސައްކަތް ކުރާ ޓެކްނިކަލް ޑައިވަރެކެވެ. މީގެ ދިހަ އަހަރު ކުރިން ޑައިވް ކުރަން ފެށި އެރިކް އަކީ މިސުރުގައި ހިންގާ ޓެކްނިކަލް ޑައިވިންގް ސެންޓަރެއްގެ ކޯ ފައުންޑަރެވެ. އޭނާ ފޭސްބުކްގައި ބުނެފައިވާ ގޮތުން، ނުވަ ދުވަސް ތެރޭ ހަތް ޑައިވިންގް މިޝަންގައި ބައިވެރިވެ ހޮހޮޅައިގެ ތެރޭގައި 63 ގަޑިއިރު ހޭދަކޮށްފަ އެވެ.