ދުނިޔެ

ހޮހަޅައިން ނެރުނު ކުދިންގެ ފޮޓޯތައް އާންމުކޮށްފި

Jul 11, 2018

ބެންގްކޮކް (ޖުލައި 11) - ތައިލަންޑުގެ ހޮހޮޅައެއްގެ ތެރޭގައި ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވަންދެން ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމު ހޮސްޕިޓަލްގައި ތިއްބާ ނަގާފައިވާ ފޮޓޯތައް އާންމުކޮށްފި އެވެ. މިއީ އެ ކުދިން ހޮހަޅައިން ނެރުނު ފަހުން އާންމުކުރި ފުރަތަމަ ފޮޓޯތަކެވެ.

ފޮޓޯތައް އާންމުކޮށްފައިވަނީ ތައި ނޭވީ ސީލުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ހުރިހާ ކުދިން ވެސް ތިބީ ބަލި މީހުންގެ ހެދުމުގައި ފޭސް މާސްކް އަޅައިގެންނެވެ. ކުދިން ތިބި ތަނުގައި ތިބީ ހަމައެކަނި ނަރުހުންނެވެ. ނަރުހުން ވެސް ފޭސް މާސްކް އަޅައިގެން ތިބިއިރު ހޮސްޕިޓަލްގެ އެހެން މުވައްޒަފުން ވެސް އެ ކުދިން ބަލަނީ ބިއްލޫރީ ޕާޓިޝަނެއްގެ ފުރަގަހުންނެވެ.

އެ ކުދިންނާ ބައްދަލުކުރުމުގެ ފުރުސަތު އަދި އާއިލާތަކަށް ވެސް ދީފައެއް ނުވެ އެވެ. އެ ކުދިން އިންފެކްޝަނެއްގެ ނުރައްކަލުން ސަލާމަތް ކުރުމަށް އެ ކުދިންނަށް ފަރުވާ ދެމުންދާ ޗިއާން ރާއީ ހޮސްޕިޓަލުން ވަނީ ފިޔަވަޅުތައް އަޅާފަ އެވެ. ބާރަ ކުދިން ވެސް ތިބީ އެ ހޮސްޕިޓަލްގެ އަށްވަނަ ފަންގިފިލާގައި ކަރަންޓީން ކޮށްފަ އެވެ.

ތިން ދުވަސް މަތިން ސަލާމަތް ކުރެވުނު ހުރިހާ ކުދިންނާއި ކޯޗުގެ ހާލުވެސް ރަނގަޅު ކަމަށް ތައިލަންޑުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް، ހުރިހާ ކުދިންގެ ސިއްހީ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށާއި، އިތުރު ހަތް ދުވަސް ވަރު އަދި ހޮސްޕިޓަލުގައި ތިބެންޖެހިދާނެ ކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އަދި އެކުދިންނަށް މިހާތަނަށް އެއްވެސް ހަރުކާނާއެއް ދީފައިނުވާއިރު، ހޮހޮޅައިގެ ތެރޭގައި އޮކްސިޖަން ލެވެލް ދަށްކަމުން، އެ ކުދިންގެ ހާލަތު އަދިވެސް ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

ސިއްހީ ގޮތުން މާބޮޑު މައްސަލަތަކެއް ނެތް ނަމަވެސް، ކަނު އަނދިރީގައި އެހާ ގިނަ ދުވަހު ތިބެންޖެހުމަކީ ނަފްސާނީގޮތުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމުގައި ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ. އަދި އެ ކުދިންނަށް ދިގު މުއްދަތަކަށް ނަފްސާނީ ފަރުވާ ފޯރުކޮށްދީ، އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް އެކުދިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.