ބެންގްކޮކް (ޖުލައި 15) - ތައިލެންޑުގެ ހޮހޮޅައެއްގެ ތެރޭގައި 17 ދުވަސް ވަންދެން ތާށިވެފައިތިބި ޒުވާން ފުޓުބޯޅަ ޓީމު ސަލާމަތް ކުރުމުގައި ހަރަކާތްތެރި ޑައިވަރަކު މަރުވި ހަބަރު އެ ކުދިންނަށް އިއްޔެ ދީފި އެވެ.
ތައިލެންޑު ކަނޑުގެ ސިފައިންގެ ކުރީގެ ޑަައިވަރު ޕެޓީ އޮފިސަރު ސަމަން ގުނާން މަރުވީ، ތާށިވެފައިތިބި ކުދިންނަށް ވައި ފުޅި ތަކެއް ފޯރުކޮށްދިނުމަށްފަހު ހޮހޮޅައިން އެނބުރި ނުކުންނަށް އައި މަގުމަތީގަ އެވެ. ނޭވީން މިހާރު ރިޓަޔާކޮށްފައިވާ ސަމަން، 38 އެނބުރި އައި އެ ކުދިން ހޯދުމުގެ މަސައްކަތުގައި ބައިވެރިވުމަށެވެ. އޭނާ މަރުވީ ޖުލައި ހަވަނަ ދުވަހު އެވެ.
ޖުލައި 10 ވަނަ ދުވަހު ސަލާމަތްކުރި ކުދިންނާއި އެ ކުދިންގެ ކޯޗު އަދިވެސް ހޮސްޕިޓަލުގައި ތިބިއިރު، ޑޮކްޓަރުންގެ އިރުޝާދުގެ މަތިން، ސަމަން ގުނާނު މަރުވި ހަބަރު އެ ކުދިންނަށް ދިނީ އިއްޔެ އެވެ.
ހަބަރު ލިބުމާއެކު، ގިނަ ކުދިން ކަރުނަ އެޅި ކަމަށާއި، ސަމަންގެ މަރުގެ ހިތާމާގައި ބައިވެރިވެ، އޭނާގެ ހަނދާނުގައި އެއް މިނެއްޓުގެ ސުކޫތެއް ވެސް ގެނެސްފައިވާ ކަމަށް ތައިލެންޑު ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ހޮސްޕިޓަލުން އާންމުކޮށްފައިވާ ފޮޓޯތަކެއްގައި، ސަމަންގެ ފޮޓޯ ގަނޑެއް ވަށައިގެން އެ ކުދިން ހިތާމަފާޅު ކުރަމުން ގެންދާ މަންޒަރު ފެނެ އެވެ.
މުޅި ދުނިޔޭގެ ސަމާލުކަން ހޯދި މި ނުރައްކާތެރި އޮޕަރޭޝަންގައި ގާތްގަނޑަކަށް 100 އެއްހާ ޑައިވަރުން ވަނީ ހަރަކާތްތެރިވެފަ އެވެ.
އެ ކުދިން ބުރާސްފަތި ދުވަހު ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށް ތައިލަންޑު ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. ގެއަށް ދޫކޮށްލި ނަމަވެސް، އެ ކުދިންގެ ނަފްސާނީ ހާލަތު ކައިރިން ބަލަމުން ގެންދާނެ ކަމަށް ވެސްވެ އެވެ.
ތައިލެންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމުގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ޖޫން 23 ގަ އެވެ. އެ ކުދިން ދިރިތިއްބާ ފެނިފައިވަނީ ނުވަ ދުވަސް ފަހުންނެވެ. 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ 12 ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު ހޮހޮޅައިގެ ތެރޭގައި ތާށިވެފައި ތިބިއިރު، އެ ޓީމު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ، ތައިލެންޑުގެ ސިފައިންގެ އިތުރުން އެމެރިކާ ސިފައިންނާއި ބޭރުގެ މަޝްހޫރު ޑައިވަރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ތައިލަންޑުގެ ނޭވީ އާއި އެކި ގައުމުތަކުގެ ޑައިވަރުން ހިމެނޭ ގޮތަށް އެތަކެއް ސަތޭކަ ޑައިވަރުންނެއް ހަރަކާތްތެރިވި މި އޮޕަރޭޝަންގައި 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކުރީ ތިން ދުވަސް މަތިންނެވެ.