ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދަނިކޮށް ހާލު ސީރިއަސްވެގެން ފަރުވާ ދެމުންދިޔަ ގައިދީ މަރުވެއްޖެ އެވެ.
ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ ގދ ތިނަދޫ ސިލްވަރު ހަމްޒަތު އަހުމަދެވެ. ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސަސްއިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެހެން ނަމަވެސް ތަފްސީލެއް ނުދެ އެވެ. އެނގިފައިވާ ގޮތުގައި ހަމްޒަތު މަރުވީ ޖަލުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް، އާއިލާއިން އެދިގެން އޭޑީކޭއަށް ބަދަލުކޮށް ފަރުވާދެމުން ދަނިކޮށެވެ.
މިދިޔަ މަހުގެ އެއްވަނަ ދުވަހުވެސް ވަނީ ޖަލުގައި ގައިދީއަކު މަރުވެފަ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޖަލުގައި މީހުން މަރުވާ އަދަދު އިތުރުވެފައިވާ ކަމަށް ބުނެ، މަދަނީ ޖަމްއިއްޔާތަކާއި ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން އެވެ. އެގޮތުން މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު ޖަލުގައި މަރުވި ހާދިސާގައި ކަރެކްޝަންސްގެ އިހުމާލުތަކެއް ހުރި ކަމަށް ތުހުމަތު ކުރެވި އެ މައްސަލަ އެޗްއާރުސީއެމް އިން ދަނީ ތަހުގީގު ކުރަމުން އެވެ. ޖަލުގައި ތިބޭ ގައިދީންގެ ބޭސްފަރުވާގެ ކަންކަމާ މެދު އިހުމާލުވަމުން އަންނަ ކަމަށް ގައިދީން އަންނަނީ ކޯޓްގެ ޝަރީއަތްތަކުގައި އެކި ފަހަރު ޝަކުވާ ކުރަމުން އެވެ. .