ހަބަރު

ފަރުވާއަށް ކުރީގެ ޕީޖީ މުހުތާޒް އެޑްމިޓްކޮށްފި

Jul 22, 2017

ހުކުމެއް ތަންފީޒު ކުރަން ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ކުރިންސުރެ ތަހައްމަލް ކުރައްވާ މައިބަދައިގެ އާލާސްކަންފުޅެއް ބޮޑުވެގެން، އެކަަމަށް ފަރުވާ ކުރަން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލްގައި މިއަދު އެޑްމިޓްކޮށްފި އެވެ.

އާއިލާއިން ބުނީ މުހުތާޒް އެޑްމިޓް ކުރީ މައިބަދައިގެ އާލާސްކަންފުޅަކަށް ޖަހަން ޖެހޭ އިންޖެކްޝަނެއް ޖަހަން އޭޑީކޭގެ ޑޮކްޓަރުން ލަފާ ދެއްވައިގެން ކަމަށެވެ.

އަދި ބުނީ އެ އިންޖެކްޝަން ޖަހަން ޖެހުނީ ކުރިން ދިން ސްޓެރޮއިޑް އިންޖެކްޝަނަށް ފަހު 10 ދުވަސް ވަންދެން ފިޒިއޮތެރަޕީ ދޭން ޑޮކްޓަރު އިރުޝާދު ދެއްވި ނަމަވެސް އެ ފަރުވާ ދޭން ކަރެކްޝަނަލް ސާވިސް އިން ދެ މަސްދުވަސް ފަހުން ފުރުސަތު ދިނުމުން ކަމަށެވެ.

"އޭރު އެ ފަރުވާ ދެވުން ލަސްވުމުން އަލުން އިންޖެކްޝަން ޖަހަން ޖެހުނީ. މިފަހަރު ފަސް ދުވަަސްވަރު ހޮސްޕިޓަލުގައި އޮންނަވަން ޖެހޭ،" މުހުތާޒުގެ އާއިލާގެ ފަރާތުން އަވަސްއާ ވާހަކަ ދެއްކެވި އޭނާގެ ލޯޔަރު ވިދާޅުވި އެވެ.

ކުރީގެ ޕީޖީ މުހުތާޒް 17 އަހަރަށް ޖަލަށްލީ ސައްހަ ނޫން ކޯޓް އަމުރެއް ހެދި މައްސަލައެއްގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. އޭނާ ޖަލަށް ލުމަަށް ހުކުމް ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.