ހަބަރު

ގައިދީން އާއިލާއާ ވާހަކަ ދެއްކުން ހުއްޓުވުމަކީ ކުށެއް: ކުރީގެ ޕީޖީ

ގައިދީންއަށް ލިބެން ޖެހޭ އަސާސީ ހައްގުތައް ހިފެހެއްޓުމަކީ ޓޯޗާކުރުމުގެ އަމަލެއް ކަމަށާއި އެމީހުންނަށް އާއިލާއާ މުއާމަލާތް ކުރުމުގެ ފުރުސަތު ހުއްޓާ ނުލެވޭނެ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހުތާޒު މުހްސިން ވިދާޅުވެއްޖެ އެވެ.

ޖަލުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި މުހުތާޒު އެކަން ފާހަގަކުރެއްވީ އިއްޔެ ކުރިމިނަލް ކޯޓުގައި ހިނގިދިޔަ ޝަރީއަތެއްގައި ވަކީލުން ފާޅުކުރެއްވި ކަންބޮޑުވުމަކާ ގުޅިގެންނެވެ. އެއީ ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމަށް ދައުވާ ލިބޭ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ ޝަރީއަތެވެ.

އޭނާއަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލް އައިމިނަތު ރުކްޝާނާ އިބްރާހިމް ވިދާޅުވީ އޭނާ ބަންދުގައި ހުންނަތާ ދެ އަހަރުވެފައިވާއިރު އާއިލާއަށް ގުޅުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ. އެކަމުގެ ޝަކުވާ އޭނާގެ ފަރާތުން ކޯޓުގައި އެތައް ފަހަރަކު ކުރެވިފައިވީ ނަމަވެސް އެކަމުގެ އިންތިޒާމް ހަމަނުޖެހޭ ކަމަށެވެ. ސުމޮންގެ އެއްވެސް މީހަކު ރާއްޖޭގައި ނެތްއިރު އޭނާއަށް ބަންގްލަދޭޝްގައި ތިބި އާއިލާ މީހުންނަށް ގުޅޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ފާހަގަކުރެއްވި އެވެ.

އާއިލާއަށް ގުޅުމުގެ ފުރުސަތު ބަންދުވެފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ކަރެކްޝަނަލް ސާވިސްއިން އަމަލުކުރަން ފެށި އުސޫލަކާ ގުޅިގެންނެވެ. ސިޔާސީ ގިނަ ބަޔަކު ހައްޔަރުކޮށްފައި ތިބި އެ ދުވަސްވަރު އަމަލު ކުރަން ފެށި އެ އުސޫލުގައިވާ ގޮތުން ގައިދީންނަށް ފޯނު ކޯލް ދޭނީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ފަރާތްތަކުގެ ނަންބަރުތަކަށް އެކަންޏެވެ. އެއީ ޖަލުތަކާއި ޕްރޯލް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި، ފޯން ކޯލް ދިނުމަށް ރަޖިސްޓަރީ ކުރާ ނަންބަރުތަކަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދޭ ފަރާތްތަކުގެ ނަންބަރުތަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާތީ ގެނައި ބަދަލެއް ކަމަށް އޭރު ބުންޏެވެ.

މި އުސޫލުގެ ސަބަބުން ޖަލުގައި ތިބި ބޭރު ގައުމުތަކުގެ މީހުންނަށް އާއިލާތަކަކަށް ގުޅުމުގެ ފުރުސަތު ގެއްލުނެވެ. ރާއްޖޭގެ ޖަލުތަކުގައި ބޭރު މީހުން ހާއްސަކޮށް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ އިންސައްތަ ވަރަށް ގިނަ އެވެ.

އެކަމާ ގުޅިގެން މުހުތާޒު މިއަދު ވަނީ އާއިލާއަށް ގުޅުމުގެ ފުރުސަތު ހަނި ނުކުރެވޭނެ ކަމުގެ ގާނޫނީ ސަބަބުތައް ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ މިކަމަކީ ވަގުތުން ހައްލުކޮށް ދޭން ޖެހޭ ކަމެއް ކަމަށާއި ގާނޫނު އަސާސީއިން ހިދުމަތެއްގެ ގޮތުން ކަނޑައަޅާފައިވާ ކަމެއް ގަވައިދުތަކުން ހަނި ނުކުރެވޭނެ ކަމަށެވެ. މިއީ ޓޯޗާކުރުން ކަމަށާއި މިިކަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން އެއްޗެއް ނުބުނާތީ ކަންބޮޑުވާ ކަމަށެވެ.

މުހުތާޒު ވިދާޅުވި ގޮތުގައި އެންޓި ޓޯޗާ ގާނޫނަށް ބެލިޔަސް އެކަން އެގޮތަށް ހަނި ނުކުރެވޭނެކަން ވަރަށް ސާފުވާ ކަމަށެވެ. އެ ގާނޫނުގެ 14 ވަނަ މާއްދާގެ (ށ)ގެ 14 ވަނަ ނަންބަރުގައިވާ ގޮތުން އާއިލާގެ މެންބަރަކާ ނުވަތަ ގާނޫނީ ވަކީލަކާ ވާހަކަ ދެއްކުން މަނާ ކުރުމަކީ ޓޯޗާގެ އަމަލެކެވެ.