ޖަލުގެ ގައިދީން ކަމަށްވީ ނަމަވެސް އަސާސީ ހައްގުތަކަކީ ގާނޫނުތަކާއި މުއާހަދާތަކުން ވެސް ހައްގުވާ ކަމެކެވެ. އެކަމަކު، ޖަލުގައި ތިބި ރާއްޖެއިން ބޭރު މީހުންނަށް ވަރަށް އަސާސީ ހައްގެއް ވަނީ ގެއްލިފަ އެވެ. އެމީހުންގެ އާއިލާއާ ވާހަކަ ދެއްކުމުގެ ފުރުސަތު ވަނީ ހަނިކޮށްފަ އެވެ. އެފަދަ އެއް މައްސަލައަކީ ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި އިސްމާއިލް އުމަރު (އިއްސެ) މަރާލި ކަމަށް ދައުވާ ލިބޭ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސުމޮން މިއާގެ މައްސަލަ އެވެ.
އިއްސެގެ މަރުގެ ތުހުމަތުގައި ސުމޮން މިއާ ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ދުވަހުން ފެށިގެން އޭނާ މިއަދާ ހަމައަށް ވެސް ހުރީ ބަންދުގަ އެވެ. ތަހުގީގުގައި ވެސް ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވާ ސޮމޮންގެ ޝަރީއަތް އެ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ދަނީ ކުރިއަށެވެ.
މި މައްސަލާގައި ސުމޮންގެ ދިފާއީ ވަކީލަކީ ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލެކެވެ. އެއީ ވަކީލު އައިމިނަތު ރުކްޝާނާ އިބްރާހިމެވެ. އޭނާ ވަނީ މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ސުމޮންއަށް އާއިލީ ފޯނު ކޯލް ނުލިބޭ ކަމުގެ ކަންބޮޑުވުން ގާޒީއާ ހިއްސާ ކުރައްވާފަ އެވެ. މީގެ ކުރީގެ އަޑުއެހުންތަކުގައި ވެސް އެ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެ އަޑުއެހުންތަކުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސާވިސްއަށް އަންގާނެ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ވަކީލް ރުކްޝާނާ ވިދާޅުވި ގޮތުގައި މިއަދާ ހަމައަށް ވެސް އެ އިންތިޒާމް ހަމަޖެހިފައެއް ނުވެ އެވެ. ސުމޮންގެ އެއްވެސް މީހަކު ރާއްޖޭގައި ނެތްއިރު އޭނާއަށް ބަންގްލަދޭޝްގައި ތިބި އާއިލާ މީހުންނަށް ގުޅޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް ފާހަގަކުރެއްވި އެވެ.
އާއިލާއަށް ގުޅުމުގެ ފުރުސަތު ބަންދުވެފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ކަރެކްޝަނަލް ސާވިސްއިން އަމަލުކުރަން ފެށި އުސޫލަކާ ގުޅިގެންނެވެ. ސިޔާސީ ގިނަ ބަޔަކު ހައްޔަރުކޮށްފައި ތިބި އެ ދުވަސްވަރު އަމަލު ކުރަން ފެށި އެ އުސޫލުގައިވާ ގޮތުން ގައިދީންނަށް ފޯނު ކޯލް ދޭނީ ރާއްޖޭގައި މުވާސަލާތީ ހިދުމަތް ދޭ ފަރާތްތަކުގެ ނަންބަރުތަކަށް އެކަންޏެވެ. އެއީ ޖަލުތަކާއި ޕްރޯލް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި، ފޯން ކޯލް ދިނުމަށް ރަޖިސްޓަރީ ކުރާ ނަންބަރުތަކަކީ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދޭ ފަރާތްތަކުގެ ނަންބަރުތަކަށް ވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާތީ ގެނައި ބަދަލެއް ކަމަށް އޭރު ބުންޏެވެ.
ވަކީލް ރުކްޝާނާގެ އެ ކަންބޮޑުވުމަށް ރިއާޔަތް ކުރައްވައި ގާޒީ އަލީ އާދަމް ވިދާޅުވީ ބޭރަށް ގުޅޭނެ އުސޫލެއް އޮތްނަމަ އެކަން އެގޮތަށް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ސުމޮން ފާހަގަވަނީ ވަރަށް މަޑުމަޑުން އިންނަ ބަސް މަދު މީހެއްގެ ގޮތުގަ އެވެ. ޝަރީއަތުގެ މަޖިލީހުގައި ވެސް އޭނާ އަމިއްލައަށް އެފަދަ ކަންކަމާ ގުޅޭ ގޮތުން ޝަކުވާކޮށް ނަހަދަ އެވެ.
ސުމޮން ކުށަށް އިއުތިރާފުވީ ނަމަވެސް ދައުލަތުގެ އެދުމުގެ މަތިން މައްސަލާގައި ހެކި ހުށަހަޅައި ހެކިންގެ ހެކި ބަސް ދަނީ ނަގަމުންނެވެ. އަދި މި މައްސަލާގެ އެ މަރުހަލާ ވެސް ނުނިމެ އެވެ. މިއަދު މައްސަލާގައި ބޭއްވި އަޑުއެހުމުގައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ހެކި ބަސް ވަނީ ނަގާފަ އެވެ.
ބަންގްލަދޭޝްއަށް ނިސްބަތްވާ އެ ޑޮކްޓަރަކީ ސުމޮންއަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާދިން ޑޮކްޓަރެވެ. އިއްސެ މަރާލުމުގެ ތެރޭގައި ސުމޮންއަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. އިހަވަންދޫ އައިސް ޕްލާންޓްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އިއްސެ މަރާލުމަށްފަހު އޭނާާ ފިލުމަށް ދިޔައީ ކުޅުދުއްފުއްޓަށެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ކުޅުދުއްފުށިން ވެސް ފިލަން އުޅެނިކޮށެވެ. އޭނާ ހައްޔަރުކުރުމަށްފަހު ޑޮކްޓަރަށް ގެންދިޔައީ ފުލުހުންނެވެ.
މިއަދުގެ އަޑުއެހުމުގައި ހެކި ބަސް ދެމުން ޑޮކްޓަރު ވަނީ ސުމޮންއަށް ލިބުނު އަނިޔާތައް ތަފްސީލްކޮށް ކިޔައިދެއްވާފަ އެވެ. އެގޮތުން އޭނާގެ ކަނާއަތުގެ އިނގިލިތައް ޒަހަމްވެފައިވާތީ އެ އިނގިލިތައް ފެހިކަން ފާހަގަކުރެއްވި އެވެ. ވާއަތުގައި ހަން މަށައިގެން ގޮސްފައިހުރިކަން ވެސް ޑޮކްޓަރު ފާހަގަކުރެއްވި އެވެ.
މައްސަލާގައި ދެން ހެކި ބަސް ނުނެގި ހުރީ އެންމެ މީހެއްގެ އެވެ. އެއީ އިހަވަންދޫ ހެލްތް ސެންޓަރުގައި އޭރު ހުންނެވި ޑޮކްޓަރެވެ. އޭނާއަކީ އިއްސެއަށް ލިބިފައިވާ އަނިޔާތަކާއި ޒަހަމްތައް ބެލި ޑޮކްޓަރެވެ. ދައުލަތުގެ ވަކީލް މިއަދު ވިދާޅުވި ގޮތުގައި އެ ޑޮކްޓަރު ޗުއްޓީއަށް ގައުމަށް ވަޑައިގެންނެވި ގޮތަށް އަދިވެސް ރާއްޖެ ވަޑައިނުގަންނަވަ އެވެ. އެހެންވެ އޭނާގެ ހެކި ބަސް ނެގިދާނެ ކަމާމެދު ޝައްކު ކަމަށެވެ.
ދައުލަތުން ހުށަހެޅީ އެ ޑޮކްޓަރުގެ ބަދަލުގައި އޭނާ ތައްޔާރުކުރި މެޑިކަލް ރިޕޯޓް ތަރުޖަމާ ކުރި ފުލުހުންގެ ޑޮކްޓަރު ހާޒިރުކުރާށެވެ. ސުމޮންގެ ވަކީލް ވިދާޅުވީ ދައުލަތުގެ އެ ހުށަހެޅުމަށް އިއުތިރާޒު ނުކުރައްވާ ކަމަށާއި އެނބުރި ނާންނާނެ ކަމަށް ބެލެވޭ ޑޮކްޓަރަކަށް މަޑުކޮށް މައްސަލާގެ ޝަރީއަތް އިތުރަށް ދެމިގެންދިޔުން ބޭނުން ނުވާ ކަމަށެވެ.
މައްސަލާގައި ދެން ބާއްވާ އަޑުއެހުމަކީ އެ ޑޮކްޓަރުގެ ހެކި ބަސް ނެގުމަށާއި ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ. އޭގެ ތެރޭގައި އިއްސެގެ މަރާލުމުގެ ހާދިސާ ހިނގައިދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ހިމެނެ އެވެ. ގާޒީ އަލީ އާދަމް އިއުލާން ކުރެއްވި ގޮތުން ދެން އަޑުއެހުން އޮންނާނީ މީގެ ތިން މަސް ފަހުންނެވެ. އެއީ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު އެވެ.
ސުމޮން މިއާ މީގެކުރިން ޝަރީއަތުގައި ބުނެފައިވާ ގޮތުގައި އިއްސެ މަރާލީ އިތުރު ގަޑީގެ ފައިސާ ނުދޭތީ އެވެ. އަދި އޭނާގެ އަންހެނުންނަށް ގުޅައިގެން އިންނަ ވަގުތުގައި އޭނާއާ ދިމާލަށް އިއްސެ އެއްޗެހި ކިޔާތީ އެވެ. އަދި އެ އަޑު އިވިގެން އަހެންނުން ރުޅި އައި ކަމަށާއި އޭގެ ފަހުން އަންހެނުން ފޯނު ނަނަގާ ކަމަށެވެ. އަދި މައިންބަފައިން ކައިރިއަށް ދާ ވާހަކަ ވެސް އަންހެނުން ރުޅި އައިސްގެން ބުނި ކަމަށް ސުމޮން ބުންޏެވެ.
އެހެންވެ، އިއްސެ މަރާލުމުގެ ނިޔަތުގައި ވާގަނޑެއް ހިފައިގެން ގޮސް އިއްސެގެ ކަރަށް މަޅި ޖަހައި މަރާލަން އުޅުނީ ކަމަށް ސުމޮން ބުންޏެވެ. އެކަމަކު އެކަން ކާމިޔާބު ނުވީ ކަރަށް ވާގަނޑު ބާރުކޮށްލަން އުޅެނިކޮށް ނިދާފައި އޮތް އިއްސެ ހޭލުމުންނެވެ. ދެން އޭނާ އިއްސެއަށް ހަމަލާދިނީ ވަޅިންނެވެ. އިއްސެގެ ކަރަށް ދެ ފަހަރަށް ވަޅިން ހަމަލާދިން ކަމަށް ވެސް ސުމޮން ބުންޏެވެ. އެ ހަމަލާއިން ވެސް އިއްސެ މަރުނުވުމުން އޭނާ އެނދުން ބިންމައްޗަށް ވައްޓާލުމަށްފަހު އަނެއްކާވެސް ކަރަށް ވަޅިން ހަމަލާދިނީ ކަމަށް ސުމޮން ބުންޏެވެ. އެ ހަމަލާއަށްފަހު ވަޅި އާއި ވާގަނޑު އެތަނުގައި ބޭއްވުމަށްފަހު އޭނާ އައިސްޕްލާންޓް ނުކުމެގެން ދިޔައީ އެވެ.
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ގާޒީ ވަނީ އިއްސެގެ ވާރިސުންގެ މައުލޫމާތެއް އަދިވެސް ލިބިފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. ރަށު ކޯޓުން އޭނާގެ ގާތް ވާރިސެއް ނެތް ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންވެ ފެމެލީ ކޯޓުން އިއްސެގެ ވާރިސުން ހޯދުމަށް އިއުލާން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ދައުލަތުގެ ވަކީލް ވިދާޅުވީ އިއްސެގެ ދެ ދައްތައެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތު ކޯޓާ ހިއްސާ ކުރައްވާނެ ކަމަށެވެ.