ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުވި މައްސަލާގައި އިހުމާލުވާ ކަމަށް އިއުތިރާފްވީ ތިން މީހުންގެ އިބްތިދާއީ އަޑުއެހުންތައް އަލުން ފެށުމަށް ކުރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.
ބަންގަލަދޭޝްގެ ކުއްޖެއް ކަމަށްވާ، ރައުޝާން ޖީއާން ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައިވަނީ ޑަބްލިޔު ކޮންސްޓަރަކްޝަން އިން ހަދަމުން އައި އިމާރާތަކުންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެ މައްސަލާގައި ބޭއްވި އެންމެ ފުރަތަމަ އަޑުއެހުމުގައި ތިން މީހުން އިއުތިރާފްވެފައިވެ އެވެ. އެކަމަކު އެމީހުންގެ ވަކީލަކު އޭރު ހަމަޖެހިފައެއް ނުވެ އެވެ. އިއުތިރާފްވެފައިވަނީ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހަން އެވެ.
އެ ދުވަހު ޝަރީއަތުގެ މަޖިލީހުގައި ޖިއާން މަރުވި ހާދިސާ ހިނގާފައިވާ ކަމަށާއި ނަމަވެސް އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ތިން މީހުން ވެސް ބުނެފައިވާތީ އެއީ އިއުތިރާފެއް ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވަނީ ކަނޑައަޅުއްވާފަ އެވެ. އިއުތިރާފުވެއްޖެނަމަ، އެ މައްސަލައެއް ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. ފަސް ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހޭނެ އެވެ. އަދި އަދަބު ވެސް އެފަދަ ހާލަތްތަކުގައި ލުއި ވާނެ އެވެ.
އެގޮތުގެ މަތިން އެ ތިން މީހުންގެ މައްޗަށް އަވަސް ނިޔާގެ ދަށުން ހުކުމް އިއްވުމަށް މިއަދު ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުމަށް ތިން މީހުން ވެސް އައީ ވަކީލާއެކު އެވެ. އެ ތިން މީހުންގެ ވެސް ވަކީލަކީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމެވެ.
އެމީހުންގެ މައްޗަށް ހުކުމް އިއްވުމުގެ ޝަމީމް ވަނީ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. ޝަމީމް ވިދާޅުވީ އެ ތިން މީހުން ވެސް ކުރީ އަޑުއެހުމުގައި އިއުތިރާފްވެފައިވަނީ އިއުތިރާފްވެވެވީ ކޮން ކަމަކާ ކަމެއް ރަނގަޅަށް ނޭނގި ތިބެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ އެމީހުންގެ ބައި ވަކީލަކާއެކު އަލުން ފެށުމަށް އެދިވަޑައިގެންނެވި އެވެ. އޭގެ ތެރެއިން ދެ މީހަކީ ހިންދީ ބަހުން ވާހަކަ ދައްކާ މީހުންނެވެ. އަނެއް މީހަކީ ތަމަޅަ ބަހުން ވާހަކަ ދައްކާ މީހެކެވެ. އެމީހުންނަށް ތަރުޖަމާނުން ކޯޓުން ހަމަޖައްސައިދީފައިވެ އެވެ.
ވަކީލަކު ހަމަޖެހިފައި ނެތީސް ކުރީގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އެމީހުންނަށް ވަކީލުންނަށް ހޯދަން 10 ދުވަސް ދީފައިވާ ކަމަށް ބުނެ އެވެ. އެމީހުންނަށް ވަކީލުން ހޯދަން 10 ދުވަސް ދިނީ ލިޔުންތައް ހަވާލުކުރި ދުވަހު ލިޔުމަކުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ވަކީލަކު ހޯދަން ދެވޭނެ އެންމެ ގިނަ މުއްދަތަކީ 10 ދުވަހެވެ.
ނަމަވެސް ޝަމީމް ވިދާޅުވީ ވަކީލަކު ހޯދަން ދޭ 10 ދުވަސް ގުނަން ފަށާނީ ފުރަތަމަ އިބްތިދާއީ އަޑުއެހުމަށްފަހު ކަމަށާއި ލިޔުންތައް ހަވާލުކުރާ ތާރީހުން ފެށިގެން ނޫން ކަމަށެވެ. ފުރަތަމަ އަޑުއެހުމުގައި ތިން މީހުން ވެސް ވަކީލަކު ބޭނުންވާކަން ހާމަކޮށްފައިވާކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.
ތިން މީހުންގެ ބައި އަލުން ފެށުމާ މެދު ދައުލަތުން ވެސް ދެކޮޅެއް ނުހެދި އެވެ. ދައުލަތުން ބުނީ ބޭނުން ވަނީ ދައުވާ ލިބޭ މީހުންނަށް ވެސް އިންސާފުވެރިކޮށް ލިބެން ޖެހޭ ހުރިހާ ފުރުސަތެއް ދީގެން ޝަރީއަތް ކުރިއަށް ގެންދަން ކަމަށެވެ. އަލުން އެމީހުންގެ ބައި ފެށުމަކީ އިންސާފުވެރި ގޮތް ކަމަށް ޝަރީއަތުން ދެކޭނަމަ އެކަމުގައި އިއުތިރާޒެއް ނެތް ކަމަށެވެ.
ގާޒީ އަލީ ރަޝީދު މިއަދު ނިންމެވީ އެ ތިން މީހުންގެ އިބްތިދާއީ އަޑުއެހުން އަލުން ފެށުމަށެވެ. އެކަމަށްޓަކައި މާދަމާއަށް އަޑުއެހުމެއް ތާވަލުކުރި އެވެ. އެކަމަކު އެ ތިން މީހުންގެ ބައި ކުރިއަށް ގެންދަން ނިންމާފައިވަނީ މައްސަލާގައި ދެން ދައުވާ ލިބޭ ތިން މީހުންނާ ވެސް އެއްކޮށެވެ. އެ ތިން މީހުން ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ދައުވާއަށް އިންކާރުކޮށްފައިވަނީ ސިމެންތި ބަސްތާ ސަވާޖީއަށް ބަރުކުރަން އުޅުނު ގުލަމް މަހަމަދާއި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ސައިޓް ސްޕަވައިޒާ މޫސާ ހަސަން އެވެ. އެ ތިން މީހުންނާ ދެކޮޅަށް ދައުލަތުން ވަނީ ހެކި ވެސް ހުށަހަޅާފަ އެވެ. އެ މީހުންގެ ބައިގައި ދެން އޮންނާނީ ދިފާއީ ހެކި ހުށަހެޅުމާއި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ.
މަރުވި ރައުޝާންއަކީ އަތޮޅު ތެރޭގައި ރަށެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރެއްގެ ދަރިއެކެވެ. އެމީހުން މާލެ އައީ ޗުއްޓީ އަކަށެވެ. ރައުޝާންގެ އާއިލާ ވަނީ އިންސާފު ހޯދައިދިނުމަށް އެދިފަ އެވެ. އަދި އިންސާފު ހޯދުމަށް މިހާރު ވެސް އެމީހުން ތިބީ ރާއްޖެގަ އެވެ. އެ ހާދިސާއަކީ މުޅި ރާއްޖެ ސިއްސުވާލި ހާދިސާއެކެވެ. އެކަމާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަން ޖޫރިމަނާ ވެސް ކުރި އެވެ.