ހަބަރު

ޖިއާންގެ މަރު: 3 މީހަކު އިއުތިރާފު، 5 ދުވަސް ތެރޭ ހުކުމްކުރަނީ

ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުވި މައްސަލާގައި އިހުމާލުވާ ކަމަށް އިންޑިއާގެ ތިން މީހަކު މިއަދު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފް ވެއްޖެ އެވެ.

ބަންގަލަދޭޝްގެ ކުއްޖެއް ކަމަށްވާ، ރައުޝާން ޖީއާން ބޮލަށް ސިމެންތި ބަސްތާ ވެއްޓިފައިވަނީ ޑަބްލިޔު ކޮންސްޓަރަކްޝަން އިން ހަދަމުން އައި އިމާރާތަކުންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގަ އެވެ.

މިއަދު މައްސަލާގައި ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމަށް ދައުވާ ލިބޭ ހަ މީހުން ވެސް ހާޒިރުވީ ގާނޫނީ ވަކީލަކާ ނުލަ އެވެ. ވަކީލެއް ހޯދުމަށް ލިޔުމުން މީގެކުރިން ކުރިމިނަލް ކޯޓުން އޮތީ 10 ދުވަހުގެ ފުރުސަތެއް ދީފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދެވޭނެ ދިގު މުއްދަތަކީ 10 ދުވަހެވެ. ދައުވާ ލިބޭ މީހުން ބިދޭސީ ހަތަރު މީހުން ވެސް ބުނީ ވަކީލަކު ހޯދަނީ ކުންފުނީގެ ފަރާތުން ކަމަށާއި އެކަން އަދި ހަމަޖައްސާފައިނުވާ ކަމަށެވެ. ދައުވާ ލިބޭ ކުންފުނީގެ އިސް ދެ މީހުން ބުނީ ވަކީލަކު ހޯދަން އަދިވެސް ފުރުސަތު ބޭނުންވާ ކަމަށެވެ. ނަމަވެސް ގާޒީ ނިންމެވީ މިއަދުގެ އަޑުއެހުން ދިފާއީ ވަކީލުން ނެތް ނަމަވެސް ކުރިއަށް ގެންދާށެވެ. ވަކީލުން އައްޔަންކުރުމުގެ ފުރުސަތު އަދިވެސް އޮންނާނެ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފްވެފައިިވަނީ އިންޑިއާގެ ތިން މީހުން ކަމަށްވާ ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗައުހަން އެވެ. އޭގެ ތެރެއިން ރައްޖާވް އަލީއަކީ ސިމެންތި ބަސްތާތައް އުފުލި ވިންޗް އޮޕަރޭޓްކުރި މީހާ އެވެ.

އެނާގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވެދިޔުމުގައި ފަރުވާ ކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. ސިމެންތި ބަސްތާއެއް ވެއްޓުނީ ވިންޗް ލައިނަށް މާބޮޑަށް ދޫދެވުމުގެ ސަބަބުންނެެވެ. ދައުވާގައިވާ ގޮތުން އޭނާއަކީ އެ މަސައްކަތާ ހަވާލުވެ ހުރި މީހާއެއް ވެސް ނޫނެވެ. އެކަން ހަވާލުކޮށްފައިވަނީ ބަންގްލަދޭޝްގެ މީހަކަށެވެ. ނަމަވެސް ވިންޗް އޮޕަރޭޓްކުރަން ރައްޖާވް އަލީ ދިޔައީ ބަންގްލަދޭޝް މީހާ ބްރޭކަށް ދިޔުމުން އަމިއްލައަށް އިސްނައިގެންނެވެ.

ހިންދީ ބަހުން ވާހަކަ ދައްކާ ރައްޖާވް މިއަދު ޝަރީއަތުގެ މަޖިލީހުގައި އެކަމަށް އިއުތިރާފްވި އެވެ. އޭނާ ބުނީ އެ ހާދިސާ ހިނގާފައިވާކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް ޖިއާން މަރާލުމުގެ ގަސްދެއް އޭނާގެ ނެތް ކަމަށެވެ. އެއީ ހިނގި ހާދިސާއެއް ކަމަށާއި ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް ތަކުރާރުކޮށް އޭނާ ބުންޏެވެ. ނަމަވެސް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ކުށުގެ ޝަރުތުތަކުގެ ތެރޭގައި އަމަލަކީ ގަސްދުގައި ކުރި އަމަލަކަށްވާކަށް ނުޖެހެ އެވެ.

އޭނާ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދެއްކީ ތަރުޖަމާނެއްގެ އެހީއާއެކު އެވެ. ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. ކުށަށް އިއުތިރާފުވެއްޖެނަމަ އަދަބު ހަތަރު އަހަރާއި ހަ މަހަށް ލުއިވެ އެވެ. އެކަން އޭނާއަށް ބުނެދިނެވެ. ރައްޖާވް ދެއްކި ވާހަކަތަކަށް ބަލާފައި މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސެއިން ވަނީ އެއީ އިއުތިރާފެއް ކަމަށް ކަނޑައުޅުއްވާފަ އެވެ.

ދެން ކުށަށް އިއުތިރާފްވެފައިވާ މުތުމަނި ރަމަޗަންދުރަންއަކީ ރައްޖާވްއަށް ސިމެންތި ބަސްތާތައް މައްޗަށް ނެގުމަށް އެންގި މީހާ އެވެ. ރައްޖާވްއަކީ ވިންޗް އޮޕަރޭޓްކުރަން ހަވާލުވެފައިވާ ފަރާތް ނޫންކަން އެނގިހުރެ މުތުމަނި ވަނީ އެކަން ކުރުމަށް ރައްޖާވްއަށް އަންގާފަ އެވެ. އޭނާއަށް ކުރަނީ މީހަކު މަރުވެދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އިއުތިރާފްވާނަމަ، އަދަބު ދެ އަހަރާއި ހަތަރު މަހާއި 24 ދުވަހަށް ލުއިވެ އެވެ.

ޓަމިލް ބަހުން ވާހަކަ ދައްކާ މުތުމަނި ޝަރީއަތުގެ މަޖިލީހުގައި ބުނި ގޮތުގައި އެ ހާދިސާ ހިނގީ އޭނާ އެ މަސައްކަތުގައި ހުއްޓަ އެވެ. އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް އޭނާ ވެސް ވަނީ ބުނެފަ އެވެ. ވިންޗް މައްޗަށް ނަގަން އެންގީ އޭނާ ކަމަށް ބުނެފައިވާތީ ގާޒީ ވަނީ އެއީ ވެސް އިއުތިރާފެއް ކަމަށް ކަނޑައަޅުއްވާފަ އެވެ.

ތިންވަނަ އިއުތިރާފްވީ ކެޝަރިލަލް ޗައުހަންއަކީ ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައި އުޅުނު ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާ އެވެ. އަދަބަކީ އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އިއުތިރާފްވެއްޖެނަމަ 27 ދުވަހުގެ ޖަލު ހުކުމަކަށް ލުއިވާނެ އެވެ.

ހިންދީ ބަހުން ވާހަކަ ދައްކާ ކެޝަރިލަލް ޗައުހަން ބުނި ގޮތުގައި ބަސްތާ މައްޗަށް އެރުވި ކުޑަ ކުއްޖަކު އެތަނުން އައި ކަމެއް އޭނާއަށް ނޭނގެ އެވެ. ބަސްތާތައް އެރުވިއިރު މީހަކު އެހެން ނުދާ ކަމަށް ވެސް ބުންޏެވެ. އަދި އެ ސަރަހައްދުން ނުހިނގުމަށް މީހުން ކައިރީ ބައެއް ފަހަރަށް ބުނި ނަމަވެސް އެކަމަށް ގިނަ މީހުން އަޅާނުލާކަން އޭނާ ފާހަގަކުރި އެވެ. ގަސްދުގައި ނޫން ނަމަވެސް އެކަން ހިނގާފައިވާތީ އޭނާ ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ކުށަށް އިއުތިރާފްވެއްޖެނަމަ އެ މައްސަލައެއް ކުރިއަށް ގެންދަން ޖެހޭނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. އެފަދަ މައްސަލަތައް ފަސް ދުވަސް ތެރޭގައި ނިމަން ޖެހޭނެ އެވެ. އެހެންވެ ގާޒީ ވަނީ އެ ތިން މީހުންގެ ބައިގައި ހުކުމް ކުރުމަށް މި މަހުގެ 26 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމުގައި ތިން މީހުންގެ މައްޗަށް ވެސް ހުކުމް އިއްވާނެ އެވެ. ހުކުމް އަންނާނީ އިއުތިރާފުވުމުން ލިބޭ ލުޔާއެކު އެވެ.

އެމްޑީ، ސްޕަވައިޒާ އިންކާރު، ގިނަ ހެކިތަކެއް

ދައުވާއަށް އިންކާރުކޮށްފައިވަނީ އެންމެ ބިދޭސީއެކެވެ. އެއީ ގުލަމް މަހަމަދެވެ. އޭނާއަކީ ސިމެންތި ބަސްތާތައް ސަވާޖީއަށް ބަރުކުރުމުގައި އުޅުނު ދެވަނަ މީހާ އެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި ނުރައްކަލެއްގައިވާ މީހާއަށް ނުދިނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ދައުވާއަށް އިންކާރު ކުރަމުން ބުނީ އެއީ އޭނާއާ ހެދި ހިނގި ހާދިސާއެއް ނޫން ކަމަށެވެ.

ދެން މި މައްސަލާގައި ދައުވާކޮށްފައިވަނީ ދެ ދިވެހިން ކަމަށްވާ ދަފްތަރު ނަންބަރު 8424، މޫސާ ހަސަން އާއި ދަފްތަރު 7198 އާދަމް ޝަފީގުގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވިކަމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. މޫސާ ހަސަންއަކީ ޑަބްލިޔު ކޮންސްޓަރަކްޝަންގެ ސީނިއާ ސައިޓް ސްޕަވައިޒަރެވެ. އާދަމް ޝަފީގަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. އެ ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

އެހެންވެ އެ ތިން މީހުންގެ މައްޗަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ. މޫސާ އާއި ޝަފީގާ ދެކޮޅަށް ދައުލަތުން 31 ހެކި ހުށަހެޅި އެވެ. އޭގެ ތެރޭގައި 18 ޝަފަވީ ހެކި ވެސް ހިމެނެ އެވެ. ރައުޝާން ޖިއާންގެ މަންމަ އާއި ބައްޕަ އަދި އެ ސަރަހައްދުގައި މަސައްކަތް ކުރަން އުޅުނު މީހުންނާއި ހާދިސާއާ ގުޅޭ އެކި ރިޕޯޓްތައް އެކުލަވާލި މީހުންގެ އޭގެ ތެރޭގައި ހިމެނެ އެވެ. ގުލަމްއާ ދެކޮޅަށް ދައުލަތުން ހުށަހެޅީ ނުވަ ޝަފަވީ ހެއްކާއި 15 ކިތާބީ ހެއްކެވެ.

ދައުލަތުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދެން ބޭނުންވާކަން ހާމަކޮށްފަ އެވެ. އެއީ ރައުޝާން ޖިއާންގެ ޒާތީ ފޮޓޯތަކެއް ހިމެނޭ ރިޕޯޓެއް ސިއްރުކުރުމަށެވެ. އެހެންވެ އެކަމަށް ހަތް ދުވަހުގެ ފުރުސަތެއް ގާޒީ ދެއްވި އެވެ. ދައުވާ ލިބޭ ތިން މީހުންނަށް ވެސް ޝަރީއަތް ކުރިން ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާނަމަ އެ ފުރުސަތު ދެއްވި އެވެ.

ގާޒީ ވަނީ އެ އަޑުއެހުމަށް ވަކީލުންނާއެކު އައުމަށް ބާރު އަޅުއްވާފަ އެވެ. އެ އަޑުއެހުމަކީ އިބްތިދާއީ ގޮތުން ބާއްވާނެ ފަހު އަޑުއެހުމެވެ. އަޑުއެހުމުގައި ދިފާއީ ހެކިން ހާމަ ކުރުމަށް ވެސް ފުރުސަތު ދޭނެ އެވެ. އެ އަޑުއެހުން ތާވަލްކޮށްފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހަށެވެ.

މަރުވި ރައުޝާންއަކީ އަތޮޅު ތެރޭގައި ރަށެއްގައި މަސައްކަތް ކުރަމުންދާ ޑޮކްޓަރެއްގެ ދަރިއެކެވެ. އެމީހުން މާލެ އައީ ޗުއްޓީ އަކަށެވެ. ރައުޝާންގެ އާއިލާ ވަނީ އިންސާފު ހޯދައިދިނުމަށް އެދިފަ އެވެ. އަދި އިންސާފު ހޯދުމަށް މިހާރު ވެސް އެމީހުން ތިބީ ރާއްޖެގަ އެވެ. އެ ހާދިސާއަކީ މުޅި ރާއްޖެ ސިއްސުވާލި ހާދިސާއެކެވެ. އެކަމާ ގުޅިގެން ޑަބްލިއު ކޮންސްޓްރަކްޝަން ޖޫރިމަނާ ވެސް ކުރި އެވެ.