ހަބަރު

ޖިއާންގެ މަރުގެ މައްސަލަ މިއަދު ކުރިއަކަށް ނުގެންދެވުނު

ސިންމެތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާން މަރުގެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކުރި އަޑުއެހުން ކުރިއަށް ނުގެންދެވި ނިންމާލައިފި އެވެ.

މި އަޑުއެހުމަކީ އެ މައްސަލައިގެ ދައުވާ ލިބޭ ހަ މީހުންގެ ވެސް އިޖުރާއީ އަޑުއެހުންތައް އަލުން ފެށުމަށް ތާވަލުކުރި އަޑުއެހުމެކެވެ. ނަމަވެސް މިއަދުގެ އަޑުއެހުމަށް އެ މައްސަލާގައި ދައުވާ ލިބޭ ޑަބްލިޔު ކޮންސްޓަރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގު ހާޒިރެއް ނުވެ އެވެ.

ހަ މީހުންގެ ވެސް ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ ޝަފީގު މާލޭގައި ނޫޅޭ ކަމަށެވެ. އޭނާ މީގެ ދެ ދުވަހެއް ކުރިން ރާއްޖެތެރެއަށް ފުރާފައިވާ ކަމަށެވެ. އަޑުއެހުން ފުރަތަމަ ތާވަލުކުރީ އަންނަ މަހުގެ ދެވަނަ ދުވަހަށެވެ.

ޝަފީގު ހާޒިރުވެ ނެތް ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު އަޑުއެހުން ކުރިއަށް ގެންދަން ނިންމެވި އެވެ. ނަމަވެސް އެ ނިންމެވުމަށް ދައުލަތުން އިއުތިރާޒު ކުރި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދަން އިއުތިރާޒު ކުރާ ކަމަށެވެ. ގާޒީ ވިދާޅުވީ ކުރިއަށް ގެންދަނީ އަނެއް ފަސް މީހުންގެ ބައި ކަމަށެވެ.

އެކަމަށް ވެސް ދައުލަތުން ދެކޮޅެވެ. ވަކީލް ވިދާޅުވީ އެއް ހާދިސާއެއްގެ މައްޗަށް ކުރިއަށްދާ ޝަރީއަތެއް ކަމުން އަދި ހެކިތަކަކީ ވެސް އެއް ހެކިތަކެއް ކަމުން ޝަރީއަތް ކުރިއަށް ގެންދަން ބޭނުން ވަނީ ހަ މީހުންގެ ބައި ވެސް އެއްކޮށް ކަމަށެވެ.

ދައުވާ ލިބޭ މީހުންގެ ވަކީލް ހުސެއިން ޝަމީމް ވިދާޅުވީ އާދަމް ޝަފީގުގެ ބަޔާއި އޭނާއާ ގުޅުން ހުރި ސުޕަވައިޒާ މޫސާ ހަސަންގެ ބައި މިއަދު ކުރިއަށް ނުގެންގޮސް، ދައުވާ ލިބޭ ހަތަރު ބިދޭސީންގެ ބައި ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެއީ އެންމެންގެ ވެސް ވަގުތު ސަލާމަތްވާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް ދައުލަތުން ދެކޮޅު ހަދާފައިވާތީ ގާޒީ ވަނީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދަން ނިންމަވާފަ އެވެ.

ދެން އެ މައްސަލާގެ އަޑުއެހުން އެހެން ދުވަހަކަށް ތާވަލުކުރަން ބެލިއިރު، ޝަމީމް ވަނީ ދިގު ޗުއްޓީއަކަށް ވަޑައިގަންނަވާކަން ހާމަ ކުރައްވާފަ އެވެ. ޝަމީމް ވިދާޅުވީ އަމިއްލަ ކަމެއްގައި އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ސުޕްރީމް ކޯޓުގައި އެދުމުން އެ ޗުއްޓީ ލިބިފައިވާ ކަމަށެވެ. އޭނާ އެނބުރި ވަޑައިގަންނަވަނީ އަންނަ މެއި މަހުގެ ހަވަނަ ދުވަހު އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ބޭނުން ވަނީ އެ މައްސަލާގެ އަޑުއެހުންތައް ވީ އެންމެ އަވަހަކަށް ބޭއްވައި އަވަހަށް އިންސާފު ލިބުން ކަމަށެވެ. އެހެންވެ، ގާޒީ ވަނީ ޝަމީމްގެ ބަދަލުގައި އެހެން ވަކީލަކު ފޮނުވޭނެތޯ އައްސަވާފަ އެވެ. ޝަމީމް ވިދާޅުވީ އެހެން ވަކީލަކު ބަދަލުގައި ފޮނުވެން އޮތްނަމަ އެކަން މިއަދު ކޯޓަށް އަންގަވާނެ ކަމަށެވެ. ދެން އަޑުއެހުން ބާއްވާނެ ދުވަހެއް މިއަދު ގާޒީ ނުނިންމަވަ އެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ބޭއްވި އިޖުރާއީ އަޑުއެހުމުގައި ތިން ބިދޭސީއަކު ކުށަށް އިއުތިރާފުވެ، އެމްޑީ އާއި ސުޕަވައިޒާ އަދި އެހެން ބިދޭސީއަކު ދައުވާއަށް އިންކާރުކޮށްފައިވެ އެވެ. އެ އަޑުއެހުމުގައި ވަކީލަކު ވަޑައިނުގަންނަވަ އެވެ.

އިއުތިރާފުވީ ތިން މީހުންނަށް އަވަސް ނިޔާގެ މަތިން ހުކުމް އިއްވުމަށް އިއްޔެ ބޭއްވި އަޑުއެހުމަށް ފުރަތަމަ ފަހަރަށް ޝަމީމް ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވި އެވެ. އަދި އެމީހުން އިއުތިރާފުވެފައިވަނީ އެ އިއުތިރާފުވެވޭ އެއްޗެއް ރަނގަޅަށް ނޭނގި ކަމަށް ވިދާޅުވެފަ އެވެ. އަދި އެ އަޑުއެހުން ކުރިއަށް ގެންދިޔައީ އެމީހުން ވަކީލަކު ބޭނުންވާ ކަމަށް ބުނެފައިވަނިކޮށް ފާހަގަކުރައްވާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިބްތިދާއީ ފުރަތަމަ އަޑުއެހުމަށްފަހު ދިހަ ދުވަހުގެ މުއްދަތެއް ވަކީލަކު ހޯދަން ލިބެ އެވެ. އެކަމަކު ގާޒީ ދިހަ ދުވަސް ދެއްވީ މައްސަލާގެ ލިޔުންތައް ހަވާލުކުރި ދުވަހުން ފެށިގެންނެވެ. އެހެންވެ އެ އަޑުއެހުމަކީ ސައްހަ ނޫން އަޑުއެހުމެއް ކަމަށް ނިންމައި، އަލުން އިބްތިދާއީ އަޑުއެހުންތައް ފެށުމަށް އިއްޔެ ގާޒީ ނިންމެވި އެވެ.