ހަބަރު

ކޯޓަށް ގެންނަނީ މަސްތުކޮށްގެން، ގާސިމް ނުމަރަން: އަދުހަމް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގަ ހުރެގެން ކަމަށާއި އޭނާ މަރާލި ކަމަށް އިންކާރު ކުރާ ކަމަށް މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އަދުހަމްގެ މައްޗަށް މީގެކުރީ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އޭނާ ވަނީ ގާސިމް މަރާލީ އޭނާ ކަމަށް ބުނެފަ އެވެ.

ގާސިމް މަރާލީ ގަސްދުގަ ނޫން ކަމަށާއި އޭރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ބުންޏެވެ. ގާސިމަށް ހަމަލާދިނީ ފޭރެން އުޅުމުން އޭނާ، އަޑުގަދަ ކުރުމުން ކަމަށް ބުނެ އެ ރޭގެ ހާދިސާ ހިނގައިދިޔަ ގޮތް ތަފްސީލްކޮށް އަދުހަމް ކިޔައިދީފައިވެސްވެ އެވެ.

އަދުހަމް، ތަހުގީގު މަރުހަލާގައި ވެސް ކުށަށް އިއުތިރާފުވި އެވެ. އަދި، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ވެސް ހެދި އެވެ. އެ އެއްބަސްވުމުގެ ދަށުން ގާސިމްގެ ވާރިސުން މާފުދީފިނަމަ، އޭނާގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަށް އެއްބަސްވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ބުނަން ވެސް ބުންޏެވެ.

އެހެންވެ، އެ ދުވަހު މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ނިންމެވީ މައްސަލަ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާށެވެ. މިއަދު އަވަސް ނިޔާގެ އަޑުއެހުން ބޭއްވި އެވެ. އެ އަޑުއެހުމަކީ އަދުހަމްގެ މައްޗަށް ހުކުމް އިއްވައިި ވާރިސުންގެ ބަސް ހޯދައި އަދަބު ކަނޑައަޅަން ތާވަލުކުރި އަޑުއެހުމެކެވެ.

ނަމަވެސް އަދުހަމްގެ މުޅި ވާހަކަ މިހާރު ވަނީ އެނބުރިފަ އެވެ. އަދުހަމް މިއަދު ވަނީ ގާސިމް މަރާލައިގެން އޭނާގެ މައްޗަށް އިއްވާފައިވާ ދައުވާއަށް އިންކާރު ކުރާ ކަމަށް ބުނެފަ އެވެ. އެ ދުވަހު ކުށަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށް ވެސް ބުންޏެވެ.

އަދުހަމް މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނި ގޮތުގައި އޭނާ ކޯޓަށް ގެންނަނީ މަސްތުވާތަކެތި ދީގެންނެވެ. އެކަން ކުރަނީ ފުލުހުން ކަމަށް އޭނާ ބުންޏެވެ. އޭނާއަށް ހޭވެރިކަން ޖެހުނީ މާފުއްޓަށް ބަދަލުކޮށް ކަރެކްޝަން ސާވިސްއާ ހަވާލު ކުރުމުން ކަމަށެވެ. ކަރެކްޝަންގެ ބެލުމުގެ ދަށަށް އަދުހަމް ގެންދިޔައީ މިފަހުންނެވެ.

އަދުހަމް ކުށަށް އިންކާރު ކުރާތީ ދައުލަތުން ވަނީ މައްސަލަ ކުރިއަށް ގެންދިޔުމަށް އެދިފަ އެވެ. އެހެންވެ އަލުން އިބްތިދާއީ އަޑުއެހުންތައް ފަށައި ހެކި ހުށަހަޅައި ޝަރުއީ މަރުހަލާތައް ފެށުމަށް ގާޒީ ނިންމެވި އެވެ.

ފޭރުމާއި ވައްކަމުގެ ކުށުގެ ރިކޯޑް އޮންނަ އަދުހަމްއަށް ވަކީލަކު ހަމަޖައްސައިދީފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. އެ ވަކީލް، ޝަރީއަތުގެ މަޖިލީހަށް ހާޒިރުވި އެވެ. ވަކީލް ވިދާޅުވީ އަދުހަމް، ދައުވާއަށް އިންކާރު ކުރާކަން އެނގުނީ މިއަދު ކަމަށެވެ. އޭނާ ކުރާ ތުހުމަތުތައް ބަލަން ޖެހޭ ކަމަށާއި ނަމަވެސް މީގެކުރިން އެފަދަ ވާހަކައެއް އަދުހަމް، ވަކީލް ކައިރީގައި ބުނެފައިނުވާ ކަމަށް ވިދާޅުވި އެވެ.

އަޑުއެހުން އަޑުއެހުމަށް ފުލުހުންގެ އޮފިސަރުން ވެސް ހާޒިރުވެ އެވެ. އަދި ގާސިމްގެ ވާރިސުން ވެސް އަޑުއެހުމަށް ވަދެ އެވެ. މީގެކުރިން ބޭއްވި އަޑުއެހުމުގައި ގާސިމް މަރާލި ކަމަށް އެއްބަސްވެ، އޭނާގެ އާއިލާގެ ކިބައިން އަދުހަމް މާފަށް ވެސް އެދުނެވެ. އަދި އެކަމާ ތައުބާވެ ނަމާދު ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.