ގާސިމް ހަސަންގެ މަރު

އަދުހަމް ކޯޓަށް ގެންދަނީ މަސްތުކޮށްގެނެއް ނޫން: ފުލުހުން

ޓެކްސީ ޑްރައިވަރު ގާސިމް މަރާލި މައްސަލާގައި އަދުހަމް ޝަރީއަތުގައި ދައުވާއަށް މީގެ ކުރިން އެއްބަސްވެފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށާއި ފުލުހުން މަސްތުވާތަކެތީ ދޭ ކަމަށް ބުނެ އަދުހަމް މިއަދުގެ އަޑުއެހުމުގައި ދެއްކި ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ގާސިމްގެ މަރުގެ މައްސަލާގައި އަދުހަމްގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފަ އެވެ. މި ކުށުގެ އަދަބަކީ މަރުގެ އަދަބެވެ. އަދުހަމްގެ މައްޗަށް މީގެކުރީ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އޭނާ ވަނީ ގާސިމް މަރާލީ އޭނާ ކަމަށް އިއުތިރާފު ވެފަ އެވެ.

އެ މައްސަލާގައި މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި އަދުހަމް ބުނެފައި ވަނީ ގާސިމް މަރާލީ ގަސްދުގަ ނޫން ކަމަށާއި އޭރު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. ގާސިމަށް ހަމަލާ ދިނީ ފޭރެން އުޅުމުން އޭނާ، އަޑުގަދަ ކުރުމުން ކަމަށް ބުނެ އެ ރޭގެ ހާދިސާ ހިނގައިދިޔަ ގޮތް ވެސް ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ކިޔާދީފައިވެ އެވެ.

އަދުހަމް ވަނީ ތަހުގީގު މަރުހަލާގައި ވެސް ކުށަށް އިއުތިރާފުވެފަ އެވެ. ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ވެސް ހެދި އެވެ. އެ އެއްބަސްވުމުގެ ދަށުން ގާސިމްގެ ވާރިސުން މާފު ދީފިނަމަ، އޭނާގެ މައްޗަށް އަންނާނީ 17 އަހަރުގެ ޖަލު ހުކުމެކެވެ. އެކަމަށް އެއްބަސްވާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ބުނަން ވެސް ބުންޏެވެ.

އެކަމަކު އެ މައްސަލާގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަދުހަމް ބުނީ ގާސިމް މަރާލައިގެން އޭނާގެ މައްޗަށް އިއްވާފައިވާ ދައުވާއަށް އިންކާރު ކުރާ ކަމަށާއި އެ ދުވަހު ކުށަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށެވެ. ޝަރީއަތުގެ އަޑުއެހުމަށް ފުލުހުން އޭނާ ކޯޓަށް ގެންދަނީ މަސްތުގެ ހާލުގައި ހުރެގެން ކަމަށް އޭނާ ބުންޏެވެ.

އެ ވާހަކަތައް ދޮގުކޮށް ފުލުހުން މިއަދު ބުނީ އަދުހަމްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ އެބަހުރި ކަމަށެވެ. އަދި، މަސްތުވާތަކެތި ގަނެފައި އަދުހަމަށް ފުލުހުން ދިން ކަމަށް ބުނެ ޝަރީއަތުގައި މިއަދު ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދުހަމް ކުށަށް އިންކާރު ކުރާތީ ދައުލަތުން ވަނީ މައްސަލަ ކުރިއަށް ގެންދިޔުމަށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އެދިފަ އެވެ. އެހެންވެ އަލުން އިބްތިދާއީ އަޑުއެހުންތައް ފަށައި ހެކި ހުށަހަޅައި ޝަރުއީ މަރުހަލާތައް ފެށުމަށް މައްސަލަ ބައްލަވާ ގާޒީ ނިންމެވި އެވެ.

ފޭރުމާއި ވައްކަމުގެ ކުށުގެ ރެކޯޑް ވެސް އޮންނަ އަދުހަމަށް ވަކީލަކު ހަމަޖައްސައި ދިނީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް ވެސް އެ ވަކީލް ހާޒިރުވި އެވެ. ވަކީލް ވިދާޅުވީ އަދުހަމް، ދައުވާއަށް އިންކާރު ކުރާކަން އެނގުނީ މިއަދު ކަމަށެވެ.

ވަކީލް އިތުރަށް ވިދާޅުވީ، ފުލުހުންގެ މައްޗަށް އަދުހަމް ކުރާ ތުހުމަތުތައް ބަލަން ޖެހޭ ކަމަށާއި ނަމަވެސް މީގެ ކުރިން އެފަދަ ވާހަކައެއް ވަކީލް ކައިރީގައި އޭނާ ބުނެފައި ނުވާ ކަމަށެވެ.

އަޑުއެހުން އަޑުއެހުމަށް ފުލުހުންގެ އޮފިސަރުން ވެސް ހާޒިރުވެ އެވެ. އަދި ގާސިމްގެ ވާރިސުން ވެސް އަޑުއެހުމަށް ވަދެ އެވެ. މީގެކުރިން ބޭއްވި އަޑުއެހުމުގައި ގާސިމް މަރާލި ކަމަށް އެއްބަސްވެ، އޭނާގެ އާއިލާގެ ކިބައިން އަދުހަމް މާފަށް ވެސް އެދުނެވެ. އަދި އެކަމާ ތައުބާވެ ނަމާދު ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.