ހަބަރު

މުހީތުގެ މަރު: ކުށް ސާބިތުވި ދެ މީހުން މަރަން ހުކުމްކޮށްފި

ގ. ވޭރު އަބްދުލްމުހީތަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި މައްސަލާގައި ކުށް ސާބިތުވާ ކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅި ދެ މީހުން މެރުމަށް އިއްޔެ ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ މުހީތު މަރާލި މައްސަލައިގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ. އެއީ ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއު އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ އިތުރުން ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހެވެ.

އޭގެ ތެރެއިން މަރަން ހުކުމްކުރީ މައިމޫނާއި މުހުޖަތުގެ މައްޗަށެވެ. މުޝައްފާއުގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ. އޭނާ ވަނީ މިނިވަންވެފަ އެވެ.

އިއްޔެ ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައިވާ ގޮތުގައި މުހީތު މަރުވެފައިވަނީ މައިމޫނާއި މުހުޖަތު އިތުރު ބަޔަކާ ގުޅިގެން ދިން ހަމަލާތަކެއްގެ ސަބަބުންނެވެ. އެ ހަމަލާ މުހީތަށް ދިނުމަށް ސައިކަލްތަކެއްގައި އެތަނަށް ދިޔަ މީހުންގެ ތެރޭގައި މައިމޫނު ހިމެނޭ ކަމާއި ހަމަލާދިން މީހުންގެ ތެރޭގައި މުހުޖަތު ހިމެނޭކަން ހެކިންގެ ހެކިބަހުންނާއި ގަރީނާތަކުން ސާބިތުވާ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ ހައްގަކާ ނުލާ މީހަކު މަރައިފިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާނަމަ މިހާރުގެ ގާނޫނުލްއުގޫބާތުގައިވާ ގޮތުން އެ ކުށަށް ދޭން ޖެހޭނެ އަދަބަކީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަދަބު ކަމަށެވެ. މުހީތުގެ ހުރިހާ ވާރިސުން ވެސް މަރަށް މަރު ހިފަން ބޭނުންވާތީ ކުރިމިނަލް ކޯޓުން ކަނޑައެޅީ އެ ދެ މީހުންގެ މައްޗަށް ވެސް މަރުގެ ހުކުމް އިއްވުމަށެވެ.

މި މައްސަލައަކީ ޝަރީއަތް ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުން އެކި ފަހަރު މަތިން ބަދަލުވެފައިވާތީ މައްސަލަ ހުއްޓިފައި ވެސް އޮތެވެ. އެންމެ ފުރަތަމަ މި މައްސަލާގެ ޝަރީއަތުގެ ފަހު އަޑުއެހުންތަކާ ހަމައަށް ދިޔައީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭރު ވެސް އެ ޝަރީއަތް ކުރިއަށްދާތާ ތިން އަހަރު އޮތީ ވެފަ އެވެ.

މުހީތުގެ މަރުގެ މައްސަލާގައި ތިން ކުޑަ ކުއްޖަކާ ދެކޮޅަށް ޖުވެނައިލް ކޯޓުގައި ވެސް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް ޖުވެނައިލް ކޯޓުން މަރުގެ ހުކުމް އިއްވި އެވެ. އަނެއް ކުއްޖާ ސަލާމަތްވި އެވެ. މަރުގެ ހުކުމް އިއްވި ދެ މީހުންގެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.