ހަބަރު

"ގޯސް ހެދި ޖަލު އޮފިސަރުންނަށް މި ސަރުކާރުން ޕްރޮމޯޝަން ދިން"

ޖަލުތަކުގައި ލާއިންސާނީ އަމަލު ހިންގާ ގޯސް ހެދި ގިނަ އޮފިސަރުންނަށް މި ސަރުކާރުން ޕްރޮމޯޝަން ދީފައިވާ ކަމަށް ޖަލުން މިނިވަންވެވަޑައިގެންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެ އެވެ.

"ސީއެންއެމް" ޓީވީގައި ވާހަކަ ދައްކަވަމުން މުހުތާޒް ވިދާޅުވީ ޖަލުތަކުގައި އަނިޔާ ކުރާ މައްސަލަތަކާއި އެތަނުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވަނީ އެތަން ހިންގަން ތިބޭ ފަރާތްތަކުގެ ސަބަބުން ކަމަށެވެ. ޖަލުގައި ގޯސްތައް ހަދާފައިވާ ފަރާތްތަކައް ޕްރޮމޯޝަން ދީފައި ބަހައްޓައިގެން ރަނގަޅެއް ނުކުރެވޭނެ ކަމަށާއި އެތަނުގެ ހާލަތު އިތުރަށް ގޯސްވަމުން ދާނެ ކަމަށް މުހުތާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ ގޯހޭ ގޯހޭ ބުނީމަ ފަނޑިޔާރު ކަމަށް އައްޔަން ކުރާ މީހާގެ މައްސަލަ ބަލާތަން. ކީއްވެތޯ މިކަހަލަ ކަންމަމުގައި އެކަން ނުފެންނަނީ، އެ ގޯސް ކަމަށް ވަންޏާ ގޯސްވާ މީހާ ޕްރޮމޯޝަން ދީފަ އެ މަގާމުގައި ބެހެއްޓީމަ އޭނަ އެކަމެއް އިތުރަށް ރަނގަޅެއް ނުކުރާނެ،" މުހުތާޒް ވިދާޅުވި އެވެ.

މި ސަރުކާރުން އެފަދަ ބަޔަކަށް ޕްރޮމޯޝަން ދިންތޯ ޕްރެޒެންޓާ ސުވާލު ކުރުމުން މުހުތާޒް ވިދާޅުވީ މާފުށީ ޖަލުގައި ވެސް އެފަދަ ވަރަށް ބައިވަރު މީހުން އުޅޭ ކަމަށާއި އެ މީހުންނަށް މި ސަރުކާރުން ޕްރޮމޯޝަން ދީފައިވާ ކަމަށެވެ.

"މި ދައްކަނީ ބަންދުގައި ތިބޭ މީހުންގެ ވަހަކަ، އެ މީހުންނާ ދޭ ތެރޭގައި ލާއިންސާނީ ގޮތައް އަމަލުކޮށްފައި ތިބި ބަޔަކު ދެން އެތާ ތިބެގެން ނުވާނެ އެއީ ކުރެވިގެން ވާނެ ކަމެއް ނޫން. އެހެން ނަމަވެސް އިތުރު ކުރިއެރުންތަކާއެކު އެ ބޭފުޅުން ވެސް އެބަތިއްބެވި. ތިއްބަވައިގެން ކުރަން އުޅޭތީ ނުކުރެވިގެން އެ އުޅެނީ," މުހުތާޒް ވިދާޅުވި އެވެ.

ޖަލުގައި އަޅާ ނުލާ ދޫކޮށްލާ ކަންކަމުގެ މިސާލެއް ވިދާޅުވަމުން މުހުތާޒް ވިދާޅުވީ ބަންދުކޮށްފައި ތިބި އެތައް ބިދޭސީއެއް އާއިލާއަށް ފޯނެއް ކޮށްލުމުގެ ހައްގުން މަހުރޫމްވެފައި ތިބި ކަމަށާއި އެއީ ކަނޑައެޅިގެން ޓޯޗާގެ އަމަލެއް ކަމަށެވެ. އަދި އެކަން ނުކޮށްދީ ތިބެނީ ޖަލުގެ ހަރަދު ބޮޑުވާ ކަމަށް ބުނެފައި ކަމަށާއި ނަމަވެސް އޭގެ އިތުރު ގޮތްތަކެއް ހޯދޭނެ ކަމަށް މުހުތާޒް ވިދާޅުވި އެވެ. އެގޮތުން މުއާސަލާތީ ހިދުމަތް ދޭ ފަރާތްތަކުން ތިބީ ކަރެކްޝަންސްއަށް ކުރަން ޖެހޭ ހަރަދު މަދު ކުރަން ޖަލުން ގުޅާ ފަރާތުގެ ފޯނުން އެ ފައިސާ ޗާޖު ކުރާ ގޮތައް ވެސް ބަދަލު ކުރަން ތައްޔާރަށް ކަމަށް މުހުތާޒް ވިދާޅުވި އެވެ.